އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 43 ސިކުންތު
މިފާހަގަކޮށްލަނީ މިއަދު ގިނަ ބައަކު ވަރަށް ބޮޑަށް އިހްމާލްވަމުންދާ ކަމެކެވެ. ހެޔޮއަލުކުރަމުން ފާފަކުރަމުން ގެންދާ މީހުން އިތުރަށް ވިސްނައިލަންޖެހޭނެ ކަމެކެވެ. ތިމާއަކީ ﷲ ތަޢާލާއަށާއި ރަސޫލް އަށް ފުރިހަމަގޮތުގައި ކިޔަމަންވާ މީހަކު ކަމުގައި ވެއްޖެނަމަ ލިބެން އޮތް ބޮޑު ފައިދާ ދޫކޮށްލަން ހެޔޮވެދާނެހެއްޔެވެ؟
ތައުބާން (ރޢ) އަކީ ރަސޫލް ﷺ މިނިވަން ކުރެއްވެވި އަޅެކެވެ. ތައުބާން އިންތިހާއަށް ރަސޫލް ﷺ ދެކެ ލޯބިފުޅުވެއެވެ. ކޮންމެ ދުވަހަކު 4،5 ފަހަރު މަތިން ރަސޫލް ﷺ ގެ އަރިއަހަށް ވަޑައިގެން ފައިންޕުޅު ދެކެ އެކަމުގެ ހިތްހަމަޖެހުން ހޯއްދަވައެވެ.
އެއް ދުވަހަކު އެތައް ފަހަރެއްގެ މަތިން ވަޑައިގަތުމުން ވެސް ރަސޫލް ﷺ ގެ ފައިންޕުޅު ފެންނާނެ ގޮތެއް ނުވިއެވެ. އެކަމާއި ވަރަށް ބޮޑަށް ދެރަފުޅުވެފައި ހުންނަވަނިކޮށް ރަސޫލް ﷺ އާއި ބަދައްލުކުރެއްވެވުނެވެ. އެއިރު ތައުބާންގެ މޫނުފުޅުމަތިން ފެނިވަޑައިގެންނެވި ހިތާމައިގެ ބޮޑުކަމުން އެހައި ދެރަފުޅުވެފައި ހުންނެވީ ކޮން ކަމަކާތޯ ރަސޫލް ﷺ ސުވާލުކުރެއްވެވިއެވެ.
ޖަވާބުގައި ތައުބާން ދެންނެވިއެވެ. "އަޅުގަނޑަށް ހުރިހާ ހިތްހަމަޖެހުމެއް ވެސް ލިބެނީ ކަލޭގެފާނު، ރަސޫލް ﷺ ފެނުމުންނެވެ. ނުފެނުނީމާ ކިހައި ދެރަވާނެތޯއެވެ؟ ކަލޭގެފާނު ﷺ އަވަހާރަވީ ނަމަވެސް ވާނީ ސުވަރުގޭގެ އެންމެ މަތީގައެވެ. ނަބީބޭކަލުންނާއި ރަސޫލްބޭކަލުންނާއިއެކުގައެވެ. ޝަހީދުންނާއި އެންމެ މާތް ބޭކަލުންނާއިއެކުގައެވެ. އަޅުގަނޑުމެން ތިބޭނީ މާ ދަށު ދަރަޖައިގައެވެ. ފެންނާނެ ކަމެއްވެސް އެނގެނީއެއް ނޫނެވެ. އަދި ސުވަރުގެ ވަދެވޭނެ ކަމެއް ވެސް އެނގެނީއެއްވެސް ނޫނެވެ. ވީމާ ކަލާގެފާނު ﷺ ނުފެނުމުން ކިހައި ދެރަވާނެތޯއެވެ؟"
އެވަގުތު 7 އުޑުމަތިން ވަޙީ އާއިގެން ޖިބްރީލްގެފާނު ވަޑައިގެންނެވިއެވެ. ބާވައިލެއްވެވުނު އާޔަތުގައި ވަނީ "ﷲ ތައާލާއަށާއި ރަސޫލް ﷺ އަށް ފުރިހަމަ ގޮތުގައި ތަބަޢަވީ ކޮންމެ މީހަކު ރަސޫލް ﷺ އަރިއަހުގައި ސުވަރުގޭގައި ލައްވަވާނެ" ކަމުގެ އުފާވެރި ޚަބަރެވެ. މިއަށްވުރެ އުފާވެރި ކަބަރެއް ނުލިބޭނެއެވެ! ނަމަވެސް އުފާވެރިކަން ލިބޭނީ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުމުންނެވެ.
މިއާޔަތް ބާވައިލެއްވެވުމުން ތައުބާން މީސްތަކުންގެ ގާތުގައި ވިދާޅުވެ އުޅުއްވިއެވެ. "މިއީ ތިމަންނާއަށްޓަކައި ﷲ ތައަލާ ބާވައިލެއްވެވި އާޔަތެކެވެ. ތިމަން ރަސޫލް ﷺ ދެކެ އިންތިހާއަށް ލޯބިވެވަޑައިގަންނަވަމެވެ. ޤިޔާމަތް ދުވަހު ރަސޫލް ﷺ އާއި ތިމަންނާއަށް ބައްދަލު ނުވެދާނެ ކަމުގެ ހިތާމަ އާއި ކަންބޮޑުވުން ފައުޅުކުރެއްވެވުމުން ބާވައިލެއްވެވި އާޔަތެކެވެ. މިއާަޔތުގައި ﷲ ތަލާލާ އަނަގަވާފައި އެވަނީ ﷲ ތަޢާލާ އާއި ރަސޫލް ﷺ އަށް ފުރިހަމައަށް ކިޔަމަންތެރިވި ކޮންމެ މީހަކު ރަސޫލް ﷺ ގެ އަރިއަހުގައި ސުވަރުގޭގައި ލައްވަވާނެ ކަމަށެވެ.
މީސްތަކުންނޭވެ! މިއީ އަހަރެމެން ކޮންމެ މީހަކު ވިސްނައި ފިކުރުކުރަން އެންމެ މުހިންމު ކަންތަކެވެ. ޤިޔާމަތްދުވަހު ސުވަރުގޭގައި ރަސޫލް ﷺ ގެ އަރިއަހުގައި ލެއްވެވުމަށް އެދޭނަމަ ކުރަންޖެހޭ ކަމަކީ ﷲ ތައާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ބޯލެނބުމެވެ. ކިޔަމަންތެރިކަން އަދާކުރުމެވެ. ރަސޫލް ﷺ ގެ ސުންނަތަށް ތަބަޢަވުމަކީވެސް ﷲ ތަޢާލާގެ އަމުރުފުޅެކެވެ. ހަމައެއާއިއެކު ﷲ ތަޢާލާ ނަހީ ކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވެ ހުރުމެވެ! އަހަރެމެން ހުރިހާ މުސްލިމުންނަކީވެސް ޤިޔާމަތް ދުވަހު މިމަތިވެރި ދަރަޖަ ދެއްވަވާ މީހުންގެ ތެރޭގައި ލައްވަވައި ދެއްވަވާނދޭވެ! އާމީން.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
9 ޖޫން 2021