އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޠަލްޙަތު ބިން ޢުބައިދުﷲ 2: ޝަހީދަކު ބިމުގައި ހިނގާބިނގާވާތީ ދުށުމަށް އެދޭމީހަކު ޠަލްޙަތު ބުނު ޢުބައިދުﷲ އަށް ބަލާހުށިކަމެވެ. ޙަދީޘް

ޠަލްޙަތު ބިން ޢުބައިދުﷲ 2: ޝަހީދަކު ބިމުގައި ހިނގާބިނގާވާތީ ދުށުމަށް އެދޭމީހަކު ޠަލްޙަތު ބުނު ޢުބައިދުﷲ އަށް ބަލާހުށިކަމެވެ. ޙަދީޘް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 50 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

މަދީނާއަށް ހިޖުރަ ކުރެއްވުން

މުޝްރިކުންގެ ލާއިންސާނީ އަނިޔާތައް އޭގެ ނިހާޔަތަށް ދިޔުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުން މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ހުއްދަ ދެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ވެސް އަބޫބަކުރުގެފާނާއެކު މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ހިޖުރައަށް ވަޑައިގެންނެވި މަގުމަތީން ތަލްޙަތުގެފާނާ ބައްދަލުވެވަޑައިގަތެވެ. އޭރު އެކަލޭގެފާނު ވަޑައިގެންނެވީ ޝާމުކަރައަށް ކުރެއްވި ވިޔަފާރި ދަތުރުފުޅު ނިންމަވައި ލައްވާފައެވެ. ތަލްޙަތުގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم އަށާއި އަބޫބަކުރުގެފާނަށް ޝާމުކަރައިގެ ދެ ޖުއްބާކޮޅު ވެދުމަށް އެރުވިއެވެ.

ތަލްޙަތުގެފާނު މައްކާއަށް ވަޑައިގެން އެކަލޭގެފާނުގެ ވިޔަފާރީގެ ކަންތައްތައް ހަމައަކަށް އެޅުވުމަށްފަހު އެކަލޭގެފާނުވެސް މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ހިޖުރައަށް ވަޑައިގެންނެވީ އަބޫބަކުރުގެފާނުގެ ޢާއިލީ ބޭފުޅުންނާ އެކުގައެވެ. ތަލްޙަތުގެފާނަކީ މަދީނާއަށް އެންމެ ކުރީކޮޅުގައި ހިޖުރަ ކުރެއްވި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބާއްޖެވި ބޭކަލެކެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގެންނެވުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނާއި އަބޫއައްޔޫބު އަލްއަންޞާރީ ރަޟިޔަﷲ ޢަންހުއާ އަޚުކޮށްދެއްވިއެވެ. ބައެއް ރިވާޔަތްތަކުގައިވަނީ އެކަލޭގެފާނު އަޚުކޮށްދެއްވީ ކަޢުބު ބުނު މާލިކު އަލްއަންޞާރީ ރަޟިޔަﷲ ޢަންހުއާ ކަމުގައެވެ.

{ޑރ. ޢަލީ މުޙައްމަދު އައްޞަލާބީ، ޢަލީ ބިން އަބީޠާލިބު، ދެވަނަ ޖިލްދު، ޞަފްޙާ 135}

ބިމުގައި ހިނގާބިނގާ އުޅުއްވި ޝަހީދު

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި ކުރެވުނު މުހިންމު ސަރިއްޔާތަކާއި ޣަޒުވާތަކުގައި ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހު ބައިވެރިވެވަޑައިގެންނެވިއެވެ.

އުޙުދު ހަނގުރާމައިގެ ދުވަހު ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހު ވަނީ ނުހަނު ބުތޫލާތްތެރި ރޯލައެއް އަދާ ކުރައްވައިފައެވެ. އެދުވަހު މުޝްކުރިން ކުއްލި ގޮތަކަށް ދިން ޙަމަލާގައި މުސްލިމުންގެ ފައިތިލަތައް ހަނގުރާމައިގެ މައިދާނުން އުފުރި ފަހަށް ޖެހެވުނެވެ. ނަމަވެސް ތަލްޙަތުގެފާނު ވެވަޑައިގެންނެވީ ނުހަނު ސާބިތުކަމާއި ފިރިހެންވަންތަކަމާއެކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދިފާއުގައި ހަނގުރާމަ ކުރެއްވި މަދުބޭކަލުންގެ ތެރެއިންނެވެ. 

އުޙުދުގެ ދުވަހު ޠަލްޙަތުގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم ދިފާއު ކުރެއްވުމަށްޓަކައި ހަނގުރާމަ ކުރައްވަމުން ގެންދަވަނިކޮށް އެކަލޭގެފާނު އިނގިލިފުޅުތައް ބުރިވެގެންދިޔައެވެ. އެހިނދު އެކަލޭގެފާނަށް ބޭއިޚްތިޔާރުގައި އެއްޗެއް ވިދާޅުވެވުނެވެ. އެ އަޑު އައްސަވައި މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ކަލޭގެފާނު ބިސްމިﷲ އޭ ވިދާޅުވިނަމައެވެ. އޭރު މަލާއިކަތްބޭކަލުން ކަލޭގެފާނު އުފުއްލަވައިލައްވާނެއެވެ. މަލާއިކަތްބޭކަލުން ކަލޭގެފާނު އުފުއްލަވައިލައްވައިގެން ގެންދަވާ މަންޒަރު މީސްތަކުންނަށް ފެންނާނެއެވެ.]

މާތް ރަސޫލާ صلّى اللّـه عليه وسلّم ދިފާއު ކުރެއްވުމަށްޓަކައި ތަލްޙަތުގެފާނު އުޅުއްވުމުގެ ތެރޭގައި އެކަލޭގެފާނުގެ ހަށިކޮޅުގެ 35 ނުވަތަ 39 ތަނެއް ޒަޚަމުވެފައިވެއެވެ.

ޤައިސު ބުނު ޙާޒިމުގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. [އަހަރެން ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހުގެ އަތްޕުޅު ދުށީމެވެ. އެ އަތްޕުޅުވަނީ ވާވެފައެވެ. އެ އަތްޕުޅު ވާވެފައިވަނީ އުޙުދުގެ ދުވަހު މާތް ރަސޫލާ صلّى اللّـه عليه وسلّم ދިފާޢުކުރައްވަން އުޅުއްވުމުގެ ތެރޭގައެވެ.]

ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހުއާ ބެހޭ ގޮތުން މާތް ރަސޫލާ ޙަދީޘް ކުރައްވައިފައިވެއެވެ. [ޝަހީދަކު ބިމުގައި ހިނގާބިނގާވާތީ ދުށުމަށް އެދޭމީހަކު ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހުއަށް ބަލާހުށިކަމެވެ.]

{ޞަފިއްޔުއް ރަޙްމާނު މުބާރަކުޕޫރީ، އައްރަޙީޤުލް މަޚްތޫމު، ޞަފްޙާ 269-270}

ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހުވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ޚަންދަޤު ހަނގުރާމަ އާއި ޞުލްޙުލް ޙުދައިބިއްޔާ އާއި ބައިޢަތުއް ރިޟްވާންގައި ބައިވެރިވެވަޑައިގެންނެވިއެވެ.

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް