އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ޙަޤީޤަތް ނުބަލާ ލޯބިވެ ކައިވެނިކުރުމުން ލިބުނު ނިކަމެތިކަން އެހެން އަންހެނަކަށް ލިބުމަކަށް ނޭދެން! ހޭލުންތެރިވެލައްވާ!

ޙަޤީޤީ ޙާދިސާ: ޙަޤީޤަތް ނުބަލާ ލޯބިވެ ކައިވެނިކުރުމުން ލިބުނު ނިކަމެތިކަން އެހެން އަންހެނަކަށް ލިބުމަކަށް ނޭދެން! ހޭލުންތެރިވެލައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

އެއިރު އަޅުގަނޑުގެ އުމުރަކީ 22 އަހަރެވެ. ވަޒީފާ އަދާކުރަމެވެ. ބައްދަލުވި ޒުވާނަކު އަޅުގަނޑުދެކެ ވަރަށް ލޯބިވާކަމަށް ބުނެ ކައިވެނިކުރަން ހުށަހެޅުމުން އެކަން ޤަބޫލުކޮށް ކައިވެނިކުރީމެވެ. 

އޭނާ އަޅުގަނޑަށް ވަރަށް ރަނގަޅެވެ. އަޅުގަނޑާއިމެދު ކަންކަންކުރީ ވަރަށް ރަނގަޅަށެވެ. އޭނާ އާއިއެކު އޭނާ ކުއްޔަށް ހިފާފައި ހުންނަ އެޕާޓްމަންޓެއްގައި ދިރިއުޅެން ފެށީމެވެ. 2 ހަފްތާވެސް ނުވަނީސް ވިޔަފާރި ދަތުރެއްގައި ކަމަށްބުނެ ފުރައިގެން ހިނގައްޖެއެވެ. ބުނީ ދަނީ މެލޭސިޔާއަށް ކަމަށެވެ. 

ކޮންމެ ދުވަހަކުވެސް ފޯނުކުރެއެވެ. ވަރަށް ލޯބިވާކަމަށްވެސް ބުނެއެވެ. އަޅުގަނޑުވެސް ހުރީ ހަމައެގޮތުގައެވެ. ނަމަވެސް ފުރިތާ 7 ވަނައަށް ދުވަހު ފުލުހުން ފިރިމީހާ ހޯދަން އައެވެ. ސަބަބެއްކަމަށްބުނީ މަކަރާ ހީލަތުގެ މައްސަލައެއް ކަމަށެވެ. 

އިތުރު ތަފްޞީލް ހޯދުމުން އެނގުނީ އޭނާ ކުރިން ގުޅިގެން އުޅުނު އަންހެންކުއްޖާގެ ބައްޕައަށް ކެންސަރުޖެހިގެން ފަރުވާކުރަން ޢާއިލާގެ އެންމެންގެ ގަހަނާ ވިއްކައިގެންނާއި އެހީގެ ގޮތުގައި ލިބިފައިހުރި ހުރިހާ ފައިސާތަކެއް އޭނާ މަކަރާ ހީލަތުން އަތުލާފައިވާކަމެވެ. އަދި ބައްޕަ މަރުވެ ދިއައީ ފަރުވާ ނުކުރެވިގެން ކަމެވެ. 

އެކަންކަން އެނގުމުން ވަރަށް ދެރަވިއެވެ. އަދި ޤަބޫލުކުރެވުނީ އެވަރުގެ ރަޙުމް ކުޑަ މީހަކު އަޅުގަނޑަށްވެސް ކޮންމެ ފަދަ ދެރައެއް ދޭންވެސް ފަސް ނުޖެހޭނެ ކަމަށެވެ. ވިސްނައިގެން ހުރީ ފިރިމީހާ އެނބުރި އައުމުން ވަރިވުމަށެވެ. 

ދެމަސްދުވަސްވީއިރުވެސް ކޮންމެ ދުވަހަކުވެސް ބުނަނީ އަންނަ ހަފްތާގައި އެނބުރި އަންނާނެކަމަށެވެ. އެހެން ހުއްޓައި ފްލެޓުގެ ވެރިފަރާތުން ކުލި ހޯދަން އަންނަން ފަށައިފިއެވެ. ބިލްތައް ނުދައްކައިގެން ފެނާއި ކަރަންޓް ކަނޑާލައިފިއެވެ. އަޅުގަނޑަަކީ ރާއްޖެތެރެއަށް ނިޞްބަތްވާ ކުއްޖެކެވެ. އަޅުގަނޑަށް ޖެހުނީ މަގުމަތިވާށެވެ! 

އެޙާލަތުގައި އަޅުގަނޑަށް އެހީތެރިވީ ސްކޫލް ދުވަސްވަރުގެ ރަޙްމަތްތެރި ފިރިހެން ކުއްޖަކާއި އޭނާގެ އަންހެނުންނެވެ. ބޯހިޔާވަހިކަމެއް ލިބުނީ އެދެމަފިރިން ދިރިއުޅޭ ގެއިން ކޮޓަރިއެއްގައި ބަހައްޓައިދިނުމުންނެވެ. 

އެޙާލަތުގައި ކަންކަން ބަޔާންކޮށް ކޯޓަށް ހުށަހެޅުމުން ވަރަށް ފަސޭހައިން ވަރިކޮށްދިނެވެ. ޢިއްދަ ހަމަކޮށް ދެވަނަ ކައިވެންޏެއްކޮށްގެން ދިރިއުޅެން ފެށީމެވެ. ދެވަނަ ކައިވެންޏަށް މިހާރު 22 އަހަރެވެ. 5 ދަރިން އެބަތިއްބެވެ. އެންމެ ތަނަވަސް ނޫން ނަމަވެސް ދިރިއުޅެނީ އުފާވެރިކަމުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު ހިއްޞާ މިކުރީ މިހާރުވެސް ގިނައިން ލޯބިވެވެނީ އަނެކާގެ ޙަޤީޤަތް ނުހޯދާކަމަށްވުމުން އެތައް ބައަކަށް މިފަދަ ދެރަތައް ލިބެމުންދާތީއެވެ. އަޅުގަނޑަށް ޖެހުނު ޙާލު ޖެހިފައި ހުރި ފުވައްމުލަކު އަންހެން ކުއްޖަކު މިހާރުވެސް އެބަ ބަލަހައްޓަމެވެ. ވީމާ ބުނެލަން އޮތީ ލޯބިވުމަކީ ވަރަށް ފަސޭހަކަމެކެވެ. ކިތަންމެ އުނދަގޫ ނަމަވެސް ޙަޤީޤަތް ނުބަލައި ލޯބިވުމުން ވެއްޓޭ އަނދަވަޅުގެ ފުންކަން ވަރަށް ނުރައްކަލެވެ. 

- ޝަހީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް