އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައިފުﷲ ޚާލިދު ބުނުލް ވަލީދު 9: އަބޫބަކުރުގެފާނުގެ ތައުރީފު [ޚާލިދުފަދަ ފަހުލަވާނަކު އުފަންކުރުމަށް މިހާރުގެ އަންހެނުންތައްވަނީ ނުކުޅެދިފަ]

ސައިފުﷲ ޚާލިދު ބުނުލް ވަލީދު 9: އަބޫބަކުރުގެފާނުގެ ތައުރީފު [ޚާލިދުފަދަ ފަހުލަވާނަކު އުފަންކުރުމަށް މިހާރުގެ އަންހެނުންތައްވަނީ ނުކުޅެދިފަ]


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 44 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް 

 

މަޢުރިކަތުއް ޘަނިއްޔު

ޛާތުއް ސަލާސިލުގެ ހަނގުރާމައިގެ ކުރީން ހުރުމުޒުވަނީ ވަރަށް ބޮޑު ޅައެއްޗެއް އަޅާފައެވެ. އެއީ މުސްލިމުންގެ ލަޝްކަރަކީ އެއްވެސް އުރަތްޕެއް ނެތް ލަޝްކަރެއްގެ ގޮތުގައި އޭނާ ދެކުމެވެ. ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން، خالد بن الوليد رضى اللّـه عنــه، ގެ ސިޓީފުޅު ލިބުމާއެކު އޭނާ ކިސްރާގެ ރަސްގެފާނަށް ސިޓީއެއްވަނީ ލިޔެފައެވެ. ހަނގުރާމަވެރީން ފޮނުވައިދިނުމަށް އެދިއެވެ. ނަމަވެސް ކިސްރާ ރަސްގެފާނުގެ ހަނގުރާމަވެރީން އައުމުގެ ކުރީން ހުރުމުޒުވަނީ އިސްލާމީ ލަޝްކަރާ ހަނގުރާމަކޮށްފައެވެ. ނަތީޖާއަކަށްވީ އޭނާ ބަލިވުމެވެ.

މި ހަނގުރާމައިގައި ބަލިވެގެންދިޔަ ދުޝްމިނުން ގޮސް ކިސްރާ ފޮނުވި ލަޝްކަރުގެ މީހުންނަށް ހުރުމުޒު ޤަތުލުވެ، މުސްލިމުން އެބައިމީހުން ބަލިކުރި ޚަބަރު ދިނެވެ. އެ ލަޝްކަރުގެ ވެރިއަކަށް ހުރީ، ޤާރިން ބުން ޤަރްބާޞް އޭ ކިޔުނު މީހެކެވެ. މި ޚަބަރު އިވުމުން އެބައިމީހުންގެ ލޭކެކޭ ގޮތްވެއްޖެއެވެ. އެބައިމީހުން ބޭނުންވީ އަލުން މުސްލިމުންނާ ހަނގުރާމަ ކުރާށެވެ. 

خالد بن الوليد رضى اللّـه عنــه، ވަނީ ފިލައިގެން ދިޔަ ހުރުމުޒުގެ ލަޝްކަރުގެ މީހުންގެ ފަހަތުން މުޘަންނާ ބިން ޙާރިޘް އާއި އޭނާގެ ކޮއްކޮ ފޮނުއްވާފައެވެ. އެއީ އެބައިމީހުން ދަނީ ކޮންތަނަކަށްތޯ ބެލުމަށެވެ. މީގެ ދެކަލުން ވަޑައިގެން ބެއްލެވުމުން އެނގިވަޑައިގަތީ ކިސްރާ ރަސްގެފާނު ފޮނުއްވި ލަޝްކަރު މުސްލިމުންނާ ދެކޮޅަށް އައިސްފައިވާ ކަމަށެވެ. ދެން އަވަސް އަވަހަށް މި ޚަބަރު خالد بن الوليد رضى اللّـه عنــه،އަށް އެބައިމީހުން ދެއްވިއެވެ. خالد بن الوليد رضى اللّـه عنــه، އެ ޚަބަރު أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އަށް ފޮނުއްވިއެވެ.

ކޮންމެއަކަސް ދެ ލަޝްކަރު ބައްދަލުވެ ހަނގުރާމަ ފެށުނީ އައްޘަނިޔުއޭ ކިޔުނު ތަނެއްގައެވެ. ޤާރިން އޭނާގެ ލަޝްކަރުގެ ކަނާތް ފަރާތަށް ލެއްވީ ޤުބާޒުއެވެ. ވާތްފަރާތުގެ ވެރިއަކަށް ލެއްވީ އަބީ ސުޖާންއެވެ. އިސާހިތު އެދެމީހުން މުސްލިމުންގެ އަތުން ޤަތުލުވެއްޖެއެވެ. ދެ ލީޑަރުން ޤަތުލުވުމުން ދުޝްމިނުންގެ ލަޝްކަރުގެ މީސްތަކުންގެ ހިތްވަރު އެލިއްޖެއެވެ. މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކޮށް ފަތަޙަ ނުލިބޭނެކަން އެނގުމުން ހަނގުރާމައިގެ މައިދާންދޫކޮށް އަވަސް އަވަހަށް ކަނޑު މަގުން ފިލައި ރައްކާވެގެން ހިނގައްޖެއެވެ.

މި ހަނގުރާމައިގެ ޣަނީމާ މުދާ ބެއްސެވީ ޚުދު خالد بن الوليد رضى اللّـه عنــه،އެވެ. އެކަލޭގެފާނު ކޮންމެ މުސްލިމު މުޖާހިދަކަށް އެ މުޖާހިދަކު ޤަތުލުކުރި ދުޝްމިނުމީހާގެ ހުރިހާ ތަކެއްޗެއް ދެއްވިއެވެ. ޣަނީމާ މުދާ ބައްސަވައި މަގުން ބައްސަވައި އޭގެ ތެރެއިން އެއްބައި މަދީނާއަށް ފޮނުއްވިއެވެ.

ވަލަޖާގެ ހަނގުރާމަ- معركة الولجة

މިދެންނެވި އައްޘަނިޔުގައި ކުރެވުނު ހަނގުރާމައިގައި، ފާރިސީން ބަލިވި ޚަބަރު އެބައިމީހުންގެ ރަސްގެފާނު ކިސްރާއަށް ލިބުމުން އޭނާ އެކަމާ ވަރަށް ހާސްވިއެވެ. މުސްލިމުން ބަލިކޮށް ނުލެވިއްޖެނަމަ، އޭނާގެ ރަސްކަން އެބައިމީހުންގެ އަތުން ފުނޑުފުނޑުވެގެންދާނެކަން އޭނާއަށް އެނގިއްޖެއެވެ. އެހެންކަމުން މުސްލިމުންނާ ދެކޮޅަށް އޭނާ ވަރަށް ވަރުގަދަ ލަޝްކަރެއް ތައްޔާރުކޮށްފިއެވެ. އެ ލަޝްކަރުގެ ވެރިއަކަށް ހުރީ  أندرزاغر އެވެ.  أندرزاغر އާއެކު ފޮނުވި ލަޝްކަރުގެ އިތުރުން އެހެން ލަޝްކަރެއްވެސް މުސްލިމުންނާ ދެކޮޅަށް ކިސްރާ ފޮނުވިއެވެ.

خالد بن الوليد رضى اللّـه عنــه، އަށް أندرزاغر ގެ ލަޝްކަރު އައިސް الولجة ގައި ތިބިކަން އެނގިވަޑައިގެންނެވީ، އެކަލޭގެފާނު އައްޘަނިޔުގައި ހުންނަވަނިކޮށެވެ. އެއީ ވަރަށް ބޮޑު ލަޝްކަރެއްކަން އެނގިވަޑައިގެން، އެބައިމީހުންނާ ޙަމަލަ ދެއްވަން އެކަލޭގެފާނު ޤަޞްދުކުރެއްވީ، ތިން ދިމާލަކުންނެވެ. خالد بن الوليد رضى اللّـه عنــه،ގެ މިރޭއްވެވުން ވަރަށް ކާމިޔާބެވެ. ހަނގުރާމައިގެ މައިދާނުގައި، ދުޝްމިނުންގެ ލަޝްކަރު އިސާހިތު ބަލިކޮށްލެއްވިއްޖެވެ. 

މިހަނގުރާމައިގައި خالد ގެފާނުގެ ކުޅަދާނަފުޅުކަން ވަރަށް ރަނގަޅަށް ހާމަވެގެންދިޔައެވެ. ދުޝްމިނުންގެ ލަޝްކަރުގެ ތެރޭގައި ހިމެނޭ ވަރުގަދަ ފާރިސީ ފަހުލަވާނަކާ މުބާރަޒާކުރައްވައި ޚާލިދުގެފާނު، އޭނާ ޤަތުލު ކުރެއްވިއެވެ. އޭނާއަކީ ހިތްވަރުގަދަ، ހަނގުރާމައިގެ އުކުޅުތައް ރަނގަޅަށް ދަންނަ މީހެކެވެ. ހަނގުރާމައިގެ ތަޖުރިބާ ހުރި މޮޅު ހެއްވެކެވެ. އޭނާއަކީ އެއްހާސް ހަނގުރާމަވެރިންނާ ނުބައްދަލު މީހެއްކަމުގައި މީހުން ބުނަމުން ގެންދިޔަ މީހެކެވެ. ނަމަވެސް خالد بن الوليد رضى اللّـه عنــه، ނުހަނު ފަސޭހައިން އޭނާ ޤަތުލުކޮށްލިއެވެ.

ހަނގުރާމަ ނިމުމަށްފަހު، އެތަނުގައި އާބަދުވެގެން އުޅޭ ދަނޑުވެރިންނަށް އެބައިމީހުން އިހުވެސް ދަނޑުވެރިކަން ކުރަމުން ގެންދިޔަ ފަދައިން ދަނޑުވެރިކަން ކުރުމުގެ ހުއްދަ ދެއްވިއެވެ. އަދި ޖިޒީ ދައްކައިގެން އެބައިމީހުންގެ ދީނުގައި ތިބެވޭނެ ކަމުގައިވެސް އެންގެވިއެވެ. މީގެ އިތުރުން ހަނގުރާމަވެރިންގެ އާއިލާގެ ކުޑަކުދީންނާއި، އަންހެނުން އަސީރުގެ ގޮތުގައި ހައްޔަރު ކުރެއްވިއެވެ.

{ޑރ. އަލީ މުޙައްމަދު އައްސަލާބީ، ބަޔޮގުރަފީ އޮފް އަބޫބަކުރުއް ޞިއްދީޤު، ޞަފްޙާ 574-571}

މަޢުރިކަތު ނަހުރުއް ދަމު معركة نهر الدم

الولجة ގައި ކުރެވުނު ހަނގުރާމައަށްފަހު، ދެން خالد بن الوليد رضى اللّـه عنــه، ބައިވެރިވެވަޑައިގެންނެވި ހަނގުރާމައަކީ نهر الدم ގެ ނަމުން ނަން ދެވިގެންވާ ހަނގުރާމައެވެ. މި ހަނގުރާމައަށް معركة أُليّس އޭވެސް ކިޔައެވެ.

މި ހަނގުރާމަ ހިނގަން މެދުވެރިވީ، ޢަރަބިކަރައިގެ ނަޞާރާއިން ފާރިސީންނާ އެއްބައިވެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެއްބަސްވުމުންނެވެ. މިބައިމީހުން އެގޮތަށް އެއްބަސްވުމުން ފާރިސީންގެ ރަސްގެފާނު ވަރަށް ބޮޑު ލަޝްކަރެއް ތައްޔާރުކޮށްފައި، أُليّس އޭ ކިޔުނު ތަނަށް ފޮނުވިއެވެ. އެތަނުގައި ޢަރަބިކަރައިގެ ނަޞާރާއިންނާއި، ފާރިސީންގެ ލަޝްކަރު މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ލަޝްކަރު ރުކުރުވާލިއެވެ.

خالد بن الوليد رضى اللّـه عنــه، އަށް މި ޚަބަރު  ލިބިވަޑައިގެން އަވަސް އަވަހަށް އެބައިމީހުންނާ ދިމާއަށް ވަޑައިގެންނެވިއެވެ. ވަޑައިގެން އެބައިމީހުންނާ ވަރަށް ވަރުގަދައަށް ހަނގުރާމަ ފެއްޓެވިއެވެ. ހަނގުރާމަ ފެއްޓުމުން خالد بن الوليد رضى اللّـه عنــه، ދުޢާފުޅު ކުރެއްވިއެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އިބަރަސްކަލާނގެ އަޅުގަނޑުމެންނަށް ނަޞްރު ދެއްވައިފިނަމަ، ދުޝްމިނުންގެ ލެއިން މިއޮތްކޯރު ރަތްކޮށްލައްވާހުށީމެވެ."

ދެން މުސްލިމުން ފާރިސީންނާއި ވަރަށް ވަރުގަދައަށް ހަނގުރާމަކޮށް އެބައިމީހުން ބަލިކޮށްލައިފިއެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ޢަރަބި ނަޞާރާއިންނާއި، ފާރިސީން ހައްޔަރުކޮށްފިއެވެ. ހަނގުރާމަ ނިމިގެންދިޔައީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދުޝްމަނުންގެ ލަޝްކަރުން ޤަތުލުވުމަށްފަހުއެވެ. ދުޝްމިނުންގެ ލެއިން އެތަނުގައިވާ ކޯރުގެ ފެންގަނޑު ރަތްވުމުންގެ ސަބަބުން މި ހަނގުރާމައަށް "ލޭގެ ކޯރު" ނުވަތަ نهر الدم ގެ ހަނގުރާމައިގެ ނަމުން ނަންދެވުނެވެ.

މި ހަނގުރާމަތަކުގެ ފޮނިކާމީޔާބީގެ ޚަބަރު ލިބިވަޑައިގެން أمير المؤمنين أبوبكر الصّدّيق رضى اللّـه عنه ވަރަށް އުފާފުޅު ކުރެއްވިއެވެ. خالد بن الوليد رضى اللّـه عنــه، ގެ ކުޅަދާނަފުޅުކަމުގެ މައްޗަށް ތާރީފު ކުރެއްވިއެވެ. أمير المؤمنين أبوبكر الصّدّيق رضى اللّـه عنه މަދީނާގެ މުސްލިމުންނާ މުޚާތަބުކުރައްވައި، ވިދާޅުވިއެވެ. "އޭ މުސްލިމުންނޭވެ. ތިޔަބައިމީހުންގެ ސިންގާ ޚާލިދުގެފާނު، ފާރިސީންގެ ސިންގާއާ ޙަމަލަދެއްވައި، އެ ސިންގާގެ މަސްތައްކޮށައިލައްވައި އޭގެ މައްޗަށް ގަދަކަން ހޯއްދަވައިފިއެވެ. ހަމަކަށަވަރުން ޚާލިދުފަދަ ފަހުލަވާނަކު އުފަންކުރުމަށް މިހާރުގެ އަންހެނުންތައްވަނީ ނުކުޅެދިފައެވެ."

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

Advertisement

ކޮމެންޓް ކުރެއްވުމަށް