އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަށް ވެދުމާއެކު ޖަހާ އާދޭހުގެ ސަލާން!- ހެޔޮ ނުވާނެ ކަރަންޓު ކޮޅަށް ތިހެން ނުހަދާ!

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަށް ވެދުމާއެކު ޖަހާ އާދޭހުގެ ސަލާން!- ހެޔޮ ނުވާނެ ކަރަންޓު ކޮޅަށް ތިހެން ނުހަދާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަށް ރައްޔިތުން މިއަދު މިވަނީ އާދޭހުގެ ސިޓީއެއް ފޮނުވަން ޖެހިފައެވެ. ދޮލަނގަކަށް ދެފައިލައި ދޮވެދޭންވެސް ޖެހިފައެވެ. އަދި އެނޫން ކަމެއް ކޮށްދެވެން އޮތް ނަމަ އެކަމެއްވެސް ކޮށްދޭންޖެހިފައެވެ.

ސަރުކާރުން ގެންދަނީ ސްޓެލްކޯ އިން އެދޭހައި ވަރަކަށް ޖެނެރޭޓަރުތައް ގެނެސްދެމުންނެވެ. އެންމެ ފަހުން ގެނައި ބިޔަ ބޮޑު ޖެނެރޭޓަރު ބެހެއްޓީ ދާދި އިހައްދުވަހުއެވެ. މާލެ ގެނެސް ދިނުމުން ބަހައްޓަން 2 މަހެއްހައި ދުވަސް ނެގި ވާހަކަ އިހަށް ބާއްވަމާ ހިނގާށެވެ.

ޖެނެރޭޓަރު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ މި ބިޔަ ޖެނެރޭޓަރު ގެނައުން ލަސްވާނެ އެއް ސަބަބަކީ ސްޓެލްކޯއިން ލިބެންހުރި ޖާގައިގެ މެޝަރމަންޓްތައް ބަލައި އެ މެޝަރމަންޓްތަކަށް ޖެނެރޭޓަރު ހަދައިގެން ގެންނާތީ ކަމަށެވެ.

އެހައި ބަރާބަރަށް ފިޓްކޮށް ހަދައިގެން ގެނައުމުން ބަހައްޓައި ކަރަންޓް ދޭން 2 އަހަރު ނުނަގައި 2 މަހުންދިންކަން ވަރަށް ރަނގަޅުތާއެވެ!
ކޮންމެ އަކަސް އެކަންތައްތައް ދެން ބާއްވާށެވެ. އަޅައިވެސް ލާނެ ކަމެއް ނެތެވެ. ކޮށްލަދެއްވަންވީ އެންމެ ކަމެކެވެ. މި ރަމަޟާންމަސް ފަދަ އެންމެންނަށް ކަރަންޓް އިންތިހާއަށް މުހިންމު ދުވަސްކޮޅުގައިވެސް "ބޮޑުގެރި ބޭރަށް ހިންގާ" އުޞޫލުން ކަރަންޓް ނުދާނެ ގޮތެއް ހަދައިދިނުމެވެ. ބިޔަ ބޮޑު ޖެނެރޭޓަރާއި ދެންވެސް ހުރި އެތައް ބައިވަރު ޖެނެރޭޓަރެއްގެ ބޭނުންކޮށްގެން އެވަރުކޮށްލަދިނުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅު ފުއްދަވާނެއެވެ. ރައީސް ޔާމީންގެ ކޮންމެ މަޝްރޫއަކީ މަހާ މަޝްރޫއެކެވެ. ބިޔަ މަޝްރޫއެކެވެ. މަހާ ޖައްރާފް ފަދަ މަޝްރޫއުތަކެވެ. އެހެންކަމުން ހުޅުމާލެއާއި މާލޭގެ ކަރަންޓް ގުޅައިލަދޭ ބިޔަ މަޝްރޫއު މިހާރު އެދަނީ ކުރިއަށެވެ. ނިންމަން ވަހުތުކޮޅެއް ނަގާނެއެވެ. އެއީ އެންމެންވެސް ޤަބޫލުކުރާނެ ކަމެކެވެ.

