އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ޢުމުރުން ދުވަސްވަންދެންވެސް ބަލި މަންމަ ބަލަން ބޭނުންވާތީ ކައިވެނިނުކޮށް ހުރި އަންހެނަކަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ޢުމުރުން ދުވަސްވަންދެންވެސް ބަލި މަންމަ ބަލަން ބޭނުންވާތީ ކައިވެނިނުކޮށް ހުރި އަންހެނަކަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 46 ސިކުންތު

އަޅުގަނޑުގެ ޢާއިލާގައި އެއްބަނޑު އެއްބަފާ 5 އަންހެން ކުދިން ތިބެއެވެ. އަޅުގަނޑަކީ ޢުމުރުގެ ގޮތުން މެދަށްހުރި ކުއްޖާއެވެ. އަޅުގަނޑުމެންގެ ބައްޕަ ވަނީ ނިޔާވެފައެވެ. މަންމައަކީ ވަރަށް ބަލި މީހެކެވެ. އެހެންކަމުން މަންމަގެ ގާތުގައި އަބަދުވެސް އެއް ކުއްޖަކަށް ހުންނަން ޖެހެއެވެ. މަންމަ ކަމަކު ބޭނުންވާއިރު ދަރިއަކު ގާތުގައި ނެތް ނަމަ ރޯންފަށާތީއެވެ. 

ދޮށީ ދެދައްތަ ކައިވެނިކޮށްގެން ގެއިން ނުކުތީ އެމީހުންވެސް އަމިއްލަ ދިރިއުޅުމެއް ފަށަނަ ބޭނުންވާތީއެވެ. އެ ހިސާބުން މަންމަ ބަލަހައްޓަމުން އައީ ހަގަށް ތިބި 3 ބެއިންނެވެ. ކޮއްކޮމެން ކައިވެނިކުރަން ބޭނުންވުމުން އަޅުގަނޑާއި މަޝްވަރާ ކުރިއެވެ. 

އަޅުގަޑު ބުނީމެވެ. "ދައްތައަށް ނުބަލާށެވެ! ކޮއްކޮމެން ކައިވެނިކުރާށެވެ! ފިރިމީހާ ރުހޭނަމަ ގޭގައި މަޑުކުރާށެވެ! ފިރިމީހާ ބޭނުންވަނީ ގެންދަންނަމަ އެކުގައިދާށެވެ! ދައްތަ ގަދަވެ ސަލާމަތުން ހުރިހާ ދުވަހަކު މާތް ﷲ ވާގިފުޅާއިއެކު މަންމަ ބަލާނަމެވެ. ދައްތަ ކައިވެނިކުރާނީ އަދި ތަންކޮޅެއް ފަހުންނެވެ." 

ހަގު 2 ކޮއްކޮވެސް ހަމަ ވަރަށް ގާތްގާތުގައި ކައިވެނިކޮށްގެން ގެއިން ނުކުމެގެން ދިއައީއެވެ. އެކަމުގައި ކޮއްކޮމެންގެ އެއްވެސް ކުށެއް ނެތެވެ. ކައިވެނިކުރުމަށްފަހު އޮންނާނީ ފިރިމީހާ ބޭނުންވާ ގޮތެއް ކަމުގައިވާތީއެވެ. 

އެހިސާބުން އަޅުގަނޑު ދުޢާކުރުން ގިނަކުރީމެވެ. އެކަނި މަންމަ ބެލުމުގެ ކޫޅަދާނަކަން ދެއްވެވުން އެދިއެވެ. އަދި މަންމައަށް ޚިދުމަތްކުރުމުގައި ސާބިތުވުމުގެ ކުޅަދާނަކަން ދެއްވެވުން އެދިއެވެ. އެކަންކަން ހިންމަވައި ދެއްވެވިއެވެ. މަންމަ ނިޔާނީ އަޅުގަނޑު އެކަނިހެން މަންމަ ބަލަމުން ގެންދާތާ 4 ވަނައަހަރުއެވެ. ދައްތަމެން ހަގު ކޮއްކޮމެންގެ އެހީތެރިކަން ނުލިބޭ ވާހަކައެއް ނޫނެވެ. ނަމަވެސް އަބަދުހެން މަންމަ ގާތު ހުންނަން ލިބުނީ އަޅުގަނޑަށެވެ. 

މަންމަ ނިޔާވިއިރު އަޅުގަނޑުގެ އުމުރުން 38 އަހަރެވެ. އެހިސާބަށް އުމުރު މަތިވުމުން ކައިވެނިކުރާނެ ރަނގަޅު ފިރިހެނަކު ލިބޭނެ ކަމަކަށް އުންމީދެއް ނުކުރަމެވެ. ހީކޮށްގެންހުރީ ކައިވެނިކުރަންޖެހޭނީ ދަރިންތަކެއްގެ ބައްޕައަކާ ކަމަށެވެ. ޙަޤީޤަތުގައި އެއީ އަޅުގަނޑު އެންމެ ކުރަން ބޭނުން ނުވާ ކަންތަކެވެ. މިފަދަ ވިސްނުމެއްގައި ހުރެވުނީތީ ކައިވެނިކުރުމާއިމެދަކު ނުވެސް ވިސްނަމެވެ. 

