އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަނބަލުންގެ ލޯން ސްކީމްގެ އަދަދު ބޮޑުކޮށް ބައިވެރިވުމުގެ މުއްދަތު އަލުން އިތުރުކޮށްފި

ކަނބަލުންގެ ލޯން ސްކީމްގެ އަދަދު ބޮޑުކޮށް ބައިވެރިވުމުގެ މުއްދަތު އަލުން އިތުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ވިޔަފާރިއެއް ފެށުމަށް ނުވަަތަ ވިޔަފާރިއެއް ތަރައްޤީކުރުމަށް މަސައްކަތްތެރި ދިވެހި ކަނބަލުންނަށް ދޫކުރަން ފަށާފައިވާ ލޯން ސްކީމްގެ ފައިސާ އަދަދު ބޮޑުކޮށް ސްކީމްގައި ބައިވެރިވުމުގެ މުއްދަތު އަލުން އިތުރުކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ދޫކުރަން ފެށި މި ލޯން ސްކީމްގައި ބައިވެރިވުމަށް އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މާޗު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހުގައި މި މާޗު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވާން ފުރުސަތު ހުޅުވާލިއިރު، އެ ފުރުސަތު މިހާރު ވަނީ މި މާޗުގެ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ ކަނބަލުންގެ ލޯން ސްކީމަށް އެދުމުގެ މުއްދަތު މީގެ ކުރިން ވެސް އިތުރުކޮށްފައިވާކަމަށާއި މި ފަހަރު ވެސް މުއްދަތު އިތުރުކުރީ ގިނަ ފަރާތްތަކުން އެކަމަށް އެދެމުން ދާތީ، އެ ފަރާތްތަކަށް ފުރުސަތު ދިނުމަށްކަމަށެވެ.

މީގެ ކުރިން ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ 50،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށެވެ. އެހެން ނަަމަވެސް، މި ފަހަރު ފުރުސަތު ހުޅުވާލާފައިވަނީ އެ އަދަދު ބޮޑުކޮށް 200،000 ރުފިޔާއާ ހަމައަށް ލޯން ދޫކުރާ ގޮތަށެވެ.

މި ލޯނަށް އެދޭއިރު 50،000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ ރަހުނެއްގެ ގޮތުގައި އެއްވެސް އެއްޗެއް ބަހައްޓަން ނުޖެހޭނެއެވެ. 50،000 ރުފިޔާއަށްވުރެ މަތީ އަދަދެއްނަމަ އެ އެދޭ އަދަދުގެ 130 ޕަސެންޓުގެ އަގުގެ ރަހުނެއް ބަހައްޓަންޖެހޭނެއެވެ. އަދި އެ ރަހުނަކީ ބޭންކުން ޤަބޫލުކުރެވޭ ރަހުނަކަށް ވާންޖެހޭނެެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މި ލޯން ސްކީމަށް އެދޭ ފޯމް ލިބެން ހުންނާނީ އިކޮނޮމިކް މިނިސްޓްރީންނާއި ހަ ރަށެއްގައި ޤާއިމްކޮށްފައި ހުރި ބިޒިނަސް ސެންޓަރުތަކުންނެވެ. ބިޒިނަސް ސެންޓަރުތައް ޤާއިމްކޮށްފައި ހުރި ރަށްތަކަކީ ހދ.ކުޅުދުއްފުށި، ޅ.ނައިފަރު، ދ.ކުޑަހުވަދޫ، ލ.ފޮނަދޫ، ގދ.ތިނަދޫ، އަދި ސ.ހިތަދޫއެވެ.







Advertisement

ކޮމެންޓް ކުރެއްވުމަށް