އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ދޮށީ އަނބިމީހާއަށް ސިއްރުން ދެއަންތބަށް ކައިވެނިކުރި އަންހެނަކަށް ލިބުނު ހިތްދަތިކަން ދުނިޔެއަށްވުރެ ބޮޑުވި ގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ދޮށީ އަނބިމީހާއަށް ސިއްރުން ދެއަންތބަށް ކައިވެނިކުރި އަންހެނަކަށް ލިބުނު ހިތްދަތިކަން ދުނިޔެއަށްވުރެ ބޮޑުވި ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 10 ސިކުންތު

އަޅުގަނޑު ސްކޫލުން ނިމުނުތަނާހެން އަމިއްލަ ކުންފުންޏަކުން ވަޒީފާއެއް ލިބުނެވެ. ވަޒީފާގައި އަޅުގަނޑު މަސައްކަތްކުރަމުންދިއައީ ވީހައި ރަނގަޅަކަށެވެ. އަންހެނަކަށް ޢާންމުގޮތެއްގައި ވަޒީފާގައި ހޭދަނުކުރެވޭހައި ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަމެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް އަވަހަށް ޕްރަމޯޝަނެއްވެސް ލިބުނެވެ. 

ކުންފުނީގެ ވެރިއަކީ ޒުވާނެކެވެ. އޭނާ އަޅުގަނޑާއިމެދު ބެހެއްޓި ގާތްކަން ބޮޑުވަމުން އައިސް ލޯތްބަށް ބަދަލުވިއެވެ. އަދި ކައިވެނިވެސް ކުރެވުނެވެ. ކައިވެނިކުރީ ރާއްޖެއިން ބޭރުގައި ދެއަތްބަށެވެ. އެއްވެސް ލިޔުމެއް އަޅުގަނޑަކަށް ނުދެއެވެ. ބެހެއްޓީ އޭނާގެ އަތުގައެވެ. އަޅުގަނޑު ގާތުގައި ބުނީ ދުވަސްކޮޅަކަށް ކައިވެނި ސިއްރުކުރަން ބޭނުންވާކަމަށެވެ. އެއީ ކުއްލިއަކަށް ދޮށީ އަނބިމީހާއަށް އަނގަން ބޭނުންނުވާތީ ކަމަށެވެ. 

އަޅުގަނޑަކީ އެހައިތަނަށް ލޯބީގެ އެއްވެސް ތަޖުރިބާއެއް ލިބިގެންހުރި އަނހެނެއް ނޫނެވެ. އެހެންކަމުން އޭނާ ބުނިހައި ވާހަކައެއް އަޅުގަނޑު ޤަބޫލުކުރީމެވެ. ފަހުން ކުރިމަތިވެދާނެ މައްސަލައަކަށް ވިސްނަންވެސް ނުއެނގެއެވެ. 

މައްސަލަ ކުރިމަތިވީ ކައިވެންޏަށް 3 ވަނަ އަހަރުއެވެ. ބަލިވެއިނުމުންނެވެ. ފިރިމީހާ ބޭނުންވީ ދަރިފުޅު ވައްޓައިލާސެވެ. އެކަމަށް ދެކޮޅުހެދުމުންނެވެ. އެހިސާބުން އަޅުގަނޑު ވަރިކުރީއެވެ. ވަޒީފާއިންވެސް ވަކިކުރީއެވެ. 

ވިހެއުމުން ފަޟީޙަތްވީ އަޅުގަނޑެވެ. ކައިވެނިކުރިކަމުގެ އެއްވެސް ހެއްކެއް ދެއްކެން ނެތުމުން ދަރިފުޅުވީ ބައްޕައެއް ނެތް ކުއްޖަކަށެވެ. އެކަމާއި ކިތަންމެ ވަރަކަށް ދެރަވެ ހިތާމަކުރިނަމަވެސް ކުރެވޭނެ އިތުރުކަމެއް ނެތުމުން ކެތްތެރިވީމެވެ. 

އަޅުގަނޑު ދެއްކި ވާހަކަ އެދުވަހު ޤަބޫލުކުރީ މައިންބަފައިން އެކަންޏެވެ. އެމީހުން އަޅުގަނޑަށް ހިތްވަރުދިނެވެ. އަދި ފަހުން އުފާވެރިކަން ލިބޭނެ ކަމަށާއި ތަޤްވާވެރިއެއްގެ ގޮތުގައި ދުނިޔޭގައި އުޅޭނަމަ ދެރަގޮތެއް މެދުވެރިނުވާނެކަމަށްބުނަމުން ގެންދިއައެވެ. އަޅުގަނޑަށްޓަކައި ހެޔޮދުޢާކޮށްދިނެވެ. 

ވިހާގަދަވުމުން ވަޒީފާއެއް ހޯދީމެވެ. އެއީވެސް ހަމަ ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެކެވެ. 

ދަރިފުޅުގެ ޢުމުރުން 5 އަހަރުވީތަނާ އެއްދުވަހަކު ހަވީރު ދަރިފުޅުގެ ބައްޕަ އަޅުގަނޑުމެން ހޯދަން ގެއަށް އައެވެ. ބުނީ މިއައީ އަނބިމީހާ ވަރިކޮށްފައި އަހަރެންނާއިއެކު ދިރިއުޅެން ކަމަށެވެ. ކައިވެނިކުރަން ބޭނުންކަމަށެވެ. އަދި އަނބިމީހާ ވަރިކުރަންޖެހުނު މައްސަލަތައް ކިޔައިދޭން ފެށުމުން އަޅުގަނޑު ބުނީމެވެ. 

"ތިއައިން އެއްވެސް ވާހަކައެއް އަޑުއަހަން މުހިންމެއް ނޫނެވެ. ހަމައެކަނި އެންމެ ކަމެއް ކޮށްލައިދޭށެވެ. ދަރިފުޅުގެ އުފަންދުވަހުގެ ސެޓުފިކެޓްގައި ދަރިފުޅުގެ ބައްޕަގެ ނަން ޖަހައިލަދޭށެވެ. އަހަރެންގެ ހުރިހާ އުންމީދުތަކެއްވެސް ގުޅިފައިވަނީ ދަރިފުޅާއިއެވެ." 

އަޅުގަނޑުމެންނަށް ކައިވެނިކުރެވިފައި އޮތީ އެޤައުމުގެ ސަރުކާރު ޤަބޫލުކުރާ އުޞޫލުތަކުގެ ތެރެއިންކަމަށްވުމުން އޭނާ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން އެކަން ކާމިޔާބުކުރެވުނެވެ. ނަމަވެސް ބޮޑުޖުރުމަނާއެއްވެސް ދައްކަން ޖެހުނެވެ. އެދުވަސްވަރު އެކަންކަން އޮތް ގޮތުން އެކަން ކާމިޔާބުކުރެވުނު ނަމަވެސް މިހާރު އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ ކަންކަންވާނެ ގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. މިދެއްކުނީ މީގެ 25 ވަރަކަށް އަހަރު ކުރީގެ ވާހަކައެކެވެ. 

އަޅުގަނޑު ދެވަނަ ފަހަރަށް އޭނާއާއި ކައިވެނިކުރީމެވެ. ނަމަވެސް އެކުގައި ދިރިއުޅޭނެ ހިތްވަރެއް ނުލިބުނެވެ. ބަލިވެ އިނދެ ފިރިއެއްގެ ބޭނުން އެންމެ ބޮޑުވި ދުވަހު އަޅުގަނޑާއިމެދު ކަންކަންކުރިގޮތުން، ޚާއްޞަކޮށް ދަރިފުޅުގެ ކަންތަކުގައި ލިބުނު ބަދުނާމް ބޮޑުކަމުން ހަމަ އެކުގައި ނޫޅެވުނީއެވެ. އެހެންވެ ހަމަ އާދޭސްކޮށްގެން ވަރިވީއެވެ. މިހާރުގެ ފިރިމީހާއަކީ ދެވަނަ ފިރިމީހާއެވެ. 

އަޅުގަނޑުގެ ޙަޔާތުގައި ދިމާވި މިކަންކަން ޙިއްޞާމިކުރީ މިބާވަތުގެ ފިރިހެނުންގެ މަޅިގައި ޖެހި ސިއްރުން މިހާރުވެސް ކައިވެނިކުރާތީއެވެ. މިއަހަރުވެސް އަޅުގަނޑަށް އެނގިގެން މިފަދަ ގޮތަކަށް ކައިވެނިކުރި ދެއަންހެނަކު ވަނީ ވަރަށް ނިކަމެތިޙާލުގައި ޖެހިފައެވެ. އެހެންކަމުން ބުނެލަން ބޭނުންވަނީ ބޭނުންނަމަ ދެއަންތބަށް ކައިވެނިކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމުން ރަޙްމަތެއްވެސް ލައްވަވައިފާނެއެވެ. ނަމަވެސް ސިއްރުން ކައިވެނިނުކުރާށެވެ. 

ދޮށީ އަނބިމީހާގެ ރުހުން ހޯދަން ދީނުގައި ނެތުމަކީ އޭނާއަށް ސިއްރުން ކައިވެނިކުރުމަކީ ރަނގަޅުކަމަކަށްވާނެ ސަބަބެއް ނޫނެވެ. އެފަދަ ކަމެއްކުރާއިރު ވިސްނައިލާށެވެ. ތިމާގެ ފިރިމީހާ ތިމާއަށް ސިއްރުން ދެވަނަ އަންތބަކު ހޯދައިފިނަމަ ތިމާއަށް ކުރާނެ އަސަރާއިމެދުގައެވެ. އަޅުގަނޑަށް އެދުވަހު އެކަންކަން ނުވިސްނުނީ އެއްވެސް ތަޖުރިބާއެއް ނެތުމުންނެވެ. 

އެކަމުގެ ވޭން މިވަނީ އިންތިހާއަށް އުފުލަންޖެހިފައެވެ. ވީމާ މިވާހަކަތައް މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ ހިތްދަތިކަން އިންތިހާއަށް އުފުލަންޖެހުނު އަންހެނަކަށްވާތީއެވެ. އަޅުގަނޑު ބުނާނީ އަޅުގަނޑަށް އެކަންކުރެވުމުން ލިބުނު ހިތްދަތިކަން މުޅި ދުނިޔެއަށްވުރެވެސް އަޅުގަނޑަށް ބޮޑުވިކަމަށެވެ. ގަންނަން ޖެހުނު ލަދުވެސްމެއެވެ. 

- ސަފީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް