އަނިޔާ ލިބެންފެށީމާ އިބިލީހުގެ ކިބައިންވެސް ވާގިއެދޭނެ: ޝައިޚް ހުސައިނުލްގަދަވީ
އަނިޔާ ލިބެންފެށީމާ އިބިލީހުގެ ކިބައިންވެސް ވާގިއެދޭނެ: ޝައިޚް ހުސައިނުލްގަދަވީ
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު
މުސްލިމުންނަކީ ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ނޫނީ ވާގިނުއެދޭނެ، އަދި އެދެންޖެހޭނެ ބައެއް ނޫނެވެ. ނަމަވެސް ދުނިޔެއަށް އަންނަމުން މިދާ ބަދަލުތަކާއިއެކު މީސްތަކުންގެ އަޤީދާއަށް މިވަނީ ބަދަލުތަކެއް އައިސްފައެވެ. ކަންކަމަށް ކެތްކުރެވޭ މިންވަރު މިވަނީ ބަދަލުވެފައެވެ.
އިރާޤަށް ބަލާށެވެ! އެމެރިކާ ސިފައިން އަރައިގަންނަން ފުރުޞަތު ދިނީ ކޮން ބައެއް ހެއްޔެވެ؟ އެއްވެސް ހުރަހެއް ނެތި އަރައިގެން ދިއައިރު ސައްދާމް ގެންގުޅުއްވި ބިޔަ ވަރުގަދަ ލަޝްކަރު ކޮބައިހެއްޔެވެ؟ އެމެރިކާގެ ފައުޖުތައް ހުއްޓުވަން ކުރީ ކޮން ކަމެއް ހެއްޔެވެ؟ އެންމެ ހަމަލާއެއްވެސް ފޮނުވައިލި ހެއްޔެވެ؟
މިއީ މިއަދުގެ އިސްލާމީ ވެރިން އިބްރަތް ހާޞިލުކުރަންޖެހޭނެ ކަމެކެވެ. ޚާއްޞަކޮށް އީރާނުގެ ރައްޔިތުންނާއި ސަރުކާރުންނެވެ. އީރާނުގެ ވެރިކަން ފުރޮޅައިލުމަށް އެމެރިކާ އިސްވެ އޮވެ ގިނަ ޤައުމުތަކަކުން އެގެންދަނީ މަސައްކަތްކުރަމުންނެވެ. އެކަންކަން ހުއްޓުވަން އީރާނުން އެގެންދަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ މަޅީގައި އީރާނުގެ އެތައް މިލިއަން ރައްޔިތުން އެދަނީ ޖެހެމުންނެވެ. ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ ގަދަބާރު ދައްކައިގެން އަބަދު ރައްޔިތުން ބަނދެފައި ނުބެއިތިއްބޭނެ ކަމެވެ. ހަށިފޮޅާލާފައި ރައްޔިތުން ނުކުންނާނެ ކަމެވެ.
ސިޔާސީ ބޭނުންތަކަށް އެތައް ހާސް ރައްޔިތުން އެތިބީ ޖަލުތަކުގައެވެ. ޖަލުތަކައި ތިބެގެން ކުރެވޭނެ ކަމަކީ ދުޢާ ކުރުމެވެ. ޖަލުގައި އޮތް ކޮންމެ މީހަކީވެސް ކޮންމެވެސް ޢާއިލާއަކަށް ނިޞްބަތްވާ މީހެކެވެ. ކޮންމެ މީހަކަށް ތާއީދުކުރާ ވެސް އެތައް ހާސް ބައަކު ތިބޭނެއެވެ. ޖަލުން ބޭރުގައި ތިބެގެން ކުރެވެން ހުރި ކަންކަން ކުރަމުން އެމީހުން ގެންދާނެއެވެ. ޤަބޫލު ކުރަންޖެހޭނެ ކަމަކީ މިކަންކަން ކުރާނެ ކަމެވެ.
ޖަލުގެ ގޮޅީގައި އޮވެ އަނިޔާލިބެމުންދާއިރު ގޮޅީގެ ތަޅު ހުޅުވައިދޭން ހުރީ އިބިލީސް ކަމަށްވާނަމަ އިބިލީސް ކައިރިން ވެސް އެކަމަށް އެދޭނެއެވެ. އެއީ ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަމެއް ނަމަވެސް އެކަން ކުރާނެއެވެ. އެއީ އެކަން އެގޮތަށް ކުރަން ބޭނުންވާތީއެއް ނޫނެވެ. ނަމަވެސް ސަލާމަތް ވެވޭނެ އެހެން ގޮތެއް ނެތުމުންނެވެ. ކިތަންމެ ވަރަކަށް އެކަން ނުކުރާށޭ ބުނަމުން ދިއަ ނަމަވެސް އެކަން ހަމަ ކުރާނެއެވެ.
އިސްލާމީ ޤައުމުތަކުގެ ވެރިންނަށް މިކަންކަން، އެކަންކަމުގެ ގަޤީޤަތާއި އެއްގޮތަށް ބަލައި ނުގަނެވޭނަމަ މައްސަލަ ހައްލެއް ނުވާނެއެވެ.
އަދުލުވެރިވުމުގެ ބަދަލުގައި ތިމާމެންގެ އަމިއްލަ ފައިދާއަށް ރައްޔިތުން ވައްދައި ޖަލުތަކުގެ ގޮޅިތައް ފުރަމުން ގެންދާހައި ދުވަހަކު މައްސަލަ ހައްލެއް ނުކުރެވޭނެއެވެ. މައްސަލަ ހައްލުކުރެވޭނީ ހަމަ އަދުލުވެރިކަން އިސްކޮށްގެންނެވެ.
އިސްލާމީ ވަހުދަތު ދިރުވޭނީ އިސްލާމީ އުންމަތުގެ ޚަލީފާއިން އަމަލުކުރެއްވެވި ގޮތަށް އިސްލާމް ދީނަށް އަމަލުކުރުމުންނެވެ. ޚާއްޞަކޮށް އަދުލުވެރިވުމުގައެވެ.
- މިއީ މިޞުރުގެ ނޫހެއްގައި ޝައިޚް ހުސައިނުލްގަދަވީ ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ޚުލާޞާ ތަރުޖަމާއެކެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
އަބްދުއްލަތީފް
17 ޖުލައި 2018