ކަންކަން މެދުވެރިވީ ވަރަށް ތަފާތު ގޮތަކަށެވެ. މަންމަ މަރުވިތާ މަސްދުވަސްވީތަނާ އަޅުގަނޑަށް ފިރިހެނަކު ގުޅާފައި ބުނީ އޭނާއަކީ އެއިގެ 3 އަހަރުކުރިން އަޅުގަނޑުގެ މަންމަ ހޮސްޕިޓަލުގައި ބާއްވައިގެން އުޅުނު ދުވަސްތަކެއްގައި ހަމައެވޯޑުގައި އޭނާގެ މަންމަވެސް ބާއްވައިގެން އުޅުނު މީހެއް ކަމަށެވެ. އަޅުގަޑާއި ވާހަކަ ދައްކައި އެއިރު އެކުވެރިކަމާއިއެކު އުޅުނު މީހެއް ކަމަށެވެ. އަދި މަންމަ ބެލެހެއްޓުމުގެ ކަންކަން އަޅުގަނޑު ކުރަމުން އަންނަ ގޮތް ކިޔައިދެވިފައިވާ މީހެއްކަމަށާއި އަޅުގަނޑުގެ ކަންކަން އެނގޭ މީހެއް ކަމަށެވެ. އަދި އެއިރުން ފެށިގެން އޭނާ ހުރީ އަޅުގަނޑަށް ފާރަލައިގެން ކަމަށާއި ކައިވެނިކުރަން ބޭނުން ކަމަށެވެ. 

އަޅުގަނޑަށް އޭނާއަކީ ކާކުކަން ހަނދާންވީވެސް ފޯނުކަޑާލާފައި ވީޑިއޯ ކޯލެއް ކުރުމުންނެވެ. އަޅުގަނޑު، އަޅުގަނޑުގެ ޝަރުޠުތައް ހުށަހެޅީމެވެ. އެއީ ދިރިއުޅެން މަސައްކަތްކުރާ މީހަކަށްވުމާއި ފަރުޟު ނަމާދުތައް ކުރާ މީހަކު ކަމުގައިވުމާއި އަޚްލާޤް ރަނގަޅު މީހަކު ކަމުގައި ވުމެވެ. 

ދެމީހުން ބައްދަލުކޮށް އުޅެން ފެށުމުން އޭނާ ދައްކާ ވާހަކަތަކަށް އިތުބާރު ކުރެވި ކައިވެނިކުރީއެވެ. ކައިވެނިކުރިއިރުވެސް އޭނާއަކީ ތަނަވަސް މީހަކު ކަމަކަށް ނުބުނެއެވެ. އެކަން އެނގުނީ ކައިވެނިކުރި ފަހުންނެވެ. 

ކައިވެންޏަށް މިހާރު 7 އަހަރުވެއްޖެއެވެ. 3 ދަރިން ވެސް ވަނީ ލިބިފައެވެ. ފިރިމީހާއަކީ އަޅުގަނޑު ހުށަހެޅި ޝަރުޠުތައް ވަރަށް ފުރިހަމައަށް ހުރި މީހެކެވެ. ދިރިއުޅެމުން މިދަނީ ވަރަށް އުފަލުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިން ގާތު ބުނެލަން ބޭނުންވަނީ ލިބޭނެކަމަށް އަޅުގަނޑު އުންމީދުވެސް ނުކުރާ ވަރުގެ ފިރިއަކު އަޅުގަނޑަށް ލިބުނު ސަބަބު ދެނެވޮޑިގެންވާނީ ﷲ ތަޢާލާއެވެ. އަޅުގަނޑު ޤަބޫލުކުރަނީ މަންމައަށް ކުރި ޚިދުމަތުން ކަމަށެވެ. ނޫންނަމަ ޢުމުރުން އެހައި ދުވަސްވާފަހުން އަޅުގަނޑު އެންމެ ކުޑައިރުންސުރެ އުންމީދުކުރި ފަދަ ފިރިއަކާ އަލަށް ކައިވެނިކުރަން ލިބުމަކީ މިފަދަ ޒަމާނެއްގައި ހަމަ ވަރަށް ނާދިރުކަމެއް ނޫންތޯއެވެ؟ 

ކިޔުންތެރިން ވިސްނައިލާށެވެ! އަޅުގަނޑުގެ ޙަޔާތުގައި ދިމާވި ކަންކަމުން ޢިބްރަތެއް ލިބޭނަމަ ޙާޞިލުކުރާށެވެ! ދައްތަމެންނާއި ކޮއްކޮމެންނާ އަޅުވާ ކިޔާކަށް ނެތީމެވެ. ނަމަވެސް ބުނެލަން ޖެހެނީ އެންމެފަހުން ކައިވެނި ކުރި ނަމަވެސް އެންމެ އުފަލުގައި މިއުޅެނީ އަޅުގަނޑު ކަމަށެވެ. އަދި މިއަދު 4 ބެއިންގެ މަންމައަކީވެސް ބައްޕައަކީވެސް އަޅުގަނޑު ކަމަށެވެ. މިއަށްވުރެ ބޮޑު އުފަލަކީ ކޮބައިތޯއެވެ؟ 

އެންމެ ވާހަކައެއް އިތުރަށް ބުނެލާނަމެވެ. އަޅުގަނޑު ޚިދުމަތްކުރީ މަންމަ ކަމަށްވީތީ ﷲ އަށްޓަކައެވެ. އެކަލާނގެ ރަޙްމަތަށް އެދިގެންނެވެ. މިބުނީ ވަރަށް ގިނަ ވާހަކައެވެ. ވިސްނާށެވެ! 

- މަޢީޝާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް