އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައުބަތުﷲ ގެފުޅުގެ ތަޅުދަނޑިކޮޅުގެ ވާހަކަ

ކައުބަތުﷲ ގެފުޅުގެ ތަޅުދަނޑިކޮޅުގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

މައްކާގައި ކައުބަތުﷲ ގެފުޅު އިން ކަމުގައި ވީނަމަވެސް، މާތް ﷲ ގެ ގެފުޅުގެ ތަޅުދަނޑިކޮޅު އޮންނަނީ، މައްކާއިން ބޭރު ޝައިބީންގެ އަތްކޮޅުގައެވެ. މިއީ މީގެ އެތަކެއް ޤަރުނު ކުރިންސުރެ އެކަން އޮންނަ ގޮތެވެ. އަދި އެކަމުގެ ފަހަތުގައި ވަނީ ވަރަށް ހައިރާން ކުރުވަނިވި ވާހަކައެކެވެ.

މައްކާ ފަޠަޙަ ކުރެއްވުމަށްފަހު، ޙިޖްރީން އަށް ވަނަ އަހަރު މާތް ނަބިއްޔާ މުޙައްމަދު صلىاللهعليهوسلمކައުބަތުﷲ ގެފުޅުގެ އެތެރެއަށް ވެދެވަޑައިގަންނަވަން ބޭނުންފުޅުވިއެވެ. ނަމަވެސް އެތެރެއަށް ވެދެވަޑައިގަންނަވަން ބެއްލެވިއިރު، ކައުބަތުﷲ ގެފުޅުގެ ތަޅުދަނޑިކޮޅު އޮތީ އުޘްމާން އިބްން ޠަލްހާ ގެ އަތްޕުޅުގައެވެ. އުޠްމާން އިބްން ޠަލްހާ އޮންނެވީ ކައުބަތުﷲ ގެފުޅުގެ ފުރާކޮޅުމަތީގައި ފިއްލަވައިގެންނެވެ.

އެހިނދު ރަސޫލާ صلىاللهعليهوسلم އަލީ ރަޟީޢަﷲ އަންޙު އަށް އަމުރު ކުރެއްވީ އުޘްމާން އިބްން ޠަލްހާގެ އަތްޕުޅުން ގެފުޅުގެ ތަޅުދަނޑިކޮޅު އަތުލައްވާ ގެފުޅުގެ ދޮރުކޮޅު ހުޅުވުމަށެވެ. ތަޅުދަނޑިކޮޅު ދެއްވުމަށްއުޘްމާން އިބްނު ޠަލްހާއަށް ގޮވާލެއްވުމުން އެކަލޭގެފާނު އެކަމަށް އިންކާރު ކުރެއްވިއެވެ. އެހިނދު ޢަލީ ރަޟިއަﷲ އަންހު އުޘްމާން އިބްނު ޠަލްހާ ގެ އަތްޕުޅުން ތަޅުދަނޑިކޮޅު އަތުލާ، ގެފުޅު ހުޅުވާ ދެއްވިއެވެ. އަދި ރަސޫލާ صلىاللهعليهوسلمގެފުޅަށް ވެދެވަޑައިގެން ނަމާދު ކުރެއްވިއެވެ.

އެހިނދު އެވަގުތު މާތް ﷲ ގެ ވަޙީބަސްފުޅައިގެން ޖިބްރީލް ޢަލައިޙިއްސަލާމް ބިމަށް ފައިބާ ވަޑައިގެން ދެންނެވިއެވެ.

"ފަހެ، ކަލޭގެފާނުގެ މައްޗަށް މާތް ﷲ އަމުރުކުރައްވަނީ މީސްތަކުންނަށް އިތުބާރު ކުރައްވާ، އަދި މީސްތަކުންނާއިމެދު އިންސާފު ކުރައްވާއިރު ހަމަހަމަކޮށް އިންސާފު ކުރެއްވުމަށެވެ. ހަމަކަށަވަރުން އެކަލާނގެއީ އެންމެ މޮޅަށް އައްސަވާ ވޮޑިގެންވާ އަދި ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެއެވެ." (ސޫރަތުއް ނިސާ 4:58)

މާތް ﷲ ގެ މިވަޙީ ބަސްފުޅު އަޑު އިވުމާއިއެކު މާތް ނަބިއްޔާ މުޙައްމަދު صلىاللهعليهوسلم ޢަލީގެފާނަށް އަމުރު ކުރެއްވީ ކައުބަތުﷲ ގެފުޅުގެ ތަޅުދަނޑިކޮޅު އަނބުރާ އުޘްމާން އިބްނު ޠަލްހާ ގެ އަތްޕުޅަށް ދެއްވާށެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުން ތަޅުދަނޑިކޮޅު އަތުލެވުނީތީ މާފަށްއެދެން ވެސް އަމުރު ކުރެއްވިއެވެ.

އުޘްމާން އިބްނު ޠަލްހާ މިކަމާއިމެދު ވަރަށް ބޮޑަށް ހައިރާންވިއެވެ. މައްކާ ފަޠަޙަ ކުރެއްވުމަށްފަހު ވެސް ކައުބަތުﷲ ގެފުޅުގެ ތަޅުދަނޑިކޮޅު އެކަލޭގެފާނުގެ އަތްޕުޅަށް މާތް ނަބިއްޔާ صلىاللهعليهوسلمއެރުވުމުން އެކަމާއި ސުވާލު އުފެދުނެވެ. ޢަލީ ރަޟިއަﷲ އަންހު އެކަން އޮޅުންފިލުވާ ދެއްވާ ވިދާޅުވީ މާތް ނަބިއްޔާ މުޙައްމަދު صلىاللهعليهوسلمއެފަދައިން ޢަމަލު ކުރެއްވީ މާތް ﷲ ގެ އަމުރުފުޅަށް ކަމަށެވެ. އެހިނދު އުޘްމާން އިބްން ޠަލްހާ ވިދާޅުވިއެވެ. " لآاِلَهَاِلّااللّهُمُحَمَّدٌرَسُوُلاللّهِ "

އުޘްމާން އިބްނު ޠަލްހާ އިސްލާމްދީން ޤަބޫލު ކުރައްވާ، އަދި އެދުވަހަށްފަހު މާތް ނަބިއްޔާ މުޙައްމަދު صلىاللهعليهوسلم ގެ އަސްޙާބު ބޭކަލެއްގެ ގޮތުން އެކަލޭގެފާނުގެ އެންމެ އަރިހުގައި އުޅުއްވިއެވެ. އުޘްމާން އިބްނު ޠަލްހާ އިސްލާމްވުމުން މާތް ﷲ ގެ ވަޙީބަސްފުޅައިގެން އަނެއްކާވެސް ޖިބްރީލް ޢަލައިޙިއްސަލާމް ވަޑައިގަތެވެ. އަދި ދެންނެވީ ޤިޔާމަތާއި ޖެހެންދެން، ކައުބަތުﷲ ގެފުޅުގެ ތަޅުދަނޑިކޮޅު އޮންނަވާނީ އުޘްމާން އިބްނު ޠަލްހާގެ ހަވާލުގައި އެއާއިލާގައި ކަމަށް މާތް ﷲ އަމުރުކުރައްވާ ކަމަށެވެ.

ސައުދީ ސަރުކާރުން ވަނީ އުޘްމާން އިބްނު ޠަލްހާ ގެ އާއިލާއަށް ރައްކާތެރިކަން ދެއްވާފައެވެ.


ހަބަރު ލިންކް

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