އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: މިސްކިތަކުން ވައްކަންކުރަން އުޅެނިކޮށް ދެރަގޮތެއް މެދުވެރިވުމުން އިޞްލާޙްވި ޒުވާނެއްގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: މިސްކިތަކުން ވައްކަންކުރަން އުޅެނިކޮށް ދެރަގޮތެއް މެދުވެރިވުމުން އިޞްލާޙްވި ޒުވާނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

އަޅުގަނޑަކީވެސް މަސްތުވާތަކެތި ބޭނުންކުރެވުނު ޒުވާނެކެވެ. މަސްތުވާތަކެތި ބޭނުންކުރަމުންވެސް ކޮންމެވެސް ވަރަކަށް ނަމާދުވެސް ކުރަމެވެ. އެގޮތުން އެއްދުވަހަކު މެންދުރު ފަހު 2 ޖަހާއެހާކަންހާއިރު މިސްކިތަކަށް އެރިތަނުން ފެނުނީ އިމާމް ހަނދާން ނެތިގެން ބަންގިގޮވާ މައިކް ސްޓޭންޑްގައި ބައިންދާފައި އިންދައެވެ. 

އެވަގުތު ބޭނުންވެވުނީ އަވަހަށް މައިކް ވަގަށް ނަގާށެވެ. ވަށައި ހޯދާލިއިރު މިސްކިތުގައި ތިބީ 2، 3 މީހެކެވެ. އެމީހުން ތިބީ އަރިމަތީގައެވެ. އެމީހުންނަށް ނުފެންނާނެކަން ޔަޤީންކޮށްފައި ގޮސް މައިކް ނަގަން އަތްލިތަނުން އަތަށް އައީ ކަރަންޓެވެ. ހީވީ ކަނައަތްފަޅިން ވާގިދިއަހެންނެވެ. 

ގްތްބިރެއްގެ ބޮޑުކަމުން ހަޅޭއްލަވަން އުޅުމުން އަޑެއްވެސް ބޭރެއް ނުވިއެވެ. ހަމަހޭވެރިކަން ލިބުނީވެސް އިރުކޮޅަކުންނެވެ. ލިބުމާއިއެކު އަވަހަށް އަށީނީމެވެ. އަތަށް ގޮތްގޮތް ހަދަން މަސައްކަތްކޮށްކޮށްވެސް ހަލުވާލެވޭނެ ގޮތެއް ނުވިއެވެ. އަވަސް އަވަހަށް ސަޖިދަކުރީމެވެ. ސަޖިދައިގަ އޮވެ ތައުބާވެ ދުޢާކޮށް އާދޭސް ދެންނެވީމެވެ. ދެން ދުވަހަކުވެސް އެއްވެސް ފާފައެއް ނުކުރާނެ ކަމަށްވެސް އެތައްފަހަރަކު ދެންނެވީމެވެ. 

ސަޖިދައިން ތެދުވެ އަތްއެލިވައިގެންހުރެ ފައިބައިގެން ގެއަށް ދިއައީއެވެ. ގެއަށް ގޮސް ވީގޮތް ބުނާކަށް ނުކެރުނެވެ. ނަމަވެސް އަތް ގުޑުވައިނުލެވޭކަމަށް ބުނުމުން ޑޮކްޓަރަށް ދެއްކިއެވެ. ބަލާފައި ބުނީ މާބޮޑު ކަމެއް ވެފައި ނެތްކަމަށާއި ކަސްރަތުކުރުމަށެވެ. ކާނެ 2، 3 ބޭސްވެސް ދިނެވެ. 

އެހާދިސާއަށްފަހު އަޅުގަނޑު މަސްތުވާ އެއްޗެއް ބޭނުމެއް ނުކުރަމެވެ. ނަމާދުވެސް ބަރާބަރަށް ކުރަމެވެ. ސަޖިދައިގަ އޮވެ ވައުދުވީފަދައިން މަސައްކަތްމިކުރަނީ ހަމަ އެންމެ ފާފައެއްވެސް ނުކުރުމަށެވެ. އެއިގެ ފަހުން މިހާރު 4 އަހަރުވެއްޖެއެވެ. އަދިވެސް އަތުގައި ތުރުތުރުއެޅުމެއް ހުރެއެވެ. ސައިބުއިން ފަދަ ކަންކަމަށް ބޭނުންކުރަންޖެހެނީ ވައަތެވެ. 

އަޅުގަނޑަށް ދިމާވިކަންތައް މިއަދުނޫހުގެ ކިޔަންތެރިންނާއި ހިއްޞާކުރަން ބޭނުންވީ މިހާރުވެސް މިސްކިތްތަކުން ވައްކަންކުރާ މީހުންނަށް ޢިބްރަތަކަށްވެގެން އެފަދަ ނުބައި ކަންކަން ކުރުން ހުއްޓާލައިފާނެ ކަމުގެ އުންމީދުގައެވެ. 

އަޅުގަނޑުގެ ކަޅު މާޒީއެއް އޮތުމުން ވަޒީފާއެއް ނުލިބުނެވެ. އަދި އަތް ތުރުތުރު އަލާތީ ކޮންމެ ކޮންމެ މަސައްކަތެއް ނުވެސް ކުރެވޭނެއެވެ. އެހެންވެ އަޅުގަނޑުކުރާ މަސައްކަތަކީ ފިހާރަ ތަކުން ހެޔޮއަގުގައި ވިއްކާތަކެތި ގަނެގެން ކުޑަ ފައިދާއެއްލާފައި މަގުމަތީގައި ވިއްކުމެވެ. އެ މަސައްކަތުން އެކަށީގެންވާ އާމްދަނީއެއްވެސް ލިބެއެވެ. 

އަޅުގަނޑުގެ އަތަށް އެކަން މެދުވެރިވެގެން ދެރައެއް ނުވަމެވެ. އަޅުގަނޑު ޤަބޫލުކުރަނީ އެއީ މެދުވެރިވި ހެޔޮގޮތެއް ކަމަށެވެ. ނުބައި އަމަލުތައް ކުރުމުން ހެޔޮ ޢަމަލުކުރާ މީހަކަށް ބަދަލުވާން މެދުވެރިވި ކަމެއް ކަމަށެވެ. އަދިވެސް އެއްވާހަކަ ބުނެލަން އެބައޮތެވެ. އެއީ ރޭގަނޑު ދަންވަރު ތެދުވެ އަޅުގަނޑުގެ މަންމަ އަޅުގަޑަށްޓަކައި ހެޔޮދުޢާކޮށް ރޯއަޑު ބައެއްފަހަރު އަހަމެވެ. ވީމާ މިރަޙްމަތް ލެއްވެވީ މަންމަގެ ހެޔޮދުޢާއިން ކަމުގައިވެސް ވެދާނެއެވެ. 

އަޅުގަނޑު ކުރިން މަންމަގެ ފައިސާކޮޅުން ވައްކަން ކުރީމެވެ. ނަމަވެސް މިހާރު ކޮންމެ ދުވަހަކުވެސް ލިބޭ އެއްޗެއް ދެބައަށް ބަހާފައި އެއްބައި މަންމައަށް ދެމެވެ. އެހެންވެ މަންމަ ހުންނަނީ ވަރަށް އުފަލުންނެވެ. އެއީ ފައިސާ ދޭތީއެއް ނޫނެވެ. އަޅުގަނޑު އިޞްލާޙްވީތީއެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް