އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެމަރޫންގެ މައްޗަށް ކުރިހޯދާ ޗިލީ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ކެމަރޫންގެ މައްޗަށް ކުރިހޯދާ ޗިލީ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

މިހާރު ރަޝިއާގައި ކުރިޔައްދާ ފީފާ ކޮންފެޑެރޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ބައްދަލުކުރި ގްރޫޕް ބީގެ ފުރަތަމަ މެޗު ޗިލީން ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ރޭގެ މެޗުން ކެމަރޫންގެ މައްޗަށް ޗިލީން ކުރި ހޯދާފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.

ޗިލީގެ ފަރާތުން ރަނގަޅުކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.

މެޗުގެ ފުރަތަމަ ހާފް އެއްވަރުވެ އޮވެ ނިމުނުނަމަވެސް ޗިލީއަށް ވަނީ މެޗުގެ ލީޑުނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައެވެ.

މެޗުގެ ފުރަތަމަ ހާފް ޗިލީއިން ފަށާފައިވަނީ އެޓީމުގެ އިތުބާރު ފޯވާޑް އެލެކްސް ސަންޗޭޒް ބެންޗުގައި ބައިންދައިގެންނެވެ.

އެހެން ނަމަވެސް ސަންޗޭޒް ވަނީ މެޗުގެ ދެވަނަ ހާފްގައި ކުޅެން ނިކުމެފައެވެ. އެގޮތުން އޭނާ ކުޅެން އެރިހިސާބުން ޗިލީ ޓީމަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެގޮތުން ޓީމުގެ ކުޅުން ފުރަތަމަ ހާފާ އަޅަބަކލައިރު ވަރަށް ބޮޑުތަން ރަނގަޅުވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.

ނަތީޖައެއްގެ ގޮތުން މެޗުގެ 81 ވަނަ މިނެޓުގައި ޗިލީން ވަނީ ލަނޑުޖަގާ މެޗުގެ ލީޑު ނަގާފައެވެ. ސަންޗޭޒްގެ އެހީތެރިކަމައެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޓޫރޯ ވިޑާލް އެވެ.

ޗިލީގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ އިތުރުވަގުތުގައި މާކޯ ވާގަސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މޮޅާއެކު މުބާރާތުގެ އުންމީދު ޗިލީން އާކުރިއިރު އެޓީމު ދެން ބައްދަލުކުރަން ޖެހޭނީ ވޯލްޑް ޗެމްޕިއަން ޖަރުމަނާއެވެ. މިމަހުގެ 22 ވާ ބުރާސްފަތި ދުވަހުގައި ކުޅޭ މި މެޗުން ޗިލީ މޮޅުވެއްޖެނަމަ އެޓީމަށް ދެވަނަ ބުރު ގާތް ގަނޑަކަށް ޔަގީންވީއެވެ.

ޗިލީއަތުން ބަލިވި ކެމަރޫނަށްވެސް އަދި މިމުބާރާތުގެ ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް އެޓީމު ޖެހޭނީ ދެން ކުޅޭ ދެމެޗުވެސް ކާމިޔާބުކުރާށެެވެ.

ކެމަރޫން ދެން ބައްދަލުކުރަން ޖެހޭނީ އޮސްޓްރޭލިއާއާއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން