އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 32 ސިކުންތު
ރަމަޟާން މަހުގެ އެންމެ ފަހު ދުވަސްތައް ކުރިއަށްދާއިރު އެންމެ މުހިންމު އެއްކަމަކީ ތިމާކުރާ ދުޢާ ޢިޖާބަކުރައްވަވާތޯ ގަދައަޅައި މަސައްކަތްކުރުމެވެ. ދުޢާ ޢިޖާބަކުރައްވަވާނެ، ނުވަތަ ދުޢާ ޢިޖާބަ ކުރެއްވެވުން އެންމެ ގާތް ވަގުތުތަކުގައި ދުޢާކުރުން ގިނަކުރާށެވެ! އެގޮތުން 5 ވަގުތެއް ފާހަގަކޮށްލާނަމެވެ.
ފުރަތަމަ ވަގުތަކީ ހުކުރު ދުވަހުގައިވާ ދުޢާ ޢިޖާބަކުރައްވަވާ ވަގުތެވެ. ގިނަ ޢިލްމްވެރިން ވިދާޅުވަނީ އެވަގުތުކޮޅުވަނީ ޢަޞްރުނަމާދުން ފެށިގެން އިރުއޮއްސުމާއިދެމެދުގައިކަމަށެވެ. ވީމާ މި ރަމަމާން މަހު ދެން ބައްދަލުކުރާނީ އެންމެ ހުކުރު ދުވަހެކެވެ. ވީމާ ހުކުރު ދުވަހުގެ އެ ވަގުތުކޮޅު ލިބިގަންނަން މަސައްކަތްކުރާށެވެ!
ދެވަނަ ވަގުތުކޮޅު ލިބިގަނެވޭނީ ބަންގިގޮވާއިއރު މިސްކިތުގައި ހުރެގެންނެވެ. އެއީ ބަންގިއާއި ޤަމަތްދިނުމާއި ދެމެދުގައިވާ ވަގުތުކޮޅެވެ. ސުންނަތް ނިންމާފައި ދުޢާކުރަން އަވަސްވެގަންނާށެވެ!
ތިންވަނަ ވަގުތުކޮޅުވަނީ ނަމާދުގައެވެ. އެއީ ސަޖިދައިގައި އޮންނަ ވަގުތުގައާއި ފަހު އައްތަޙިއްޔާތުގައި ސަލާމްދިނުމުގެކުރިންނެވެ. ސަޖިދައިގައި އޮންނަ ވަގުތަކީ އެމީހަކާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތުކަމަށާއި އެވަގުތުގައި ދުޢާކުރުން ގިނަކުރުމަށް ޙަދީޘްފުޅުގައި އެބައޮތެވެ. ސަޖިދައިގައި އޮވެކުރާ ދުޢާ ޢިޖާބަ ކުރައްވަވާނެ ކަމަށް ނުވަތަ ޢިޖާބަކުރެއްވެވުން ވަރަށް ގާތްކަމަށްވެސް ޙަދީޘްފުޅުގައި އެބައޮތެވެ.
މީސްތަކުންނޭވެ! ސަޖިދައިގައި އޮވެ ކިޔަންއޮތް ޛިކުރު ޢަރަބިބަހުން ކިޔުމަށްފަހު އެމީހަކު ބޭނުންވާ ކޮންމެ ކަމަކަށް އެމީހަކަށް ފަސޭހަ ބަހަކުން ދުޢާކުރާށެވެ! އެދުޢާއަކީ ނަމާދުގެ ބައެއް ނޫނެވެ. ވީމާ ދުޢާކުރަން ވަކިބަހެއް ނެތެވެ.
ހަތަރުވަނައީ ރޯދަ ވީއްލާ ވަގުތެވެ. ރޯދަވީއްލާ ވަގުތުގައި ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ. ވަރަށް މަދު ޙާލަތެއްގައި މެނުވީއެވެ.
ވީމާ ރޯދަވީއްލާ ވަގުތަކީ ބޭކާރު ވާހަކަތައް ދައްކައި ސިޔާސީ ކަންކަމުގެ ވާހަކަތަކާއި ގޭތެރޭގެ މައްސަލަތަކުގެ ވާހަކަތައް ދައްކާ ވަގުތަކަށް ނުހަދާށެވެ! އެއީ ބޭނުންވާ ކަންކަމަށާއި އަދި ގޭތެރޭގެ މައްސަލަތަކާއި ޢާއިލީ މައްސަލަތައްވެސް ޙައްލުކުރައްވަވައި ދެއްވެވުން އެދި ދުޢާކުރާ ވަގުތުކަމަށް ހަދާށެވެ!
ފަސްވަނައީ ލައިލަތުލްގަދްރިވިލޭރެއެވެ! ހަނދާންކުރާށެވެ! މުޅި ރެއަކީވެސް ދުޢާކުރުމުގެ ވަގުތެވެ. އެރޭގެ ބޭނުން ނުހިފައި ދޫކޮށްލައިފިނަމަ ކުރިއަށް އޮތް މުޅި އަހަރުގައިވެސް އެފުރުޞަތު އަލުން އަނބުރައި ނުލިބޭނެއެވެ. ވީމާ މުޅި ރޭވެސް ދުޢާކުރުމާއި އަޅުކަންކުރުމުގައި ހޭދަކުރާށެވެ! އެއިރުން ލިބިގެން އެދަނީ 1000 މައްސަރުގައި އަޅުކަންކޮށް ދުޢާކުރުމުގެ ޘަވާބެވެ!
އެރޭ ކުރުމަށް ޙަދީޘްފުޅުން އެނގެން އޮތް މިދުޢާ ގިނަގިނައިން ކުރާށެވެ!
މިދުޢާ ކުރަމުން ދެންވެސް އެމީހަކު ބޭނުންވާ ކޮންމެ ކަމަކަށް އެދިވެސް ދުޢާކުރާށެވެ! ޙަދީޘްފުޅުގައި އޮތީ "ޤަދްރް" ބަދަލުކުރައްވަވައިދެއްވަވާނެ ހަމައެކަނި ޢަމަލަކީ ދުޢާކުރުން ކަމަށެވެ! ވީމާ ލައިލަތުލްޤަދްރް ވިލޭރޭ ގިނަގިނައިން ދުޢާކޮށް "ޤަދްރް" ތިމާ އެދޭ ގޮތަށް ބަދަލުކުރަން މަސައްކަތްކުރާށެވެ! އަޅާނުލައި ދޫކޮށްލައިފިނަމަ ނުވަތަ ފަރުވާކުޑަކޮށްފިނަމަ އެ ފުރުޞަތު މުޅި ޙަޔާތުގައިވެސް އަނބުރައި ނުލިބިދާނެ ކަމަށް ދެކެގެން ހިތްވަރުކުރާށެވެ!
- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން
Advertisement
3 މެއި 2021