އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 45 ސިކުންތު
އަޅުގަނޑަކީ ދިރިއުޅެން ކުރަންޖެހޭ ޚަރަދާއި އަޅައިބަލާއިރު ވަރަށް ކުޑަ މުސާރައެއް ލިބޭ މުވައްޒިފަކީމެވެ. ވަޒީފާ އަދާކުރަނީ އަމިއްލަ ވިޔަފާރި ކުންފުންޏެއްގައެވެ. ލިބޭ މުސާރައިން ދިރިއުޅޭތަނުގެ ކުލި ދައްކާފައި ސަރުކާރަށް ދައްކަންޖެހޭ ބިލްތައް ދެއްކުމުން އިތުރުވަނީ އެންމެ 4000 ރުފިޔާއެވެ. 3 ދަރިންނާއި އަޅުގަނޑާއި އަނބިމީހާގެ ޚަރަދުތައް ބަލަހައްޓަންޖެހެނީ އެ 4000 ރުފިޔާއިންނެވެ.
ކޮންމެ މަހަކުވެސް 3 ވަނަ ހަފްތާ ނިމުމުން ދެން ހުންނަން ޖެހެނީ އިތުރު އެއްޗެއް ނުގަނެވިފައެވެ. ކުރިން ކާޑުކޮޅު ގަންނާތީ އެއިން ފުއްދާލައިގެންނެވެ. ލައިގެންކާ އެއްޗަކަށް ބޭނުންކުރަނީ މާރުކޭޓުން ރުފިޔާއަކަށް ވިއްކާ މެދުކަށްޓެވެ. ބައެއް ފިހާރަތަކުން ވަރަށް ހެޔޮއަގުގައި ވިއްކާ އެއްބައި ކުނިވެފައި ހުންނަ ތަރުކާރީއެވެ.
އިތުރަށް ކުރިއަށް ދިއުމުގެ ކުރިން އަޅުގަނޑުގެ އަނބިމީހާއަށް ތަޢްރީފްގެ ބަހެއް ބުނެލ؛ާނަމެވެ. އެއީ ހަމަ ޖަވާހިރެއް ފަދަ އަންހެނެކެވެ. އެހައި ދަތިހާލުގައި އުޅެންޖެހުމުންވެސް އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އަދި ހިތްވަރުވެސްދެއެވެ.
މިކިޔައިދިނީ އަޅުގަނޑު ދިރިއުޅެމުން އަންނަ ޙާލަތެވެ. މިހާލަތުގައި އުޅެނިކޮށް ކުންފުންޏަށް ކަމަކު އައި މީހަކު ދިއައީ އަޅުގަނޑުގެ މޭޒުމަތީގައި ބޮޑު ސިޓީއުރައެއް ބާއްވާފައެވެ. އެއީ އަޅުގަނޑު ދަންނަ މީހެއް ނޫނެވެ. އޭނާ އޮޅުންފިލުވަން ބޭނުންވި ކަންކަން އޮޅުންފިލުވައިގެން ދިއައިރު އެއީ ކާކުކަމެއް އަޅޅުގަނޑުގެ ގާތަކު ނުބުނެއެވެ. އަޅުގަނޑު ސުވާލެއްވެސް ނުކުރަމެވެ. ޢާންމު ކަންކަމުގައި މައުލޫމާތު ހޯދާ މީހުންގެ ވަނަވަރު އޮޅުންފިލުންވުމަކީ ކުރާކަމަކަށް ނުވާތީއެވެ.
ކޮންމެއަކަސް އޭނާ ދިއަތަނާ އެ ސިޓީއުރަ ފެނިގެން ނަގާފައި ބެލިއިރު އޭގައި އޮތީ 500 ރުފިޔާގެ 4 ބޮޑިއެވެ. ހިފައިގެން ނުކުމެ ހޯދަހޯދާވެސް އޭނާ ނުފެނުމުން އެނބުރި އައިސް އުރަ ރައްކައުކުރީއެވެ.
ދެތިން ދުވަސްވީއިރުވެސް އޭނާ އެ ހޯދަން ނައުމުން އެއިގެން މިންވަރަށް ނަގައި ބޭނުންކުރަން ހިތަށް އެރިއެވެ. މުސާރަލިބުމުން އަނބުރައި އެއަށްލާ ގޮތަށެވެ. އެކަން ކުރަންވެސް އުޅެވުނެވެ. ސިޓީއުރަވެސް ތިޖޫރީން ނެގީމެވެ. އެވަގުތު ހިތަށްހީވީ ތީރެއް ހެރުނުހެންނެވެ. މޭހީވީ ފިތިގެންދިއަހެންނެވެ. ހިތަށް އެރިއެވެ. "މިކުރެވެނީ ހަމަ ވައްކަމެކެވެ. ﷲ ތައާލާ ބައްލަވައިވޮޑިގެންވެއެވެ. އެންމެ ގަނޑެއްވެސް ނުނަގާނަމެވެ."
