އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 55 ސިކުންތު
އެދެމަފިރިންނަށް ލިބިފައިވާ ދެ ދަރިންގެ ޢުމުރަކީ 10 އަހަރާއި 8 އަހަރެވެ. އަނބިމީހާ އެއިރުވެސް ބަލިވެ އިނދެ ބަނޑަށް 6 މަހެވެ. ފިރިމީހާ، އަނބިމީހާ ވަރިކޮށްލައި ދެދަރިންވެސް އެއްލާލާފައި ދިއައީ ޒުވާން ކުއްޖަކާއި ކައިވެނިކުރާށެވެ!
އެކަމުގެ ހިތާމައިގާ އުޅެންހަދައިގެން އަނބިމީހާ ބަލިވެ ދަރިފުޅުވެސް ބަނޑުގައި އޮވެ މަރުވީއެވެ. އަނބިމީހާ ޤަޞްދުކުރީ ކޮންމެ ޙާލެއްގައިވެސް ދެ ދަރިން ގެންގުޅެ ބޮޑުކުރެވޭތޯއެވެ. އެކަމަށް މަސައްކަތްކުރަމުން ދަނިކޮށް އޭނާ ވަރަށް ބޮޑަށް ބަލިވީއެވެ. ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވެއެވެ. އަތުގައި އެއްވެސް ފައިށާއެއް ނެތުމުން ފަރުވާކުރެވޭނެ ގޮތެއް ނެތެވެ.
މަންމަ ނުކުމެ އާދޭސްކުރުމުން ފައިސާ ދޭނެ މީހަކު ނުވުމުން ދެ ދަރިން ސޯޝަލް މީޑިއާގައި ސަލާންޖަހަން ފެށިއެވެ. އެކުދިންގެ ޙަޤީޤަތް ހާމަކުރިއެވެ. މަންމަ މަރުވެއްޖެނަމަ އަޅައިލާނެ އެއްވެސް މީހަކު ނެތްކަން ބަޔާންކުރިއެވެ.
އެޕޯސްޓްތައް ފެނުމުން ގިނަ ބައަކު ފައިސާ ޞަދަޤާތްކުރިއެވެ. ބޭސްފަރުވާއަށް ބޭނުންވާ ވަރަށް ފައިސާ އެއްކުރެވުނުތަނާ އެއްދުވަހަކު ފެނުނީ ބައްޕަގެ މެސެޖެކެވެ. ބަޔާންކޮށްފައިވަނީ އަނބިމީހާ އާއި ދަރިންނަށް ކަންކަން ކުރެވުނު ގޮތާއިމެދު ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ. އަދި އެނބުރި ގޮސް އަނބިދަރިންނާއިއެކު ދިރިއުޅެން ބޭނުންވާ ކަމަށެވެ. އޭނާއަށް މާފުކުރަން އެދޭ ކަމަށެވެ.
އަނބިމީހާ މާފުކުރިއެވެ. އަދި އަންހެން ދަރިފުޅު ވެސް ބޭނުންވީ މާފުކުރާށެވެ! ފިރިހެން ދަރިފުޅު ހުރީ މާފުކުރާކަށް ނޫނެވެ. ނަމަވެސް މަންމަ ބޭނުންވީތީ އޭނާ އެނބުރި އައުމަށް ދައުވަތު ދިނެވެ.
ގެއަށް އައިސް 2 ދުވަހަކު ގޭގައި ވަރަށް ހެޔޮއެދޭކަން ދައްކައިގެން އުޅުނެވެ. އަނެއް ދުވަހަކީ އޮޕަރޭޝަންކުރަން މަންމަ ހޮސްޕިޓަލަށް ގެންދަން އޮތް ދުވަހެވެ. މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދާން ހުރިހާ ކަމެއް ތައްޔާރުކޮށްފައި އަލަމާރީގައި ހުރި ފައިސާ ނަގަން ބެލިއިރު އެންމެ ޑޮލަރެއް ވެސް ނެތެވެ. އޮތީ ނޯޓެކެވެ. "ވަރަށް ބޮޑަށް މާފުކުރާށެވެ! އަހަރެންގެ ދަރިފުޅު ވަރަށް ބަލިވެ އުޅޭތީ މިފައިސާކޮޅު މިގެންދަނީއެވެ."
3 މައިން އަޑުން ނަގާ ރޯން ތިއްބައި އަވަށްޓެރި މުސްކުޅިއަކު އައިސް ކަންކަން ވެގެން އުޅޭ ގޮތް ބެލުމަށްފަހު ގޮސް އޭނާގެ ކާރު ވިއްކާލާފައި ފައިސާ ހޯދައިގެންގޮސް 3 މައިންނަށް ހަދިޔާކުރިއެވެ. އެއީ އޮޕަރޭޝަން ކުރުން ލަސްވެއްޖެނަމަ އަންހެން މީހާގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުޞަތު ކުޑަކަމުންނެވެ. އަދި ސަލާންޖަހައިގެން އެހައި ގިނަ އަދަދެއްގެ ފައިސާ ހޯދާނެ ވަގުތު ނެތުމުންނެވެ.