މި 2 އަހަރެއްހައި ދުވަހުވެސް މާލޭގައި މީހުން އުޅެން އެބަޖެހެއެވެ. ކަރަންޓް ބޭނުންވެސް ވެއެވެވެ. އެހެންވީމާ މިހާރު މާލޭގެ ކަރަންޓަށް ޖެހިފައި މިވާ ބޮޑުގެރި ބޭރަށް ހިންގާ ރޯގާގެ އަސްލު ވައިރަސް ހޯދައި ބޭސް ދޭން އެނގޭ ބައަކު ސްޓެލްކޯގައި ތިބި ކަމަށް ޤަބޫލުކުރެވޭކަށް ނެތެވެ. ނުވަތަ އެމީހުންނަށް އެނގުނު ނަމަވެސް ބަލީގެ އަސްލު ބޭސްދީ ބަލި ފަސޭހަކޮށްދޭނެ ކަމަކަށް ބެލެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ.
އެހެންވީމާ ބޭރުން ޑޮކްޓަރުން ގެނެސްގެން އެންމެ ކުޑަމިނުން ތިއަ ތަނުގެ ހަޤީޤީ ހާލަތު ބަލައިލުން ކީއްތޯއެވެ؟ ކޮންމެ ދުވަހަކު 3 އިރު އިރަކު 4 ގުޅަ ބޭސް ރައްޔިތުންނަށް ކާން ނުޖައްސައި މިބޮޑު މުޞީބާތުން މާލޭގެ ރައްޔިތުން ސަލާމަތްކޮށްދިނުން ކީއްތޯއެވެ!

މާލޭގެ ރައްޔިތުންނަށް ކަރަންޓް ނުލިބުނަސް އިރުއިރު ކޮޅުން ކަރަންޓްދާތީ ހިފައި ގެންގުޅޭ ތަކެތި ކިތަންމެ އަވަސް އަވަހަށް ހަލާކުވި ނަމަވެސް މެނޭޖިންގ ޑިރެކްޓަރު ފޮނުއްވާ ބިލު ހިތުގެ އަވަސް ވީމާ އީސީޖީގެ ރޮނގުތައް މަތިވާ އުޞޫލުން ކޮންމެ މަހަކު މިދަނީ މަތިވަމުންނެވެ. ހުރިހާ މަތިވުމެއް ގޮސް ގުޅެނީ އިރާވިއްޔާއެވެ. އެހެންވީމާ މަނިކުފާނުގެ ދައުރެއް މިކަމުގައި ނުއޮންނާނެތާއެވެ. ގޭގައި މީހުން ނުއުޅެ ތަޅުލާފައި ހުންނަ އިރުވެސް ގޭގެ މީޓަރު ބާރުބާރަށް އެ އެނބުރެނީ ޖާދޫއަކުން ކަމަށްވުމުން މިއިން އެއްވެސް ކަމެއްގައި މެނޭޖިންގ ޑިރެކްޓަރުގެ އެއްވެސް ދައުރެއް ނުއޮންނާނެ ކަމަށް ޤަބޫލުކުރަމުއެވެ.

ކޮންމެ އަކަސް މެނޭޖިންގ ޑިރެކްޓަރަށް މިސިޓީ މިލިޔުނީ މިއަދު ހެނދުނު މާލޭގެ ރައްޔިތުންނަށް ތިއަ ޖެއްސުވި މުޞީބާތްތައް ނުޖައްސައިތޯއެވެ.! އޮފީސްތަކުން ޚިދުމަތް މިލިބެނީ 4 ގަޑިއިރަށެވެ. އެތަނުން 2 ގަޑިއިރު މެނޭޖހިންގ ޑިރެކްޓަރު މިއަދު ތިއަ އަތުލައިގަތީއެވެ. އެއްވެސް ރަހުމެއް ނެތިއެވެ.

ހެނދުނުގެ ވަގުތަކީ ގޭގައި ތިބޭ އަންހެނުން ބަދިގޭ މަސައްކަތްފެށުމުގެ ކުރިން ޤްރްއާން ކިޔަވާލައި އެހެންވެސް ކިޔެވެލިތައް ކިޔަވައިލާ ވަގުތުކޮޅެވެ. އެ ވަގުތުކޮޅަށްވެސް މިއަދު މެނޭޖިންގ ޑިރެކްޓަރު ހުރަސް އަޅުއްވައިފީމުއެވެ. ސުބްޙާނަﷲ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް