އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 43 ސިކުންތު
އަޅުގަނޑަކީ ކިޔަވައިގެން އިން އަންހެނެއްވެސް ނޫނެވެ. ހަމައެކަނި އޯލެވެލް ހެދުނު ކަމެވެ. އެހިސާބުން އެކްސިޑެންޓެއްވެ ބައްޕަގެ ފައަށް ލިބުނު އަނިޔާއަކާއި ގުޅިގެން ހިނގޭގޮތް ނުވުމުން ވަޒީފާ ގެއްލުނެވެ. ބައްޕައަށް މުސާރަ ނުލިބެން ފެށުމުން އަޅުގަނޑަށް ޖެހުނީ ކިޔެވުން ހުއްޓައިލާށެވެ.
އުމުރުން 16 އަހަރުގައި ވަޒީފާއަދާކުރަން ފަށައިފީމެވެ. އެއީ ފިހާރައެއްގެ ކޭޝިއަރެއްގެ ވަޒީފާއެވެ. ވަޒީފާގައި 2 އަހަރުވެ 18 އަހަރުފުރުނުތަނާ ލޯބިވާކަމަށްބުނެ ފަހަތުން އަޅައިގަނެގެން އުޅުނު މީހަކާ ކައިވެނިކުރީމެވެ.
ޙަޤީޤަތް އެނގުނީ ކައިވެންޏަށް 3 ވަނަ އަހަރުއެވެ. އެއިރު ބަލިވެ އިނދެ ބަނޑަށް 7 މަހެވެ. އޭނާގެ ލޯބިވެރިއަކު ހުރެއެވެ. އަހަރެންނާއި ކައިވެނިކުރީ އޭނާއާއި އެއިރު ކައިވެނިކުރެވެން ނެތުމުން އޭނާގެ ބޭނުންތައް ފުއްދުމަށެވެ. އަދި އެކަންކޮށްފައިވަނީ ދެމީހުން ރާވައި އެއްބަސްވެގެންނެވެ.
ބޭނުމެއް ނެތިގެން ވަރިކުރި ނަމަވެސް ވިހާ ގަދަވަންދެން އެގޭގައި އޭނާގެ މައިންބަފައިންގެ ގާތުގައި ބައިންދާލަދިނުމަށް އެދި އާދޭސްކުރުމުން އެކަންވެސް ޤަބޫލުނުކޮށް ނެރެ ފޮނުވައިލީއެވެ. ޓެކްސީއެއް ގެނުވައި ފޮށި އަރުވާފައި ޓެކްސީއަށް އަގުދީފައި ޑްރައިވަރު ގާތުގައި ބުނީ އަޅުގަނޑު ބުނާތަނަކަށް ގެންގޮސްދިނުމަށެވެ.
އެއީ ދެނަމާދުދޭތެރޭ ވަގުތެވެ. އަޅުގަނޑު އެދުނީ ޖުމްހޫރީ މައިދާނަށް ގެންގޮސްދިނުމަށެވެ. އެތަނަށް ފައިބައި ގޮނޑިއެއްގައި އިންނަތާ ހަމަ ކުޑައިރުކޮޅެއްވީތަނާ މުސްކުޅި އުމުރުގެ އަންހެނަކު 8 އަހަރުވަރުގެ ކުއްޖަކު ގޮވައިގެން މައިދާނުގެ އުޅެމުން އައިސް އަޅުގަނޑުގާތު އިށީނދެފައި އަޅުގަނޑާއިބެހޭގޮތުން ސުވާލުކުރަން ފެށުމުން އަޅުގަނޑުގެ ވާހަކަ ކިޔައިދިނީމެވެ.
އަޅުގަނޑު ބުނީމެވެ. "މައިންބަފައިން މާލޭގައި އެބަތިއްބެވެ. ނަމަވެސް އެމީހުން ދިރިއުޅެނީ ވަރަށް ދަތިޙާލުގައެވެ. ވީމާ ވިހަންވެފައި އިނދެގެން ގޮސް އެމީހުންނަށް އުނދަގޫކުރާކަށް ބޭނުމެއް ނޫނެވެ. މިތަނުގައި މިއިންނަނީ ކޮންމެވެސް މީހަކާއި ބައްދަލުވެ ކޮންމެވެސް ރަށަކަށް ގެންގޮސްދޭނެ މީހަކުވެދާނެ ކަމުގެ އުންމީދުގައެވެ."
އެ ދައްތަ އަޅުގަނޑު ދުލެއް ނުކުރިއެވެ. އޭނާބުނީ އޭނާގެ ގޭގައި ދިރިއުޅެނީ ދެމައިން އެކަނި ކަމަށެވެ. ހުންނަނީ ފިރިހެން ދަރިފުޅެއްކަމަށާއި އޭނާވެސް މިވަގުތުވީ މަސައްކަތެއްގައިގޮސް ރާއްޖެތެރޭގައި ކަމަށެވެ. އެހެންވީމާ ވިހާގަދަވަންދެން އެގޭގައި ބައިންދައިގެން ބަލައިދޭނެ ކަމަށެވެ. އެދައްތަ ބުނިބަސް ޤަބޫލުކޮށް އެގެއަށް ދިއައިމެވެ. އެއީ ވަރަށް ރަނގަޅު ދައްތައެކެވެ. މައެއް ފަދައިން އަޅުގަނޑަށް ހިތްވަރުދީ އެހީތެރިވެއެވެ.
މައިންބަފައިން ގާތަކު ވަރިކުރިވާހަކައެއް ނުބުނަމެވެ. އެއީ އެމީހުން ކަންބޮޑުވެދާނެތީއެވެ.
ދައްތަގެ ދަރިފުޅު މާލެ އައިދުވަހަކީ އަޅުގަނޑުގެ ދަރިފުޅަށް 6 މަސްފުރުނު ދުވަހެވެ. އެކަންވީ ބޮޑު ޢީދަކަށެވެ. އޭނާގެ ދަރިފުޅާއި ދެބަފައިން ވަރަށް ގިނައިރު އޮޅުލާފައި ހަމަޖެހިލެވުމުން ދަރިފުޅާއި ސުވާލުކުރިއެވެ. "މިއީ ކޮން ދައްތައެއްތަ؟"
"އެއީ ދައްތައެއް ނޫން. އަޅުގަނޑުގެ މަންމަ. މަންމަ އަތުގަ އޮންނާނެ ކުޑަކުޑަކޮއްކޮއެއް ވެސް!"
އެހިސާބުން އަޅުގަނޑުގެ ވާހަކަ މަންމަ ކިޔައިދިނެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް ހިނިތުންވެ ހުރެ އަޅުގަނޑުގެ ދަރިފުޅު ހޯދައިގެން އުރާލިއެވެ. އެކަމުން ވަރަށް ބޮޑު އުފާވެރިކަމެއް ލިބުނެވެ. ހިތްހަމަޖެހުނެވެ. އެއީ އޭނާގެ ކިބައިގައި އިންސާނިއްޔަތުކަން ހުރުމުންނެވެ. ކުޑަކުދިންދެކެ ލޯބިވާ މީހަކަށްވީތީއެވެ.
އަޅުގަނޑު އެގެއިންދާކަށް ދައްތަ ޤަބޫލެއް ނުވިއެވެ. ބޭނުންވާ ކަންކަންވެސް ކޮށްދެއެވެ. ދަރިއަކު ފަދައިން އަޅުގަނޑުވެސް ގެބަލަހައްޓައި އެދައްތައަށް ޚިދުމަތްކުރީމެވެ.
ކޮންމެއަކަސް އަހަރެއްހައިދުވަސްފަހުން އަޅުގަނޑާއި ދައްތަގެ ދަރިފުޅާއިދެމެދު ޚާއްޞަ ގުޅުމެއް އުފެދެންފެށިއެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް އަޅުގަނޑަށް ކިޔާނީ "ދަރިފުޅުގެ މަންމަ"އެވެ. އެއީ އޭނާގެ ދަރިފުޅު އެހެންބުނީތީއެވެ. ފަހުން ބުނަންފެށީ "ދަރިފުޅުގެ މަންމަ، ދަރިފުޅުގެ މަންމައަކަށް ހަދަންވާނެތާއެވެ!"
އޭނާއަކީ ވަރަށް އަޚްލާޤް ރަނގަޅު ޒުވާނެކެވެ. ބޭކާރު ވާހަކަ ނުދެއްކުމުގެ އިތުރުން އަޅުގަނޑު އުޅޭ ކޮޓަރިއަށްވެސް ނުވަދެއެވެ. އަޅުގަނޑުގެ ދަރިފުޅު އުރާލަން ބޭނުންވިނަމަވެސް ދޭށޭ ބުނާނީ ކޮޓަރިން ބޭރުގައި ހުރެގެންނެވެ.
ކޮންމެއަކަސް އަޅުގަނޑުމެންގެ ކައިވެނިކުރެވުނެވެ. ކައިވެންޏަށް މިހާރު ސައުދަ އަހަރެވެ. ދިރިއުޅެމުން މިގެންދެވެނީ އުފަލާއި ހިތްހަމަޖެހުމާއިއެކުގައެވެ. އަޅުގަނޑުގެ މައިންބަފައިންނަށްވެސް އެހީތެރިވެގެންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ބުރަކަށީގައި އަތްއަޅައި ކޮއްޕާ ނެރުނަސް ކަންބޮޑުނުވާށެވެ. އެދޭ އަނިޔާ 7 އުޑުމަތިން ﷲ ބައްލަވާވޮޑިގެންވެއެވެ. އެކަން ޤަބޫލުނުކުރެވެނީ އަނިޔާކުރާ މީހުންނަށެވެ. އަނިޔާވެރިން ހީކުރަނީ ކޮއްޕާ ނެރެލަނީކަމަށެވެ. ހަޤީޤަތަކީ އެއީއެއް ނޫނެވެ. އަހަރެމެންނަށް މާފައިދާހުރި ދިމާއަކަށް އަހަރެމެން ގެންދަވަނީއެވެ.
ވިސްނައިލާށެވެ! ކޮއްޕާ ނެރެލިކަމުން އަޅުގަނޑަށް އެލިބުނީ މައެއް ފަދަ އަންހެނެއްގެ އެހީތެރިކަމެވެ. އެލިބުނީ ނުހަނު ރަނގަޅު ފިރިއެކެވެ. ދިރިއުޅެން ލިބުނީ އެހައިމެ ތަނަވަސް އަމިއްލަ ގެއެއްފަދަ ގެއެކެވެ.
ނުގެންދަންވަންވީ ކީއްވެގެން ހެއްޔެވެ؟ އަބަދުވެސް އުޅެނީ އުޅެވުނުހައި ރަނގަޅަކަށެވެ. އެންމެ ގިނައިން ކުރާކަމަކީ ޛިކުރުކުރުމެވެ. އިން ޝާ ﷲ
- ޔުސްރާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
22 ނޮވެމްބަރ 2021