އަވަށްޓެރިޔާއަށް ހާސްފަށުން ޝުކުރު އަދާކޮށްފައި މަންމަ ގޮވައިގެން ހޮސްޕިޓަލަށްގޮސް ފަރުވާހޯދީއެވެ. މަންމަ ގަދަވިއެވެ. ނަމަވެސް ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ނުކޮށް ހުންނަން އެންގުމުން ދިރިއުޅުމުގެ ކަންކަން ވަރަށް ބޮޑަށް ދަތިވިއެވެ. އެދުވަސްތަކުގައި އެހީތެރިވީ އަވަށްޓެރިންނެވެ.
ދެން އޮތީ އެހައި މަސައްކަތުން ސަލާންޖަހައިގެން އެއްކުރި ފައިސާކޮޅު ވަގަށް ނެގި ބައްޕަގެ ވާހަކައެވެ. ފިރިހެން ދަރިފުޅު އެމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން އޭނާ އަތުލައިގަނެ ފައިސާކޮޅުވެސް ހޯދައިދިނެވެ. ފުލުހުން އޭނާ އަތުލައިގަތުމުން ދަރިފުޅަށް ފޯނުކޮށް ދަރިފުޅަކީ ނުބައި ނުލަފާ އަނިޔާވެރިއެއް ކަމަށާއި ބައްޕަގެ މައްޗަށް އެއްވެސް ރަހުމެއް ނެތް ދަރިއެއް ކަމަށް ވެސް ބުންޏެވެ. ދަރިފުޅު ބުނީ ތިއައަށްވުރެ ނުބައި ނުލަފާ ރަޙުކުޑަ ބައްޕައަކު ދުނިޔޭގައިވެސް ނުހުންނާނެ ކަމަށެވެ. އަދި އެގެއަށް ދުވަހަކުވެސް ވަދެގެންވެސް ނުވާނެ ކަމަށެވެ.
ފުލުހުން ހޯދި ފައިސާ ލިބުމުން 3 މައިން ދިރިއުޅުނީ އެފައިސާކޮޅުގެ ބޭނުންކޮށްގެންނެވެ. އަވަށްޓެރިންގެ އެހީތެރިކަމާއިވެސް އެކުގައެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއީ ވާހަކައެއް ނަމަވެސް ވަރަށް ޢިބްރަތްތެރިވާހަކައެކެވެ. އަދި އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމާއިވެސް ވަރަށް ގުޅުންހުރި ވާހަކައެކެވެ.
އަޅުގަނޑަކީ 5 ދަރިންގެ މަންމައެކެވެ. މިވާހަކަ އާއި އަޅުގަނޑުގެ ފިރިމީހާ ކަންތައްކުރި ގޮތާއި ހުރި ތަފާތަކީ އަޅުގަނޑުގެ ކުރީގެ ފިރިމީހާ ފިލީ އެކުގައި ދިރިއުޅެމުން ކަމެވެ. އޭނާ ފިލީ އަޅުގަނޑުގެ އޯވަރީއަށް ކެންސަރުޖެހިގެން ފަރުވާއަށް ފުރަން އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށެވެ. ސަލާންޖެހުމުން ލިބުނު ފައިސާ ހުރީ އޭނާގެ އެކައުންޓުގައިކަމަށްވުމުން އަލަމާރިން ފައިސާ ނުނަގާކަމެވެ.
އެޙާލަތުގައި އަޅުގަނޑަށް އެހީތެރިވީ ފިިރިހެން ދަރިފުޅު މަސައްކަތްކުރާ ުންފުނީގެ ވެރިމީހާއެވެ. އެއްބައި ހިލޭ ސާބަހަށް ޞަދަޤާތްކުރީއެވެ. އަނެއްބައި މުސާރައިން އުނިކުރާ ގޮތަށް ހަދިޔާކުރީއެވެ.
ފިރިމީހާ ފިލައިގެން ދިއައީ ކީއްކުރަންކަން ވެސް ދަރިންނަށް އެނގުނެވެ. ދައުވާކޮށްފިނަމަ އެފައިސާތައް ލިބޭނެކަންވެސް އެނގެއެވެ. ނަމަވެސް ދަރިން ނިންމީ ބައްޕަ ކުރިކަމަކާއިއެކު ބައްޕަ އެހިސާބުން ދޫކޮށްލުމަށެވެ. ބައްޕަކަމަށްވުމުން އަދިވެސް ބައްޕަ ބޭނުންވެއްޖެ ނަމަ އެހީތެރިވުމުން ދެއްވަވާނެ ޘަވާބުގެ ބޭނުމުގައެވެ.
މިވާހަކަ ކިޔާފައި ބޭނުންވީ ހަމަ މިފަދަ ނުބައި ނުލަފާ ފިރިން ރާއްޖޭގައިވެސް އެބަތިބިކަން ހާމަކުރުމެވެ.
---ޝަރީފާ ޔޫސުފް / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
14 ސެޕްޓެމްބަރ 2021