އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ނުހަނު ވިސްނުންތެރިކަމާއެކު ވަރަށް ފުރިހަމަ އަދި އެހާމެ މުނާސަބުކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގެން މިއަދު އެނބުރި ރާއްޖެ ވަޑައިގަތުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޤާސިމް އިބްރާހިމް ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވައި، ތަހުނިޔާ އަރިސްކުރައްވާފައެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ، ރައީސް މުޢިއްޒު ދެއްވި ތަޤުރީރު ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔަ ކަމަށާއި، ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުޚީގައި އެމަނިކުފާނުގެ ތަޤުރީރު ހިމެނިފައިވާ ކަމަށެވެ. އަދި އދ ގެ ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަޤުރީރުކުރެއްވި ރާއްޖޭގެ ފުރަތަމަ ރައީސްކަމުގެ ޝަރަފުވެސް ރައީސް މުޢިއްޒަށް ލިބިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒުގެ ތަޤުރީރުތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކާއި، އަދި މަސްނޫޢީ އިންޓެލިޖެންސްގެ ތެރެއިން ޑިޖިޓަލައިޒް ކުރުން ފަދަ މުހިންމު މައުޟޫޢުތަކަށް ކަމަށެވެ.
ޚާއްޞަކޮށް، ފަލަސްޠީނުގެ މައްސަލައިގައި ސިޙްޔޫނީ ދައުލަތުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކުރައްވައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅު މުޅި އިސްލާމީ ދުނިޔެއާއި، އަދި ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގެންފައިވަނީ ނުހަނު މަތީ ތަރުހީބަކާއެކު ކަމަށްވެސް ޤާސިމް އިބްރާހިމް ފާހަގަކުރެއްވިއެވެ.
"2040 ގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭއިރު، އެ ދުވަސް އަންނަންވާއިރު ދިވެހިރާއްޖެއަކީ، ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި އޮތުމަށް މާދަމާއަށް ޓަކައި އެމަނިކުފާނު ކުރައްވާ ތަޞައްވަރުތައް މުޅި ދުނިޔޭގެ ކުރިމަތީގައި ހާމަކޮށްދެއްވާ، މި ދިވެހިފަސްގަނޑާއި، ރައްޔިތުންނާއި މެދު ތިޔަ ދައްކުވައިދިން ފަޚުރުވެރި ނަމޫނާއަށް ޓަކައި، މަނިކުފާނަށް އަދިވެސް އެއްފަހަރު ހިތުގެ އިޚްލާޞްތެރި ތަހްނިޔާއާއި ޝުކުރު އަދާކުރަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މަނިކުފާނަށް ދިގު ޢުމުރުފުޅެއް މިންވަރުކުރައްވާ، ފުރިހަމަ ޞިއްހަތެއްގައި ލަހައްޓަވައި، މަނިކުފާނުގެ ވެރިކަމުގައި ބަރަކާތްލައްވާ، ދިވެހި ރައްޔިތުންނަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރައްވާށިއެވެ. އާމީން" ޤާސިމް އިބްރާހިމް
މި ޕޯސްޓު ނިންމަވާލައްވަމުން ޤާސިމް އިބްރާހިމް ވިދާޅުވެފައިވެއެވެ.
Advertisement
29 ސެޕްޓެމްބަރ 2024