އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިޔަހެން ލިޔެލާ ލިޔުމަކުން، މާމިގިލިން ގާސިމަށް އޮތް ތާއީދު ނުގެއްލޭނެ: ސަޢުދު

ތިޔަހެން ލިޔެލާ ލިޔުމަކުން، މާމިގިލިން ގާސިމަށް އޮތް ތާއީދު ނުގެއްލޭނެ: ސަޢުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 40 ސިކުންތު

ނޫސްތަކުގައި ލިޔެލާ ލިޔުމަކުން، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް އދ. މާމިގިލިން އޮތް ތާއީދު ނުގެއްލޭނެކަމަށް ޖުމްހޫރީ ޕާޓީގެ ނައިބުރައީސް އަހްމަދު ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު މިފަދައިން ވިދާޅުވީ "ބޮޑެތި ޖަރީމާތަކެއް ފަޅާއެރުމުން މާމިގިލީ ރައްޔިތުން ރަތަށް" މިސުރުހީގެ ދަށުން ސީއެންއެމް ނިއުސްގައި ލިޔެފައިވާ ޙަޤީޤަތާއި ޚިލާފު ވާހަކަތަކަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

މިކަމާއި ގުޅިގެން ސައުދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، ކަންކަން އަބަދުވެސް މީސް މީހުނަށް ކަންކަން ކޮށްދެއްވައިފައިވާއިރު މިހާރުވެސް އަދި މުސްތަގުބަލުގައިވެސް ގާސިމް ކަންކަން ކޮށްދެއްވާނެކަމަށެވެ. ކިތަންމެ ވަރަކަށް ގާސިމްއާ ދެކޮޅަށް ހަގީގަތް އޮޅުވާލަން އުޅުނަސް އެކަމެއް ނުވާނެކަމަށްވެސް ސައުދު ވިދާޅުވެފައިވެއެވެ.

ސީއެންއެމްގައި ލިޔެފައިވާ ލިޔުމުގައި މާމިގިލީގެ ރައްޔިތުންނާއި، ރަށު ކައުންސިލާއި ގުޅުވައިގެން ހާގީގަތާއި ޚިލާފު ގިނަ ވާހަކަތަކެއް ލިޔެފައިވެއެވެ. އެގޮތުން މާމިގިލީ އެއާޕޯޓުގެ ކުލި ނުދައްކާ ވާހަކައާއި، ގަވައިދާ ޚިލާފަށް ގޮނޑުދޮށުން ވެލި ނަގާކަމަށްވެސް ލިޔެފައިވެއެވެ. އަދި މިކަންކަން އޮޅުންފިލުވުމަށް އެރަށު ކައުންސިލަށް ގުޅުމުން ޖަވާބު ނުދޭކަމަށްވެސް ބުނެފައިވެއެވެ.

މާމިގިލީގެ ވައިބަރ ގުރޫޕަކާއި ކަމަށްބުނެ ޙަވާލާދީ ލިޔެފައިވާ މި ލިޔުން ލިޔުއްވި ބޭފުޅަކަށް އެނގިވަޑައިނުގެންނެވި ނަމަވެސް ރާއްޖޭގައި ވެލިގާ ނެގުމުގައި ރާއްޖޭގައި އެންމެ ތަޖުރިބާކާރު ބަޔަކީ މާމިގިލީގެ ރައްޔިތުން ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ. އެހެންކަމުން ސީއެންއެމްގައިވާ މި ލިޔުމަކީ މާމިގިލީގެ ރައްޔިތުންގެ އަގު ވައްޓައިލުމާއި ރައްޔިތުންނަށް އިހާނެތިކަން ދިނުމުގެ މަޤުޞަދުގައި ލިޔެފައިވާ ލިޔުމެއްކަމަށް އެރަށުގެ ހަރުދަނާ މީހުން ބުނެއެވެ.

މާމިގިލީ ކައުންސިލްގެ ނައިބު ރައީސް ޝިހާމް މުޙައްމަދު ވިދާޅުވީ ޤާސިމް އިބްރާހީމް ރަށަށް ކޮށްދެއްވައިފައިވާ އެއްވެސް ކަމަކާއި ގުޅޭގޮތުން ނުވަތަ ރަށުގައި ރަށުގެ ރައްޔިތުންގެ ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެއްގެ ކޮނޑުފުޅުގައި ބަދުނާމު އެޅުވުމަށް ދައްކަމުންދާކަމަށްބުނާ އެއްވެސް ކަމެއްގެ ތަފްސީލް ހޯދުމަށް ސީއެންއެމްއިން އެކައުންސިލާއި ގުޅާފައިނުވާކަމަށެވެ. އަދި އެ އޮންލައިންގައި ޚަބަރު ލިޔެފައިވަނީ ކަނޑައެޅިގެން ކަމުގެ ޙަޤީޤަތްތައް ރައްޔިތުންނަށާއި ދިވެހި ރާއްޖޭގެ ނޫސްވެރިކަމުގެ އަޚުލާޤުވެސް ގެއްލިގެންދާގޮތަށްކަން ފާހަގަކުރައްވާ ޝިހާމް ވިދާޅުވީ، އެއާޕޯޓްގެ ކުއްޔާ ގުޅޭގޮތުންވެސް ހަގީގަތާއި ޚިލާފު ވާހަކަތަކެއް ލިޔެފައިވާކަމަށެވެ.

އެގޮތުން އެއާޕޯޓްގެ ކުލި ކައުންސިލަށް ނުލިބޭކަމަށް ލިޔެފައިވާއިރު ދައުލަތުން ނަގާ ފީތަކަކީ ދިވެހި ދައުލަތުގެ ޓެކްސްގެ ނިޒާމު ބަލަހައްޓާ އިދާރާ މީރާއަށް ދައްކަންޖެހޭ އެއްޗެއްކަންވެސް ލިޔުންތެރިއާއަށް ނޭނގި އޮތުމަކީ ހައިރާންވާން ޖެހޭ ކަމެކެވެ. ކައުންސިލުން ބުނެފައިވާ ގޮތުގައި އެއަރޕޯރޓުގެ ކުލި ދައްކަމުންދިޔައީ މީރާއަށެވެ.

މާމިގިލީގެ ރައްޔިޔުންނަކީ ތަންދޮރު ނުދަންނަ ބައެއްކަމަށް ދޭހަވާ ގޮތަށް ލިޔެފައިވާ އެއްވާހަކަތަކެއް ތަކުރާރުކޮށް ލިޔެފައިވާއިރު ރަށުގެ ރައްޔިތުން މޫދަށްއެރެން އޮންނަ ތަނާއި އެއަރޕޯރޓާއި ގުޅުވައިގެންވެސް ވަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ލިޔެފައެވެ. އަދި އެކަން އެގޮތަށް ގުޅުވައިފައިވަނީ މަދަނީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއިވެސް ގުޅުވައިގެންނެވެ. އެހެންވީމާ އެ ލިޔުމަކީ ވަކި މަޤުޞަދެއްގައި ރައްޔިތުންގެ މެދުގައި ޙަސަދަވެރިކަން އުފެއްދުމަށް ލިޔެފައިވާ ލިޔުމެއްކަމުގައި މާމިގިލީގެ ގިނަ ރައްޔިތުންވެސް ދެކެއެވެ.

މީގެ އިތުރުން މާމިގިލީގެ އިންޖީނުގެއާއިގުޅުވައިގެން ލިޔެފައިވާ ވާހަކަތަކަށްބަލާއިރު އެރަށުގައި ކަރަންޓުގެ ޚިދުމަތް ދެއްވުމުގައި ޤާސިމްގެ ދީލަތިކަން އޮތްގޮތް ނުދެނެހުރި މީހަކަށް ވަރަށް ގިނަ އޮޅުންތައް އަރާނެކަން ކަށަވަރެވެ. އަދި ރައްޔިތުން ކަރަންޓުގެ ބޭނުން ހިފާ ގޮތާއި ބިލް ނުދެއްކިގެން އުޅެން ޖެހޭ ޙާލަތެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި އެތައް ފަހަރަކު ބިލްތައް މަޢާފުކޮށްދެއްވައިފައިވާކަން ޚުދު މާމިގިލީގެ ރައްޔިތުންނަށް އެނގޭނެކަން ކަށަވަރެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޤާސިމް ކޮށްދެއްވާފައިވާ ކަންކަމަކީ މަތިޖެހުމަށް ކޮށްދެއްވާ ކަމެއްކަމުގައިވާނަމަ، އެމަނިކުފާނު ދިވެހި ރައްޔތުންނަށް ދެއްވާ ޚިދުމަތްތަކަށް ކިޔާނީ ކީކޭ ކަމެއް ނޭނގެއެވެ. އެގޮތުން ދިރިއުޅުމާއި ގެވެހި ދިރިއުޅުން ފާގަތިކޮށްދެއްވުމަށް ފެއްޓެވި ތެލާއި ގޭހުގެ ޚިދުމަތް ފާހަގަކުރެވޭއިރު މިއަދު މިކިޔާ އާސަންދަ ފުރަތަމަ ފަހަރަށް ރާއްޖޭގައި ދެއްވި ބޭފުޅަކީވެސް ޤާސިމް އިބްރާހީމެވެ. އަދި އެފަދަ ބޭފުޅަކު ކޮށްދެއްވައިފައިވާ ޤައުމީ އަދި މަދަނީ ޚިދުމަތްތަކާމެދު މީސްތަކުންނަށް އޮޅޭ ގޮތަށް ޙަސަދަވެރިކަމުގެ ލިޔުންތަކުން ނޫސްވެރިކަމުގެ ޒިންމާދާރުކަން ގެއްލޭ ގޮތަށް ލިޔެފައިވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް މާމިގިލީ ކައުންސިލުން ދެކެއެވެ.

އެގޮތުން ސީއެންއެމްއިން ލިޔެފައިވާ ލިޔުމަކީ މިފަދަ ދަނޑިވަޅެއްގައި ވަރަށް ޒިންމާދާރުކަން ކުޑަކޮށް ލިޔެފައިވާ ލިޔުމެއްކަންވެސް ޝިހާމް ފާހަގަކުރެއްވިއެވެ. މިފަދަ ބޮޑު ޚަބަރެއް ލިޔެފައިވާއިރު ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ނުހޯދާކަންވެސް މާމިގިލީ ކައުންސިލްގެ ނައިބުރައީސް ޝިހާމް ވަނީ ފާހަގަކުރައްވާފައެވެ.

- ވީނިއުސް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު