އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑު ސުވާލު! މިހާރު އެއްކަލަ ތަރިންތައް ކޮބާ؟

ބޮޑު ސުވާލު! މިހާރު އެއްކަލަ ތަރިންތައް ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 3 ސިކުންތު

(މިއީ މިއަދުނޫހުގެ ކިޔުންތެރިއެއް، މިއަދު ނޫހުގައި ޝާއިއު ކުރުމަށް ލިޔެ، ހަދިޔާ ކޮށްފައިވާ ލިޔުމެއް)

އަސުރަށް ހޫނު މަޑުވެލައިފިއެވެ. ނަމަވެސް އަވިން ފިލަން ހިޔަލަށް ވަދެ ބަޔަކުތިއްބަސް ޝައުގުން ފުރިގެންވާ ބެލުމަކާއިއެކު ވިނަގަނޑާދިމާލަށް އެވެރިން ބަލަން އެތިބީ ދުނިޔެމަތީގެ އެހެންހުރިހާކަމަކަށްވުރެ ޝައުގުންފުރިގެންވާ ކަމަކާއިހެދިއެވެ.

މިވަގުތުގެ އިންތިޒާރަކީ އަބަދުވެސް ހަމަ މިކަހަލަ އިހުސާސެކެވެ. މީ މިހާރު އާންމުވެއްޖެ ކަމެކެވެ. ދޭތެރެ ދޭތެރެއިން މިމަންޒަރު ބަލަން މިއެންމެންތައް މިތަނަށް އެއްވާންފަށައިފިއެވެ. މިކަމަށް ތައްޔާރުވެފައިވާ ވަރަކީ އެވެރިންގެ އިހުސާސްތަކާއި ތައްޔާރީތަކާއި ހެކިދޭނެ ކަންކަމެވެ.

ޓައް ގުޑަ ގުންޓަށް، ގުޑަ ގުންޓަށް!
ކަންތަކާ ޖެހުނީ... ބުން އަޑުގެ ބީޓާއި އެކު ވިންދު އަރާހަމަކޮށްފިއެވެ. އަވާމެންދުރު ކެނޑި ވިނަގަނޑުގައި ފިނި ހިފާލައިފިއެވެ.

މަސްކާށިދޫނި މަދުމަދުންނަމަވެސް ފުމޭތަން ފެންނަކަހަލައެވެ. ނަމަވެސް މިބައިގަނޑު އިންތިޒާރު ކުރަމުން މިދާ ވަގުތަކީ މިވިނަގަނޑުމަތީގާ ހޯރައަޅާލާނެ ގަޑިއަކަށެވެ.

" ލޯބީ.. ކާން އާދެބަލަ..." ލޯބީގެ ރާގަކަށް އަންހެނުން ގޮވާލި އަޑަށް ޚިޔާލުހުއްޓިއްޖެއެވެ.

ކުއްލިއަކަށް ސިއްސައިގެންގޮސް އަންހެނުންނަށް ބަލާލެވުނެވެ. އިޝާނަމާދު ކޮށް ނިމިގެންއައިސް ސޯފާގައި އިށީންދެލައިގެން އިނދެ މާޒީގެ ސަފުޙާތަކުގެ ތެރެއިން ސަފުހާއަކަށް ގެނބިލައިގެން އިނދެ ކުރެވުނު ފުން ޚިޔާލާއި ދޭތެރޭ އަދިވެސް އެބަ ވިސްނެއެވެ.

އިހެކޭއެއްފަދައިން ކައިނިންމާލާއިގެން އަންހެނުންނާއި އެކު ބޭރުގައި ބުރެއްޖަހާލުމަށް ނުކުތީމެވެ. ޗާލު ހަނދުވަރުދޭ ރީތި ރެއެކެވެ. ދޭތެރެ ދޭތެރެއިން ކޮންމެވެސް ފަށުވި އިބާރާތަކުން އަންހެނުންނަށް ތައުރީފެއްކޮށްލައި ސަމާސާކޮށްލާ ހަދަމެވެ.

