އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 56 ސިކުންތު
ކަންތައް ދިމާވިގޮތުން އަޅުގަނޑަށް ވަޒީފާ ލިބުނު އޮފީހުގައި މަސައްކަތްކުރަނީ އެންމެ 5 އަންހެންކުދިންނެވެ. ފުރަތަމަ ދުވަހުވެސް އަޅުގަނޑު އެންމެ ބޮޑަށް ޙައިރާންވި އެއްކަމަކީ އެކުދިން ހެދުންއަޅާގޮތެވެ. ނަމަވެސް އެއީ ޒުވާންކުދިންކަމަށްވުމުން އަޅުގަނޑު އެކަމަކަށް ސަމާލުކަމެއް ނުދެމެވެ. އަޅުގަނޑު ހިތްވަރުކުރީ އަޅުގަނޑާއި ޙަވާލުކުރާ މަސައްކަތްތައް ވީހާ ރަނގަޅަކަށް އަދި ވީހާއަވަހަކަށް ކުރުމަށެވެ.
އެކުގައި އުޅެން ފެށުމުން އެނގުނީ ހުރިހާ އަންހެން މުވައްޒިފުންގެ އަމާޒަކީ ކޮންމެވެސް ގޮތަކުން ސީއީއޯ އަތުއަޅުވައިލުންކަމެވެ. އެކަމުގައި 5 ކުދިން ތިބީވެސް އެއްބައިވެގެންނެވެ. އެމީހުންގެ އެއްބަސްވުމަކީ ކުރިން ކާމިޔާބުކުރެވުނު ކުއްޖަކު ދެން ތިބި ކުދިންނަށް އެހީތެރިވުމެވެ.
އަޅުގަނޑުމެން މަސައްކަތްކުޜާ އޮފީހުންކުރާ މައިގަނޑު މަސައްކަތަކީ ވެރިމީހާގެ އަމިއްލަ 3 ކުންފުނީގެ އިދާރީ ކަންކަން ބެލެހެއްޓުމެވެ. ވެރިމީހާގެ ނިންމުންތައް އންގަންޖެހޭ މުވައްޒިފުންނަށް އެންގުމާއި ކުންފުނިތަކުން ކުރާ ކަންކަން ވެރިމީހާއަށް އޮޅުންފިލުވައިދިނުމެވެ.
ވެރިމީހާއަކީ ޒުވާނެކެވެ. ވަރަށް ސުވާލުތައް ގިނަ މީހެކެވެ. ލިޔުމެއްގައި އެންމެ ފިއްޔެއް ނުބައިކޮށްޖެހިފައި އޮތްނަމަވެސް އިޞްލާޙްކުރަން ޖައްސުވައެވެ. އަދި ހުރިހާ މަސައްކަތެއް ދުވަހުން ދުވަހަށް ނިންމުމަށާއި ކަންކަން ތަރުތީބުވެފައި ހުރުމަށް ވެރިމީހާ ވަރަށް ބޮޑަށް ސަމާލުކަންދެއެވެ.
އަޅުގަނޑާ އެހެން އަންހެން މުވައްޒިފުންނާއި މާބޮޑު ގުޅުމެއް ނޯވެއެވެ. ފުރަތަމަ ކަމަކަށް އަޅުގަނޑު ހެދުން އަޅާގޮތް ނިވާކަން ބޮޑުވުމުން އެކަމަށް މަލާމާތްކުރެއެވެ. ބަސްމަދުކަމުން މަންމަނެއްކަމަށް ބުނެއެވެ. ހީނސަކަރާތް ނުޖަހާތީ ބޮޑާކަމަށް ބުނެއެވެ.
މިއިން އެއްވެސް ކަމަކަށް އަޅުގަނޑު ސަމާލުކަމެއް ނުދެއެވެ. އަޅުގަނޑަށް އިވޭގޮތަށް މަލާމާތްކޮށް ފުރައްސާރަކުރުންފަދަ ކަންކަން ކުރިނަމަވެސް ޖަވާބެއް ނުދެމެވެ. އަޑު އިވޭކަމަށްވެސް ނުހަދަމެވެ. ނަމަވެސް އަޅުގަނޑުގެ ސިފަ ހުތުރުވެގެން މަލާމާތްކުރި ދުވަހަކު ރޮވުނެވެ. އެއީ އަޅުގަނޑުގެ ސިފަ ހުތުރުވެފައިވުމަކީ އަޅުގަނޑު ކުރިކަމަކަށް ނުވާތީއެވެ.
އެއިގެފަހުން އެކުދިން ކުރާ ފުރައްސާރަތައް ފޯނަށް ރެކޯޑްކުރަމެވެ. ފުދޭވަރަކަށް ރެކޯޑްކުރެވުމުން ވެރިމީހާއަށް ވައިބަރކޮށްލީމެވެ.
އަނެއް ދުވަހު އަޅުގަނޑު ލިޔުނު ލިޔުމެއް ހިފައިގެން ވެރިމީހާގެ ކެބިނަށް ދިއުމުން ވަރަށް އިޙްތިރާމްކޮށްފައި ބުންޏެވެ. "އެކުދިންނާއިހުރެ މަސައްކަތްކުރަް ވަރަށް އުނދަގޫދޯއެވެ. ތިއަ ކަންކަން ކުރިންވެސް އެނގެއެވެ. އަދި އެކުދިންގެ މަޅީގައި އަހަރެން ޖައްސުވަން ކުރާ ކަންކަންވެސް އެނގެއެވެ. ނަމަވެސް ވަޒީފާގައި މިގެންގުޅެނީ ކޮންމެ ކުއްޖަކީވެސް ގާތް އެކުވެރިއެއްގެ ދަރިއެއް ކަމުގައިވާތީއެވެ. ކެތްތެރިވާށެވެ. ތިއަ ކަންކަންވެސް ހުއްޓިދާނެއެވެ."
ވެރިމީހާގެ އެވާހަކަތައް އަޑުއަހާފައި އަޅުގަނޑު އެއްވެސް ޖަވާބެއް ނުދެމެވެ. ހަމައެކަނި ހިނިތުންވެލީއެވެ.
އެއިގެ މަހެއްހައި ދުވަސްފަހުން އަޅުގަނޑު ގެންގޮސް އަޅޅުގަނޑުގެ ޒާތީ ބައެއް ކަންކަމުގެ މައުލޫމާތު އޮޅުންފިލުވިއެވެ. ލޯބިވެރިއަކު ހުރޭތޯ އާއި ކައިވެނިނުކުރަނީ ކީއްވެގެންތޯވެސް ސުވާލުކުރިއެވެ. އަޅުގަނޑުވެސް ތެދުބަހުން ޢާއިލީ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދިނީމެވެ. ދިރިއުޅެންޖެހިފައިވާ ނިކަމެތިޙާލެވެ. ބުރަ މަސައްކަތް ނުކޮށް މައިންބަފައިންނަށް އެހީތެރިވެވޭނެ ގޮތެއް ނެތް ވާހަކައެވެ. އަދި އަޅުގަނޑުފަދަ ނިކަމެތި ކުދިންނާއި ކައިވެނިކުރަން ބޭނުންވާ ޒުވާނުން މަދުކަންވެސް ފާހަގަކުރީމެވެ. މިޒަމާނުގައި ކައިވެނކުރުމަށްފަހުގައިވެސް އަނެކާގެ ބުރަ އުފުލަން ބޭނުންވާނީ ވަރަށް މަދު މީހަކު ކަމަށްވެސް ބުނީމެވެ.
ވެރިމހާ އެދުވަހަކު އެއްވެސް އިތުރުވާހަކައެއް ނުދައްކައެވެ. ނަމަވެސް އެއިގެ 2،3 ދުވަސްފަހުން އަޅުގަނޑުމެންގެ ގެއަށްގޮސް ބައްޕަމެންނާއި ބައްދަލުކޮށްލަން ބޭނުންކަމަށް ބުންޏެވެ. އަޅުގަނޑު ބުނީ ވެރިމީހާ އިށީންނަން އެކަށީގެންވާ ފެންވަރުގެ ގޮނޑިއެއްވެސް ގޭގައި ނުހުންނާނެ ކަމަށެވެ. އެހެންކަމާއިއެކުވެސް ދާން ބޭނުންކަމަށް ބުނުމުން އެކަން ޤަބޫލުކުރީމެވެ.
އަޅުގަނޑަށް ވިސްނިފައި އޮތީ އަޅުގަނޑުގެ ނިކަމެތިކަން ބަޔާންކުރުމުން ވެރިމީހާ އެކަމުގެ ޙަޤީޤަތް ލޮލުން ދެކެލަން ބޭނުންވީ ކަމަށެވެ. އަދި ޙަޤީޤަތް އެނގުމުން ވަޒީފާގެ ކުރިއެރުމެއްވެސް ދީފާނެ ކަމަށެވެ.
ކަންކަން މެދުވެރިވީ އެހެންނަކުން ނޫނެވެ. ވެރިމީހާ ގެއަށް ގޮސް ބައްޕަގެ ކިބައިން އެދުނީ އަޅުގަނޑުގެ ކައިވެންޏަށެވެ. ބައްޕަ އެކަން ދޫކޮށްލީ އަޅުގަނޑަށެވެ. އަޅުގަނޑު އެކަން ޤަބޫލުކުރީމެވެ. ކަިވެނިކުރެވުނެވެ. މިއީ ކައިވެންޏަށް 11 އަހަރެވެ. 3 ދަރިން އެބަތިއްބެވެ. ދުވަހަކުވެސް ދެބަސްވާކަށް ނުޖެހެއެވެ. އަދި މިހާރުވެސް ހަމަ ވަޒީފާވެސް އަދާކުރަމެވެ.
މިއަދުނޫހުގެ ކިޔުންތެރިން ގާތު ބުނެލަން އޮތީ އަޅުގަނޑަށް މިފަދަ ބޮޑު ނިޢްމަތެއް މިންވަރުކުރެއްވެވިކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ ސަބަބެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އެއީ އޮފީހަށް ވަނުމުން އެކުވެރިން ކުރި މަލާމާތާއި ފުރައްސާރައެވެ. އެކަންކަމަށް ކެތްތެރިވިކަމެވެ. އެހުރިހާ ކަންކަން ކުރިމަތިވުމުންވެސް އެއްވެސް ޝަކުވާއެއް ނުކޮށް މާތް ﷲ އަށް ވަކީލްކުރުމުން ދެއްވެވި ނިޢްމަތެވެ.
ނޫންނަމަ އަޅުގަނޑު ފަދަ ނިކަމެތި، ދަށުދަރަޖައިގެ، ސިފަހުތުރު، މުސްކުޅި ސިފަތަކަށް ދިރިއުޅޭ އަންހެނަކަށް މިފަދަ ބޮޑު ނިޢްމަތެއް އެހާފަސޭހައިން ލިބޭނީވެސް ކިހިނަކުން ހެއްޔެވެ؟ އިތުރަށް ބުނާކަށް ނެތީމެވެ. އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަކޮޅުން ކިޔުންތެރިންނަށް ކޮންމެވެސް ފައިދާއެއް ކުރާނެކަމަށް އުންމީދުކުރަމެވެ.
- ޝީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
20 އޮކްޓޯބަރ 2021