އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު
ހުރިހާ ކަމެއް އެނގިތިބެމެ ފާފަކުރާ މީހުން އެކަންކުރަމުން ތަފާތު ބަހަނާތައް ދައްކައެވެ. ފާފަކުރުމަކީ ކުރުން ހުއްދަ ކަމެއްކަން އަންގައިދޭން މަސައްކަތް ކުރެއެވެ. އެފަދަ މީހުން މިވާހަކަ ރަނގަޅަށް އަޑުއަހާށެވެ!
ފާފައެއް ކުރަން ބޭނުންވި ޒުވާނަކު އިމާމް އިބްރާހީމް އިބްނު އަދްހަމް އަރިހުގައި އޭނާއަށް ފާފައެއް ކުރެވިދާނެ ގޮތެއް ވިދާޅުވެ ދެއްވުމަށް އެދުމުން އިމާމް އިބްރާހީމް 5 ކަމެއްގެ ވާހަކަ ވިދާޅުވިއެވެ. އަދި އެ 5 ކަންތައް ކުރުމަށްފަހުގައި ނޫނީ އެއްވެސް ފާފައެއް ނުކުރުމަށް ވިދާޅުވިއެވެ.
ފުރަތަމަ ކަމަކަށް ވިދާޅުވީ ﷲ ތަޢާލާ ދެއްވަވާ ރިޒްޤް ކެއުން ހުއްޓައިލުމެވެ. އެއީ ކުރެވެން އޮތް ކަމެއް ނޫން ކަމަށް ދެންނެވުމުން ވިދާޅުވީ ﷲ ތައާލާ އުފައްދަވާފައިވާ ބިން ނޫން ބިމެއްގައި ދިރިއުޅުމަށެވެ. ﷲ ތައާލާ އުފައްދަވާފައިވާ މިދުނިޔެ ދޫކޮށް އެހެން ދުނިޔެއަކަށް ދިއުމަށެވެ. އެއީވެސް ނުކުރެވޭނެ ކަމެއް ކަމަށް ދެންނެވުމުން ވިދާޅުވީ ﷲ ތައާލާއަށް ތިބާ ފެނިވޮޑި ނުގަންނަވާނެ ތަނަކަށް ދިއުމަށެވެ. އެއީވެސް އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ދެންނެވުމުން ވިދާޅުވީ މަރުގެ މަލާއިކަތާ މަރު ހިއްޕަވަން ވަޑައިގަތުމުން މަރު ނުވާނެ ކަމަށް ބުނެ ދިރިހުރުމަށެވެ. އެއީ ވެސް އެއްވެސް މީހަކަށް ނުކުރެވޭނެ ކަމެއްކަމަށް ދެންނެވުމުން ވިދާޅުވީ ޤިޔާމަތް ދުވަހު މަލާއިކަތުން ވަޑައިގެން ތިބާ ނަރަކައަށް ގެންދަވަން އުޅުއްވުމުން ނަރަކައަށް ނުގޮސް ހުރެވޭނެ މީހަކަށް ވުމަށެވެ.
އެހިނދު އިމާމް ވިދާޅުވީ ﷲ ތައާލާ ދެއްވެވި ރިޒްޤް ކަމުން، ﷲ ތަޢާލާ އުފެއްދެވި ދުނިޔޭގައި އުޅެމުން ފާފަ ކުރާނަމަ އެކަމަށް ﷲ ތަޢާލާ ދެއްވަވަން ހުރި ޢަޛާބް ދެއްވަވާނެ ކަމަށެވެ. މަރުނުވެ ނުހުރެވޭނެ ނަމަ އަދި ނަރަކައަށް ވައްދަވަން މަލާއިކަތުން އުޅުއްވެވުމުން ނުވަދެ ނުހުރެވޭނެ ނަމަ އެއްވެސް ފާފައެއް ކޮށްގެން ނުވާނެ ކަމަށެވެ.
މީސްތަކުންނޭވެ! ދުނިޔޭގެ އެދުންތައް ބޮޑުވެ ޙަރާމްކަންކަން ކުރަން ބޭނުންވާ ޙާލުގައި އިމާމްގެ ވާހަކަފުޅު ހަނދުމަކުރާށެވެ! އިމާމް ދެއްވި ފިލާވަޅުން ޢިބްރަތް ޙާޞިލުކުރާށެވެ! މިކަންކަން ހަނދާން ކުރުމަކީ ފާފަތައް ކުރުމުންދުރުހެލިކުރުވާނެ ކަމެކެވެ. ޝައިޚްގެ ވާހަކަފުޅުގެ ހުރިހާ ވެސް ބޭނުންފުޅަކީ އެއްވެސް ފާފައެއް ކޮށްގެން ނުވާނެ ކަމާއި ފާފަކުރާނަމަ މަރުވުމުން ނަރަކައަށް ދާންޖެހޭނެކަން ބަޔާންކޮށް ދެއްވެވުމެވެ.
މީސްތަކުންނޭވެ! ބައެއް މުސްލިމުންނަށް މިކަންކަން ޤަބޫލު ނުކުރެވި ފާފަތަކަށް އަރައިގަންނަމުންދާއިރު އިސްލާމް ދީނުގައި ޙަރާމް ކުރައްވަވާފައިވާ ކޮންމެ ކަމެއް ޙަރާމް ކުރައްވަވާފައިވަނީ އެންމެހައި މީސްތަކުންނާއި މުޖުތަމައުގެ ފައިދާއަށްކަން ޤަބޫލުކޮށް އެހެން ދީންތަކުގެ މީހުން އެދަނީ ކޮންމެ ދުވަހަކު އިސްލާމްވަމުންނެވެ. ކޮންމެ ދުވަހަކީ އެހެން ދީންތަކުގެ އެތައް ހާސް ބައަކު އިސްލާމްވާ ދުވަހަކަށްވެފައި މިވަނީ އެމީހުންނަށް އިސްލާމް ދީނުން ރަނގަޅު ކަންކަން ފެންނާތީއެވެ. އިސްލާމީ އުޞޫލުތަކަކީ އެންމެ ރަނގަޅު އުޞޫލުތައް ކަމުގައި ޤަބޫލުކުރެވޭތީއެވެ.
--ޝައިޚް މުޙައްމަދު އަލްޝަރީފްގެ ދަރުސަކުން
Advertisement
15 ސެޕްޓެމްބަރ 2021