ގޭދޮށަށްއައިސް ޖޯލީގައި ޖައްސާލީމެވެ.... ކޮބައިތަ ތަރިންތައް... ހަމަ އެއްތަރިވެސް މިހާރު ނުފެންނަނީތަ.. އުޑުގައި ފިޔަޖަހަމުން އެތަރިންތައް އެތައް އުސްމިނަކަށް ދަތުރުކުރިކަން ހަމަޔަޤީން.. އެކިދިމަ ދިމާލަށް ދިޔައިމަތަ މިގެއްލުނީ..

"އޭ ކަލޯ! ކޮން ޚިޔާލެއްގައިތަ ތި އޮންނަނީ!..." މަޖާޒީ ރާގަކަށް މީހަކު ގޮވާލި އަޑަށް ބަލާލިއިރު އެއީ ހާރޫނުއެވެ. އެވަގުތު އިހުސާސްތައް ހުރިގޮތުން ހާރޫނު ފެނުމުން ފުރަތަމަވެސް އިހުސާސް ކުރެވުނީ އެއްކަލަ ބުންބެރުގެ އަޑެވެ.

ޓައް ގުޑަ ގުންޓަށް، ގުޑަ ގުންޓަށް!

"އަނހަ ހާރޫނާ ކޮބާ ކޮންތާކަށް ތިޔަ ދަނީ.." ހާރޫނުގެ ހިނގުންމަޑުކޮށްލާ ޖޯއްޔާ ކައިރިޔަށް ޖެހިލިއެވެ. ވިސްނަންއޮތް ކަމާއި ބެހޭގޮތުން ހާރޫނު އަނެއްކާވެސް ސުވާލުކޮށްލުމުން އަހަރެން އެވާހަކަތައް އޭނާޔާ ހިއްސާކުރީމެވެ.

އަހަރުމެން އެންމެންވެސް މިރަށާއި މެދު އެންމެ ފަޚުރުވެރިވާ އެއްކަމަކީ އަހަރުމެން ރަށު ފުޓުބޯޅަ ޓީމެވެ. އަހަރުމެންގެ ފުޓުބޯޅަ ޓީމު ކުޅެލާތަން ބަލާލަން އަދިވެސް ބޭނުންވެއެވެ. ނަމަވެސް އެދުވަސް މިހާރު މާޒީވެގެން ހިނގައްޖެއެވެ.

ހުރާ ޓީމު މުބާރާތްތަކުގައި ރަންވަނަތައް ޓީމެއްގެ ގޮތުގައްޔާއި ކުޅުންތެރިންގެ އަމިއްލަ ހައިސިއްޔަތުގައި ވަނީ ކާމިޔާބުކޮށްފައެވެ. ދިވެހިރާއްޖޭގެ ނަންމަޝްހޫރު ބޮޑެތި ޓިމުތައް ސިއްސުވާލި އަންޑަޑޯގްއެއްގެ ގޮތުގައި މަޝްހޫރުވިއެވެ.

ހުރާގެ ޅަޒުވާން ޓީމު މުބާރާތްތަކުގައި ވާދަކޮށް ހަދަނީ ކަޅި ހުރަސްކޮށް ދަތުރުކޮށް ހަދާފަ އައިސް ތިބިތާ ތިބި ތާޒާ ކުޅުންތެރިން ހިމެނޭ ޓީމުތަކާއި ވާދަކޮށެވެ. ވާރެޔާ ގަދަވައިތެރޭގައި ވިޔަސް ހަމަ ހެޔޮވަރެވެ. ވާނީވެސް އެހެންތާއެވެ.

ޓީމާއި އެކު ހަމަ އެހިއްވަރުގައި ޓީމުގެ ސަޕޯޓަރުންވެސް ސާބިތުވެ ތިބެއެވެ. ސަޕޯޓަރުންގެ ތެރެއިން ފާހަގަކޮށްލެވޭ އެކަކީ ހާރޫނެވެ. އަހަރުމެންގެ "ހާންބެ"އެވެ. ހާންބެ އަކީ ސަޕޯޓަރުން ޓީމުގެ ކައްޕިއެވެ.