އެއިގެ 3 ދުވަސްވަރު ފަހުން ޢަޞްރު ނަމާދުގެ ޖަމާޢަތަކުން އޭނާ އާއި ބައްދަލުވިއެވެ. އޭނާގެ އެއްވެސް އެއްޗެއް ގެއްލިފައިވޭތޯ ސުވާލުކުރުމުން ހަނދާންހުރިކަމަކަށް ނުވިއެވެ. ދެން އޭނާ ގޮވައިގެން ދިއައީ އޮފީހަށެވެ. ގޮސް ސިޓީއުރަ ދައްކާފައި އެއީ އޭނާގެ އެއްޗެއް ކަމަށާއި އޭގައި ހުރީ ފައިސާކަމަށް ބުނީމެވެ. އަދި ހުންނާނެ ޢަދަދު ބުނުމުން ޙަވާލުކުރާނެކަމަށް ބުނުމުން އެނާ ދިއައީ ސިއްސައިގެންނެވެ. އަދި އޮންނާނީ 500 ރުފިޔާގެ 4 ބޮނޑި (ދެލައްކަ ރުފިޔާ) ކަމަށް ބުމުން ހަވާލުކުރީމެވެ. އެއިރު އޮފީހުގެ ގިނަ ބައަކު ކައިރީގައިވެސް ތިއްބެވެ.
އޭނާ އުރަ ހުޅުވާބަލައިލުމަށްފަހު އެތަނުން އެއް ބޮނޑި (ފަންސާސް ހާސް ރުފިޔާ) އަޅުގަނޑަށް ދިނެވެ. ﷲ ތަޢަލާގެ ޙަޟްރަތުން ޘަވާބަށް އެދި ކުރާ ކަންކަމުގައި ބަދަލަށް އެއްޗެއް ބޭނުންކުރުމެއް ނެތްކަމަށް ބުނުމުންވެސް އެނާ ދިއައީ އެ ބޮނޑި އަޅުގަނޑުގެ މޭޒުމަތީގައި ބާއްވާފައެވެ. އަދި އެއިގެ އިތުރުންވެސް އަޅުގަނޑަށް ލިބުނު ބޮޑު ދެފައިދާއެއްގެ ވާހަކަވެސް ހާމަކޮށްލާނަމެވެ.
އޭނާގެ ކުންފުނިން ގޭގައި ހުރެގެން ކުރެވޭނެ މަސައްކަތެއް އަޅުގަނޑާއި ޙަވާލުކޮށް މުސާރައެއް ދޭން ފެށިއެވެ. އޮފީހުން އަޅުގަނޑަށް ޕްރަމޯޝަނެއް ލިބި މުސާރަވެސް ބޮޑުވިއެވެ. މިހާރު ލިބޭ އާމްދަނީން ޚަރަދުކޮށްފައި އިތުރުވެސް ކުރެވެއެވެ. މަހުގެ މެދުކަށި ގަންނާކަށް އަދި ކުނިވެފައި ހުންނަ ތަރުކާރީ ގަންނާކަށްވެސް ނުޖެހެއެވެ. އިން ޝާ ﷲ (ނަމަވެސް މިހާރުވެސް މެދުކަށި ނުގަނެ ހިތްހަމައެއް ނުޖެހެއެވެ.)
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، އަދި ޢާންމުކޮށް އެންމެންނަށްވެސް ބުނެލަން އޮތީ ތެދުވެރިވާށެވެ! އެއީ ވައްކަންކުރުމާ ޚިޔާނާތްތެރިވުމުން ލިބޭ ވަގުތީ ތަނަވަސްކަމަށްވުރެ، ލިބޭ މަދުފައިސާކޮޅަކަށްވުރެ މާފައިދާ ބޮޑުކަމެވެ. ވިސްނައިލި ކޮންމެ މީހަކަށް އަޅުގަނޑުގެ މިވާހަކަކޮޅުން ޢިބްރަތްތަކެއް ޙާޞިލުކުރެވޭނެ ކަމަށް އުންމީދުކުރަމެވެ.
- އަޒްލިފް / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
10 އޮކްޓޯބަރ 2021