ޕަދްމާވަތު- އިންޑިއާގެ ގިނަ މީޑިއާތަކަށް ކަމުދިޔަ ފިލްމެއް

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު

ބޮލީވުޑްގައި މިއަދު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ ވަގުތަކީ ސަންޖޭ ލީލާ ބަންސާލީ ގެ ފިލްމު "ޕަދްމާވަތު" މިއަދު ރިލީޒް ކުރާނެ ވަގުތަކަށެވެ.

ގިނަ ގޮން ޖެހުންތަކަކާއި ކުރިމަތިލުމަށްފަހު މިއަދު އެފިލްމު ރިލީޒް ކުރާއިރު އިންޑިއާގެ ގިނަ މީޑިއާތަކަށާއި މީވީ ކްރިޓިކްސް އަށް އިއްޔެ ވަނީ މިފިލްމު ދައްކާލާފައެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ބުނެފައިވަނީ މިފިލްމަކީ ވަރަށް ވެސް ފުރިހަމަ ފިލްމެއް ކަމަށާއި ފިލްމާއިމެދު އެހާ ގިނަ މައްސަލަތަކެއް ޖެހެންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.

އިންޑިއާގެ ގިނަ މީޑިއާ ތަކުން މިފިލްމަށް ފަސް ތަރީގެ ރޭޓުން ދީފައިވަނީ ހަތަރު ތަރިއެވެ. ފިލްމުގައި ހަރަކާތްތެރިވާ ބޮލީވުޑްގެ ކުޅަދާނަ ބަޠަލާ ދިޕިކާ ޕަޑުކޯން އާއި އޭނާގެ ލޯބިވެރިޔާ ރަންވީރް ސިންގް ގެ އެކްޓިންގ އަށް ގިނަ ބަޔަކު ވަނީ ސަނާ ކިޔާފައެވެ. އެހެންނަމަވެސް މިފިލްމުގައި ދިޕިކާ ގެ ރޯލު، ހީކުރި ވަރަށްވުރެ، ކުޑަ ކަމަށާއި ރަންވީރް ސިންގ ބޮޑަށް ދައްކުވާ ދީފައިވަނީ އޭނާގެ ފިލްމު "ބާޖީރާއޯ މަސްތާނީ" ގައި ވެސް ދައްކުވައިދިން އެކްޓިންގ ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.

މިފިލްމަކީ ފިލްމުގެ ރަސްމީ ޓްރެއިލާ ބެލުންތެރިންނަށް އާންމު ކުރި ދުވަހުން ފެށިގެން ގިނަ މައްސަލަތަކަކާއި ކުރިމަތިވި ފިލްމެކެވެ. އެގޮތުން ރާޖިސްތާނުގެ ރާޖްޕޫތު ދަރިފަސްކޮޅުގެ ކަރްނީ ސެނާ ގްރޫޕުން ވަނީ، "ޕަދްމާވަތު" ފިލްމުގައި ސަންޖޭ ލީލާ ބަންސާލީ ވަނީ ރާޖްޕޫތު ގެ ތާރީޚާއި ވަރަށް ބޮޑަށް ކުޅެ ތާރީޚުގައި ހިނގާފައިވާ ހާދިސާ ބަދަލުކޮށް، ރާނީ ޕަދްމާވަތީ ގެ ނަމަށް ހުތުރު އަރުވާފައި ކަމަށް ބުނެ ބޮޑެތި މައްސަލަތަކެއް ޖައްސާފައެވެ.

މީގެއިތުރުން ފިލްމުގެ ޕްރޮޑިއުސަރ/ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ އާއި ބަޠަލާ ދިޕިކާ ޕަޑުކޯން ގެ ކަރު ބުރި ކޮށްގެން ގެނެސްދޭ މީހަކަށް ފަސް ކްރޯޑް ރުޕީސްގެ އިނާމެއް ވެސް ދޭނެ ކަމަށް ކަރްނީ ސެނާ އިން ވަނީ ބުނެފައެވެ.

އެހެންކަމުން، މިފިލްމު އިއްޔެ ބެލި މީހުންގާތު އެންމެ ގިނައިން އެހުނު އެއް ސުވާލަކަށްވީ، ކަރްނީ ސެނާ އިން ތުހުމަތު ކުރާ ފަދައިން ރާޖްޕޫތުގެ ތާރީޚާއި ކުޅެފައިވޭތޯ އާއި އެވަރު ބޮޑު މައްސަލައަކަށް ހަދާވަރު އެއްވެސް ކަމެއް ފިލްމުގައި އެކުލެވިގެން ވޭތޯ އެވެ. ޖަވާބުގައި އެއެންމެންވެސް ބުނީ، އެފަދަ ކަމެއް ފިލްމުން ފެނިފައި ނުވާ ކަމަށާއި ބޮޑު މައްސަލައަކަށް ހަދާވަރު އެއްވެސް ކަމެއް ނުފެންނަ ކަމަށެވެ. އަދި މިފިލްމު ބަލާފައި ރާޖްޕޫތުގެ ދަރިފަސްކޮޅު ފަޚުރުވެރި ވާނެ ކަމަށް ވެސް އިންޑިއަން މީޑިއާތަކުން ބުނެފައިވެއެވެ.

ފިލްމު "ޕަދްމާވަތު" އިންޑިއާގެ ސިނަމާތަކުގައި މިއަދު ރަސްމީކޮށް ޕްރިމިއާ ކުރަން ހަމަޖެހިފައިވާއިރު، އިންޑިއާގެ ހަތަރު ސްޓޭޓެއްގައި މިހާރު ވެސް މިފިލްމު އެޅުވުން ވަނީ މަނާ ކޮށްފައެވެ. އެއީ ރާޖަސްތާނު އާއި ހަރްޔާނާ ގެ އިތުރުން ގުޖްރާތު އާއި މަދްޔަ ޕްރަދޭޝް ގައެވެ.

މިއަދު މިފިލްމު އެޅުވިޔަ ނުދޭން ކަރްނީ ސެނާ ގްރޫޕުން މިހާރުވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ފިލްމު އަޅުވާ ތިއޭޓަރ ތަކުގައި ރޯކޮށްލާނެ ކަމުގެ އިންޒާރު މީގެ ކުރިންވެސް ދީފައިވާއިރު، އިއްޔެވެސް އެގްރޫޕުން ވަނީ ގުޖްރާތުގެ ވިޔަފާރި ކުރާ ތިން މޯލަކަށް 30 ސައިކަލަކުން ގޮސް ހަމަލާ ދީފައެވެ. މީގެ އިތުރުން އިންޑިއާ ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހު ވެސް އަހްމެދްއާބާދު ގެ މޯލެއްގައި ހަމަނުޖެހުން ހިންގި 50 މީހަކު ހައްޔަރު ކޮށްފައެވެ.

ކަރްނީ ސެނާ ގްރޫޕުން މިފިލްމާއި މެދު އެކިވަރުގެ މައްސަލަތައް ޖެއްސުމުން، މީގެ ކުރިން މިފިލްމަށްކީ ނަން ވެސް ވަނީ ބަދަލު ކޮށްފައެވެ. ފިލްމު ޝޫތު ކުރެވި އެއްކޮށް ނިންމީ "ޕަދްމާވަތީ" ގެ ނަމުންނެވެ. އެހެންނަމަވެސް އެކި ހަމަނުޖެހުންތަކާއި ހަމަލާތަކުގެ ސަބަބުން އިންޑިއަން ސެންސަރ ބޯޑުގެ އެންގުމުގެ މަތިން މިފިލްމުގެ ނަން "ޕަދްމާވަތު" އަށް ބަދަލު ކުރެވުނެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

މަރިޔަމް ވަހީދާ