ކުޅަދާނަ ބެރުވެރިޔެކެވެ. ޖޯޝުހުރި ލަވަކިޔުންތެރިޔެކެވެ. މަޖާ ނެށުންތެރިއެކެވެ. ކުރުކޮށް ބުނަންޔާ އޯލްއިން ވަންއެކެވެ.

މެޗު ފެށުމުގެ ކުރިން ސަޕޯޓުކުރުން ފެއްޓެނީ ބެރުގެ އަޑާއި އެކުއެވެ. ލޯފަން މީހަކަށްވެސް މެޗުގެ އޮއިވަރު ސިފަވާވަރަށް ސަޕޯޓަރުންގެ އަޑާއި ބެރުގެ އަޑު ގުޅިފައިވެއެވެ. މެޗުގެ ފޯރިގަދަވާވަރަކަށް ބެރުގެ އަޑުވެސް ގަދަވެއެވެ. އެމަންޒަރުތައް ލިޔުމަކުން ސިފަކުރުމަކީ ކުޅަދާނަކަމެއްނޫނެވެ.

ކޮންމެއަކަސް ދިވެހިރާއްޖޭގައި ހުރާގެ ނަންބުނުމާއި އެކު ފުރަތަމަވެސް ސިފަކުރެވޭނީ މަޝްހޫރު ފުޓުބޯޅަޓީމެއް އޮންނަ ޓީމެއް އޮންނަރަށެއްގޮތަށެވެ. ބަޔަކު ފުޓުބޯޅަ ކުޅެނިކޮށް ގޮސް ތިމަންނަމީ ހުރާ މީހެކޭ ބުނެފިއްޔާ ކުޅެން ނޭގުނަސް ބައިވެރިކުރާނެއެވެ.

ހުރާގެ ނަން މަޝްހޫރު ކުޅުންތެރިން ބައިވަރެވެ. އުޑުގައި ފިޔަޖަހާ އުދުހުނު ކުޅުން ތެރިން ބާއިވަރެވެ. އަލީ ޝިހާމް، މައުސޫމް، އަބްދުﷲ އަދި ކީޕަރު އިސްޙާޤް ފަދަ ތަރިން ބައިވަރެވެ. އެކުޅުންތެރިންގެ މޮޅުކުޅުން އެންމެންވެސް ފާހަގަކުރެއެވެ. ލަނޑު ޖަހާފަ ހޯރައަޅާލާ މަންޒަރު އެންމެނަށްވެސް ކަމުދެއެވެ.

މިހުރިހާ ތަރިންނާއިއެކު ހުރާ ޓީމު ޓީމެއްގެ ގޮތުގައި ރަންވަނަތައް ހޯދިއެވެ. އެންމެ އުހަށްވެސް އެރިއެވެ. ނަމަވެސް އެ ފެންވަރުގައި ހުރާގެ މަޝްހޫރު ހުއްރިއްޔާ ޓީމަށް އޮވެވުނީ ކުޑަދުވަސް ކޮޅަކަށެވެ. ޑިވިޝަންތަކުގެ ހަރުފަތްތައް ކަޑަތުކޮށް އެންމެ އުހައް އެރި ޓީމް، އެންމެ މަތީ ހަރުފަތުން ވެއްޓުންކަހަލައެވެ.

ނަމަވެސް އެއީކީ ފުޓުބޯޅަޔަށް ލޯބިކުރާ އެކަކުވެސް ބޭނުންވިގޮތެއް ނޫނެވެ. އެހެން ވެއްޖެޔާ ހުރާޓީމަށްވީ ކިހިނެއް؟.. މިހާރު އެއްކަލަ ތަރިންތައް ކޮބާ؟

ލިޔުނީ: އަހުމަދު ފަލާޙް (މިއަދުނޫހުގެ ކިޔުންތެރިއެއް)

Advertisement

ކޮމެންޓް ކުރެއްވުމަށް







Ma 2018-10-20 20:33:57

Varah furihama liyumei


މަރިޔަމް ވަހީދާ