އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފައިސާ ނެތިގެން ކަންބޮޑުވުމެއް ނެތް - ހައްލު މިއޮތީ: މުފްތީ މެންކް

ފައިސާ ނެތިގެން ކަންބޮޑުވުމެއް ނެތް - ހައްލު މިއޮތީ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

އޭނާއަކީ ސީރިޔާގެ އެންމެ މުއްސަނދިންތެރޭގައި ހިމެނޭ މީހެކެވެ. އެއް މަގު ފުރެންދެން ހުންނަނީ އޭނާގެ ފިހާރަ ކަމަށް ބުނެވިދާނެއެވެ. ނަމަވެސް އޭނާއަށް ޖެހުނީ އެ ހުރިހާ މުދަލެއް ދޫކޮށްފައި ސަލާމަތްވުމަށް ކުޑަކުޑަ ބޯޓެއްގައި ފުރާށެވެ. އޭނާގެ ޢާއިލާގެ މީހުން ވީތަނެއްވެސް އޭނާއަކަށް ނުއެނގެއެވެ.

ތަނަވަސްކަމަކީވެސް މާތް ﷲ ގެ މިލްކެކެވެ. ތަނަވަސްކަން މާތް ﷲ މިންވަރުކުރައްވަވަނީ އެކި މީހުންނަށް އެކިވަރަށެވެ. ތިބާ ދުނިޔެއަށް އުފަންވަމުން އެއްވެސް އެއްޗެއް ތިބާ ގެނައިން ހެއްޔެވެ؟ އެންމެ ކުޑަމިނުން އައުރަ ނިވާކުރާނެ ފޭރާންވެސް ނުގެންނަމެއް ނޫންހެއްޔެވެ؟ ތިބާގެ އައުރަ ނިވާކޮށްދިނީ މައިން ބަފައިން ނުވަތަ އެނޫންވެސް ކޮންމެވެސް މީހެއް ނޫން ހެއްޔެވެ؟

ތިބާ ބޮޑުވަމުން އައިއިރު ތިބާއަށް ބޭނުންވާ ފައިވާނެއްގެ މިންވަރު ނުލިބިވެސް ހިނގައިދާނެއެވެ. ނުވަތަ އަސާސީ ބޭނުންތައްވެސް ނުފުދި ހިނގައިދާނެއެވެ. ދެން އޮތީ ތިބާ މަރުވުމެވެ. ތިބާ ދުނިޔެ ދޫކޮށްފައި ދާނީ އެއްވެސް އެއްޗެއް ހިފައިގެނެއް ނޫނެވެ. ތިބާގެ އުނުއަންނައުނުވެސް ބޭލޭނެއެވެ. ގެންދެވޭނީ ހަމައެކަނި ކަފުނެވެ.

ތިބާއަށް ދުނިޔޭގައި ﷲ ދެއްވެވި ތަނަވަސްކަމުން ﷲ ގެ މަގުގައި ހޭދަކޮށްފައިވާނަމަ ހޭދަކުރިއެއްޗެއްގައި ތިބާގެ ނަން ލިޔެވިފައިވާނެއެވެ. ނޫންނަމަ ދޫކޮށްފައިދާ ހުރިހާ މުދަލަކާއި ފައިސާއެއް ހޭދަކުރާނީ އެހެން ބައެކެވެ.

ތިބާއަށް ދަތި ހާލަތެއް މެދުވެރިވެއްޖެނަމަ ފުރަތަމަ ވެސް އޮތީ ﷲ ތަޢާލާއަށް ޝުކުރުވެރިވުމެވެ. ނަމަވެސް އެކަން ދަންނަނީ ކިތައް މީހުން ހެއްޔެވެ؟ ތިމާއަށް މާލީ ގޮތުން ދަތިތައް ކުރިމަތިވުމުން ގިނަ ބައަކު ބުނާނީ އެ ހާލަތުގައި ﷲ ތަޢާލާ އަށް ޝުކުރުވެރިވެވޭނީ ކިހިނަކުން ހެއްޔެވެ؟ ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. ﷲ ތަޢާލާ އަހަރެމެންނަށް އަންގަވާފައިވަނީ އެހާލަތުގައި ޝުކުރުވެރިވުމަށެވެ. ކުރިއަށްވުރެވެސް ބޮޑަށެވެ.

ﷲ ތަޢާލާގެ ވަހީބަސްފުޅުގައި ވަނީ ޝުކުރުވެރިވާނަމަ ނިޢްމަތްތައް އިތުރު ކުރައްވަވާނެ ކަމަށެވެ.

ދަތިކަމެއް ކުރިމަތިވެއްޖެނަމަ، އަތުން މުދާތަކެއް ގެއްލިގެން ހިނގައްޖެނަމަ ތިމާއަށްވުރެ ނިކަމެތި ހާލުގައި ދިރިއުޅޭ މީހުން އުޅެމުން ގެންދާ ޙާލަތަށް ވިސްނާށެވެ. އެއިރުން ތިބާއަށް ދެއްވަވާފައިވާ ތަނަވަސްކަމުގެ ބޮޑުކަން އެނގޭނެއެވެ. ޤަބޫލުކޮށް ޝުކުރު އަދާކުރުމަށް ހިއްވަރު ލިބޭނެއެވެ.

ޖީބުގައި ތިބާގެ ބޭނުންތައް ފުއްދާނެ ފައިސާ ނެތި ހިނގައިދާނެއެވެ. ނަމަވެސް ތިބާ ހުރީ ހެދުމެއް ލައިގެން ކަމަށްވެދާނެއެވެ. އެވަގުތު ވިސްނަންވީ ޖީބުގައި ފައިސާ ނެތުމަކުންނޫނެވެ. އުނު އަންނައުނު ނެތި ގަދަ ފިނީގައި ތިބި މީހުންގެ މަތިންނެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މާލީ ދަތިކަމެއް ކުރިމަތިވި ނަމަވެސް ބަލިމަޑުކަމެއް ޖެހުނު ނަމަވެސް، އަދި އެނޫން މުޞީބާތެއް ކުރިމަތިވި ނަމަވެސް އަވަސްވާންޖެހޭނީ ﷲ ތަޢާލާއަށް ޝުކުރުވެރިވުމަށެވެ. ކުރިއަށްވުރެ ގިނައިން މިސްކިތްތަކަށް އަރަންވީއެވެ. ކުރެވިފައިވާ ފާފަތައް މަތިން ހަނދާންކޮށް ތައުބާވާންވީއެވެ. ޖެހިފައިވާ މުޞީބާތުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރަންވީއެވެ.

ﷲ ތަޢާލާ މަގު ދައްކަވާނެތެވެ. ފަހަރެއްގައި މިލިއަނަރަކަށް ނުވެވިދާނެއެވެ. ނަމަވެސް ތިބާގެ ނަފުސަށް ހިތްހަމަޖެހުން ލިބޭނެ މަގެއް ދައްކަވާނެތެވެ. އެއީ ހަމަ ޔަޤީން ކަމެކެވެ. އެ ޔަޤީންކަމުގައި ދިރިއުޅޭ މީހާ އަަބަދުވެސް ހުންނާނީ އުފަލުންނެވެ. ހިތްހަމަޖެހިގެންނެވެ.

- މުފްތީ މެންކުގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް