އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާތް ރަސޫލާގެ ލޯބިފުޅު އެކަލޭގެފާނުގެ ކާފަ ދަރިކައުކަނބަލުންނަށް ދެއްވި ގޮތް

މާތް ރަސޫލާގެ ލޯބިފުޅު އެކަލޭގެފާނުގެ ކާފަ ދަރިކައުކަނބަލުންނަށް ދެއްވި ގޮތް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 12 މިނެޓް, 17 ސިކުންތު

ޢަލީ އިޙްސާން ފިރާޤު

އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم އަކީ މުޅި އިންސާނިއްޔަތަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާއެވެ. އިސްލާމްދީނުގެ ހަރުދަނާ އުސޫލުތައް އުނގަންނަވައި ދެއްވުމުގެ އިތުރުން އެކަލޭގެފާނު ވެވަޑައިގެންނެވީ މުޅި އިންސާނިއްޔަތަށް ފައިދާއާއި ލާބައާއި މަންފާކުރަނިވި އެންމެހައި ކަންތައްތަކެއް ބަޔާންކޮށްދެއްވި ރަސޫލާކަމުގައެވެ. އެންމެހައި ހެޔޮ ޚުލުޤުފުޅާއި މަކާރިމްތަކެއް އިންސާނިއްޔަތަށް ބަޔާންކޮށްދެއްވި ޚާތިމުލް އަންބިޔާޢު ކަމުގައެވެ. މިއެންމެހައި ކަމެއް އެކަލޭގެފާނުވަނީ ޢަމަލުފުޅާއި ބަސްފުޅުތަކުން ސާބިތުކޮށްދެއްވާފައެވެ.

ކުޑަކުދިންނަކީ ހިތްތަކުގެ އުފާވެރިކަމެވެ. މާދަމާގެ ކުރިމަގެއެވެ. ރަނގަޅު ހަރުދަނާ ޖީލެއް ބިނާވެގެންދަނީ ޅަދަރީންނަށް ދެވޭ ތަރުބިއްޔަތެއްގެ މައްޗަށެވެ. އެކުދިންނަށް ދައްކުވައިދެވޭ ނަމޫނާއެއްގެ މައްޗަށެވެ. އެހެންކަމުން އެކުދިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވައިފައިވެއެވެ. އެންމެ ޅަފަތުއްސުރެ އެކުދިންނަށް ލޯތްބާއި އަޅާލުން ދިނުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވައެވެ. ޚުދު ކައުއިތުރު ނަބިއްޔާ ވަނީ އެކަންކަމުން ރިވެތި ނަމޫނާއެއް ދައްކަވައިފައެވެ.

އެގޮތުން މިދަންނަވާލަނީ، ކައު ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ކާފަދަރިކައުކަނބަލުންނާމެދު ގެންގުޅުއްވައިފައިވާ ރިވެތި ސުލޫކުގެ ތެރެއިން ހޮވައިލެއްވިފައިވާ ބައެއް ނަމޫނާތަކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ކައުސާހިބާގެ ބޭފުޅުންގެ ތެރެއިން ބާލިޣުވެވަޑައިގެންނެވުމާ ހަމައަށް ދުނިޔޭގައި ތިއްބެވީ އެކަލޭގެފާނުގެ ހަތަރު ދަރިކަނބަލުންނެވެ. އޭގެ ތެރެއިން އައްސައްޔިދާ ޒައިނަބު ބިންތި ރަސޫލާ صلّى اللّـه عليه وسلّم އަކީ އެކަލޭގެފާނުގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ. ޒައިނަބުގެފާނުގެ ދަރިކަނބަލުން އައްސައްޔިދާ އުމާމާއަކީ އެމާތް ނަބިއްޔާގެ އެންމެ ދޮށީ ކާފަދަރިކަނބަލުންނެވެ.

މާތް ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ކާފަދަރިކަނބަލުން އުމާމާ ދެކެ އިންތިހާއަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. ވަރަށް ގިނައިން އެދަރިކަނބަލުން އުރުވަޑުވައި ލޯބި ކުރައްވައި ހައްދަވައެވެ. ބައެއް ފަހަރު ނަމާދުފުޅު ކުރައްވާއިރު އެދަރިކަނބަލުން އުރުވަޑުވައިގެން ހުންނަވައި ނަމާދުފުޅު ކުރައްވައި ހައްދަވައެވެ. ބުޚާރީއާއި މުސްލިމުގައި ރިވާވެގެންވާ ޙަދީޘްފުޅެއްގައިވެއެވެ. [ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ކާފަދަރިކަނބަލުން އުމާމާ އުރުފުޅުވަޑުވައިގެން ޤިޔާމުގައި ހުންނަވާއިރު ހުންނަވައެވެ. ސަޖިދައަށް ވަޑައިގަންނަވަންވީމާ ބިންމަތީގައި އެ ދަރިކަނބަލުން ބައިންދަވައެވެ.]

މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم ވަރަށް ގިނައިން އުމާމާއަށް ހަދިޔާ ދެއްވާ ހައްދަވައެވެ. ބައެއް ފަހަރަށް އެކަލޭގެފާނު އަރިހަށް ގެނެވޭ އަގުބެޑެތި ހާރުފަދަތަކެތި އުމާމާގެ ކަރުފުޅުގައި ތުރުކޮށްދެއްވައެވެ. އަނެއްބައި ފަހަރަށް އަނގޮއްޓިފަދަ ތަކެއްތިވެސް އެކަމަނާއަށް ވެދުމަށް އަރުވައެވެ.

އުއްމުލް މުއުމިނީން އާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. އެއްފަހަރަކު ހަބަޝާގެވެރި ނަޖާޝީ މާތް ރަސޫލާގެ އަރިހަށް ނުހަނު ގިނަ ހަދިޔާ ފޮނުއްވިއެވެ. އޭގެތެރޭގައި އަގުބޮޑެތި ގަހަނާތަށް ހިމެނެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެތަނުން އަނގޮއްޓިއެއް ނެންގެވިއެވެ. އެއަށް ފަހު އައްސައްޔިދާ އުމާމާ ބަލައިފޮނުއްވައިގެން ގެންނަވައި އެ އަނގޮއްޓި ދެއްވުމަށްފަހު ޙަދީޘްކުރެއްވިއެވެ. [އޭ އަހުރެންގެ ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅުގެ އިނގިލީގައި ތިޔަ އަނގޮއްޓިއަޅާށެވެ.] ( ސުނަނު އިބްނު މާޖާ/ މިއީ ޙަސަން ދަރަޖައިގެ ހަދީޘެކެވެ)

އިތުރު އެހެން ޙާދިޘާއެކެވެ. އެއްފަހަރަކު ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އަށް ވަރަށް އަގުބޮޑު ރީތި ހާރުކޮޅެއް ވެދުމަކަށް އެރުވުނެވެ. އެ ހާރުކޮޅު ލިބިވަޑައިގަތުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [އަހަރެން މިހާރު ދޭނީ އަހަރެންގެ އަހުލުބައިތުގެ ތެރެއިން އަހަރެން އެންމެ ލޯބިވާ ފަރާތަކަށެވެ.] މިހެން އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވުމުން އެކަލޭގެފާނުގެ ބައެއް އަނބިއަނބިކަނބަލުން ހީފުޅު ކުރެއްވީ އެހާރުކޮޅު ދެއްވާނީ އުއްމުލް މުއުމިނީން ޢާއިޝަތުގެފާނަށް ކަމަށެވެ. ނަމަވެސް ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ކާފަދަރިކަނބަލުން އައްސައްޔިދާ އުމާމާ ގެންނަވައި އެކަމަނާގެ ކަރުފުޅުގައި އެހާރުކޮޅު ތުރުކޮށްދެއްވިއެވެ.  {ابن عبد البر / الاستيعاب في معرفة الأصحاب} 

ޙަސަންގެފާނާއި ޙުސައިންގެފާނަކީ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ ލޯފުޅުގެ ނޫރުފުޅުކަމުގައި ހިމެނިވަޑައިގަންނަވާ ދަރިކަނބަލުން ފާޠިމަތުގެފާނުގެ ދެދަރިކަލުންނެވެ. ކައުއިތުރު ނަބިއްޔާގެ ދެކާފަ ދަރިކަލުންނެވެ. އެކަލޭގެފާނުގެ ވަރަށް ފުން ލޯބިފުޅެއް ޙަސަންގެފާނާއި ޙުސެއިންގެފާނަށް ދެއްވައިފައިވެއެވެ. އަބޫ ބަކްރާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ މިންބަރުކޮޅުގައި ހުންނަވައި ޙަދީޘް ކުރައްވަނިކޮށް އަހަރެން އަޑު އެހީމެއެވެ. އޭރު އެކަލޭގެފާނުގެ އަރިހުގައި މިންބަރުކޮޅުގައި އިށީންދެވަޑައިގެން ޙަސަންގެފާނު އިންނެވިއެވެ. ނަބިއްޔާ އެއްފަހަރު މީސްތަކުންނާ ދިމާއަށް، އަނެއްފަހަރު ޙަސަންގެފާނާ ދިމާއަށް ބައްލަވަމުން ޙަދީޘް ކުރެއްވިއެވެ. [އަހަރެންގެ މިދަރިފުޅަކީ ސައްޔިދެކެވެ. މީނާގެ ސަބަބުން ދެކޮޅުވެރިކަން އުފެދިފައިވާ މުސްލިމު ދެޖަމާއަތެއްގެ ދެމެދުގައި ޞުލްޙަ ގާއިމު ކުރެވިގެންދާނެ ކަމަށް އަހަރެން އުއްމީދު ކުރަމެވެ.] { ޞަޙީޙު ބުޚާރީ ޙަދީޘް ނަންބަރު 3746}

 އަލްބަރާޢު ރަޟިޔަ ﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ އެކަލޭގެފާނުގެ ކާފަދަރިކަލުން ޙަސަންގެފާނު އެކަލޭގެފާނުގެ ކޮނޑުފުޅަށްލައްވައިގެން ހުންނަވަނިކޮށް އަހަރެން ދުށީމެއެވެ. އޭރު އެކަލޭގެފާނު ޙަދީޘް ކުރައްވަމުން ގެންދެވިއެވެ.

" اللَّهُمَّ إِنِّي أُحِبُّهُ فَأَحِبَّهُ "

މާނައީ: [ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ އޭނާ ދެކެ ލޯބިވަމެއެވެ. އިބަރަސްކަލާނގެ އޭނާދެކެ ލޯބިވެވޮޑިގެންފާނދޭވެ.] {ޞަޙީޙް ބުޚާރީ ޙަދީޘް ނަންބަރު 3749}

އަބޫ ބުރްދާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްފަހަރަކު ރަސޫލާ صلّى اللّـه عليه وسلّم ތިމަމެންނަށް ޚުތުބާއެއް ދެއްވަން ހުންނެވިއެވެ. އެކަލޭގެފާނު އެހެން ހުންނަވަނިކޮށް ޙަސަންގެފާނާއި ޙުސައިންގެފާނު އެކަލޭގެފާނުގެ އަރިހަށް ވަޑައިގަންނަވާ މަންޒަރު އެކަލޭގެފާނަށް ފެނިވަޑައިގެންއެވެ. އޭގެ ދެބޭފުޅުން ތިއްބެވީ ރަތް ކުލައިގެ ޖުއްބާކޮޅެއް ތުރު ކުރައްވައިގެންނެވެ. އެދެބޭފުޅުން ތުއްޕުޅުކަމުން ދުވެވަޑައިގެންފައި ވަޑައިގަންނަވާއިރު އެއްބައިފަހަރު ވެއްޓިވަޑައިގަންނަވައެވެ. އެ މަންޒަރު ފެނިވަޑައިގެންނެވުމުން މާތް ނަބިއްޔާ صلّى اللّـه عليه وسلّم އަވަސްއަވަހަށް މިންބަރުން ތެދުވެވަޑައިގެން އޭގެ ދެބޭފުޅުންނާ ދިމާއަށް ވަޑައިގެންނެވިއެވެ. އެދެބޭފުޅުން އުރުވަޑުވައިގެން ގެންނަވައި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ބޭތިއްބުވިއެވެ. އެއަށްފަހު ޙަދީޘު ކުރެއްވިއެވެ. [އަރަހުށި މާތް ﷲ ވަޙީ ކުރައްވައިފައިވަނީ ޙައްޤު ތެދު ބަސްފުޅެވެ. އެކަލާނެގެ ވަޙީ ކުރައްވާފައިވަނީ [ހަމަކަށަވަރުން ތިޔަބައިމީހުންގެ މުދަލާއި ދަރިންނަކީ ފިތުނައެކެވެ.] މިދެކުދިން ވެއްޓިވެއްޓިފައި އަންނަތަން ފެނުމުން އަހަރެންނަށް އެ މަންޒަރު ބަލަން ކެތެއްނުކުރެވުނެވެ. ޚުތުބާ މެދުކަނޑާލުމަށްފަހު އެދެކުދިން ކައިރިއަށް އަހަރެން ދިޔައީ އެހެންވެގެންނެވެ. {ޖާމިއުއް ތިރުމިޒީ ޙަދީޘް ނަންބަރު 3774}

މިދަންނަވާލެވުނީ ކައުއިތުރު މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ލޯބިފުޅު އެކަލޭގެފާނުގެ ކާފަދަރިކައުކަނބަލުންނަށް ދެއްވާފައިވާ ގޮތުގެ ދެތިން މިސާލެކެވެ. އެޒަމާނުގެ ބަދަވީންނަކީ އެބައިމީހުންގެ ދަރިންނަށް ލޯބިކޮށް ބޮސްދީ ހަދާބައެއް ނޫނެވެ. ބައެއް ފަހަރު ކައުސާހިބާގެ ފައިންޕުޅު ދެކެން އަންނަ ބަދަވީންގެ މީސްތަކުންވެސް އެމާތް ނަބިއްޔާ ކުޑަކުދިންނާމެދު ގެންގުޅުއްވާ ޚާއްޞަ ލޯބިފުޅުގެ ސަބަބުން އަޖައިބުވެގެން އުޅެއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. އެއްފަހަރަކު ބަދަވީންގެ ބަޔަކު ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް އައިސް ސުވާލު ކުރެއްވިއެވެ.  [ކަލޭގެފާނު އެކަލޭގެފާނުގެ ދަރިދަރިކައުކަނބަލުންނަށް ލޯބިކުރައްވައި ބޮސްދެއްވައި ހައްދަވަންތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [އާއެކެވެ.] ބަދަވީންގެ މީސްތަކުން ދެންނެވިއެވެ. [މާތްﷲ ގަންދެމެވެ. އަހަރެމެން ދުވަހަކުވެސް އަހަރެމެންގެ ދަރިންނަށް ލޯބިކޮށް ބޮސްދީ ހަދައެއް ނޫޅެމެވެ.] އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [ތިޔަބައިމީހުންގެ ހިތްތަކުން މާތްﷲ އޯގާވެރިކަން ނަންގަވައިފައިވުމުން ތިމަންކަލޭގެފާނު ކުރައްވާނީ ކީއްތޯއެވެ؟] {ސުނަނު އިބްނު މާޖާ}

އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ބައެއް މައިންބަފައިންގެ ފަރާތުން ފެންނަމުންދާ ނުބައި ސިފައެކެވެ. ބައެއް ފަހަރު ދަރިންދެކެ ވާ ލޯބީގެ ސަބަބުން އެކުދިން ގޯސްކަމެއް ކުރި ކަމުގައި ވިޔަސް އެކަން މާބޮޑު ކަމަކަށް ނަހަދާ އަޅާ ނުލާ ދޫކޮށްލެވެއެވެ. ޙަޤީޤަތުގައި ކުޑަކުއްޖަކު ބޮޑުވަމުން އަންނައިރު އެކުދިންނަށް އަކުރު ދަސްކޮށްދޭ ފަދައިން އެކުދިންނަށް ރަނގަޅު އަޚްލާޤު ދަސްކޮށްދެން ޖެހެއެވެ. ރަނގަޅު ނުބައި އެކުދިންގެ ސިކުނޑިތަކާ ގުޅޭނެ މިންވަރަކުން ބުނެދޭން ޖެހޭނެއެވެ. އެހެން ނޫންނަމަ ދަރިފުޅުދެކެވެވޭ ލޯތްބަކީ "ކަނު" ލޯތްބަކަށް ބަދަލުވެގޮސް ދަރިފުޅު ކުރާ ގޯސްކަންތައްތައްވެސް ރަނގަޅު ކަންތައްތައްކަމުގައި ބެލެންފެށޭނެއެވެ. އިސާހިތު މައިންބަފައިންގެ އަރުގައި އެކަމުގެ ހިތި ރަހަ ލާންފަށާނެއެވެ.

އެހެންކަމުން އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ތުއްތު ކުދިންނަށް އެކުދިންގެ ޅަފަތުގައިވެސް ހެޔޮ ނުބައި ދަސްކޮށްދެއްވުމަށް ވަނީ ބާރު އަޅުއްވާފައެވެ. އެކަމުގެ ނަމޫނާ މިސާލުތައް ވަނީ ދައްކަވާފައެވެ.

އެއްފަރަކު ޞަދަޤާތުގެ ގޮތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ބައިވަރު ކަދުރުތަކެއް ގެނެވިފައި ހުއްޓެވެ. އެމަންޒަރު އެކަލޭގެފާނުގެ ކާފަދަރިކަލުން ޙަސަންގެފާނަށް ފެނިވަޑައިގެން އެތަނުން ކަދުރެއް ނަންގަވައި އަނގަފުޅަށް ލެއްވިއެވެ. އެތަން ފެނިވަޑައިގެން މާތް ރަސޫލާ އެކަލޭގެފާނުގެ ލޯބިފުޅުވާ ކާފަދަރިކަލުނަށް ވިދާޅުވިއެވެ. [ދަރިފުޅު ތިޔަ ކަދުރު އަނގައިން ނެރޭށެވެ. ޞަދަޤާތުގެ ގޮތުގައި ގެނެވޭ ތަކެތި އަހަރެމެންނަށް ހުއްދަ ނުވާނެކަން ދަރިފުޅަށް ނޭނގޭ ހެއްޔެވެ؟] {ބުޚާރީ} 

Advertisement

ކޮމެންޓް ކުރެއްވުމަށް