އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑާއި ގުޅިގެން ރައްޔިތުންނަށް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވުނު: ރައީސް ޞާލިޙް

ކޮވިޑާއި ގުޅިގެން ރައްޔިތުންނަށް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވުނު: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 12 ސިކުންތު

ކޮވިޑާގުޅިގެން މާލީގޮތުން އެންމެ ބޮޑަށް ގެއްލުންވާނެ  އެއް ޤައުމަކީ ރާއްޖެކަމަށް ބަލާފައި އޮތުމާއިއެކުވެސް ސަރުކާރުން މަސައްކަތްކުރީ، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދޭން ކަމަށާއި ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރަކުން، ތަފާތު ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

- ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުން:  

ކޯވިޑްގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދީ ޙަރަކާތްތައް ހުއްޓެމުން ދިޔައިރު، މުޅި ދުނިޔޭގެ ނިސްބަތުންވެސް، އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވުނީ ރާއްޖެއަށް. މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވޭ. އެ ޙާލަތުގައިވެސް ސަރުކާރުން މަސައްކަތްކުރީ، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދޭން. ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރަކުން، ތަފާތު ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވުނު.

ގޭބިސީތަކުގެ ކަރަންޓާއި ފެންބިލްތަކުން ޑިސްކައުންޓްތަކެއް ދެވުނު. ވަޒީފާ ގެއްލުނު މީހުންނަށާއި، މުސާރަ ދަށްވި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދެވުނު. ލޯނު ނަގާފައިވާ މީހުންގެ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށްދެވުނު. ވަޒީފާތަކުން މީހުން ވަކިނުކުރުމަށް ޝަރުޠުކޮށް، ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރެވުނު. އިޖުތިމާޢީ ރައްކާތެރިކަމަށް ބޭނުންވާ މީހުންނަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެވުނު. ރިޒޯޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދެވުނު.

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދުން ފެށިގެން ނިމުމަކަށް ގެންނައިރު، މި އަހަރުގެ ތެރޭގައި އެންމެ ހަލުވިކޮށް އިޤްތިޞާދު ކުރިއަރާނެ ކަމަށް، ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ ފަސް ޤައުމުގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖެވެސް ހިމެނޭ. މިކަމުގެ ޙަޤީޤީ ސިއްރަކީ ކޯވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް، ރާއްޖޭގެ ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުން.

ހަމައެފަދައިން، އިޤްތިޞާދު އަލުން ކޮޅަށްޖެހުމުގައި، ދިވެހި ރައްޔިތުންނާއި، ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތައް ހިތްވަރާއި ޢަޒުމާއެކު، ވަރުބަލިވުމެއްނެތި ކުރި މަސައްކަތް. އެ ބުރަ މަސައްކަތަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ، ކޯވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވި ޞިއްޙީ ދާއިރާގެ އެންމެހައި ޚިދުމަތްތެރިން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީ. ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި، ދިވެހި ސިފައިންނާއި، ދިވެހި ފުލުހުންނާއި، އެހެން މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތް ކުރައްވާ ދަރުމަވެރިން ކުރެއްވި މިންނެތް މަސައްކަތް.

އެ ހުރިހާ ބޭފުޅުންނަށްވެސް، ރާއްޖޭގެ ރައްޔިތުންގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމަ މިއާއެކު، ކޯވިޑާ ދެކޮޅަށް ރާއްޖެއިން ކުރި މަސައްކަތުގައި ރަޙްމަތްތެރި ޤައުމުތަކުން ވެދިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އެ ހުރިހާ ޤައުމުތަކަށްވެސް ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން. އޭގެ ތެރޭގައި އިންޑިއާ، ޖަޕާން، އެމެރިކާ، ޔޫ.އޭ.އީ، ޗައިނާ، ބަނގްލަދޭޝް އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި، އ.ދ.ގެ ބައެއް އިދާރާތަކުން ވެދިން އެހީތެރިކަން އަޅުގަނޑު ފާހަގަކޮށްލަން.

އިންޑިއާގެ ވަރަށް ގިނަ ދީލަތި އެހީތަކެއް، މިދިޔަ ދެ އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ލިބިއްޖެ. އެންމެ ގިނަ ޢަދަދަކަށް ކޯވިޑް ވެކްސިން ރާއްޖެއަށް ހަދިޔާކުރީ އިންޑިޔާ. އިޤްތިޞާދީ ގެއްލުން ކުޑަކުރުމަށް، 250 މިލިއަން ޑޮލަރުގެ ބޮންޑު އިންޑިއާއިން ވަނީ ގަނެފައި. ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ، ވަރަށް ގިނަ ސާމާނު ހަދިޔާކުރި. ފަތުރުވެރިކަން މެދުނުކެނޑި ދެމެހެއްޓުމަށްޓަކައި، ރާއްޖެއަށް ޓްރެވަލް ކޮރިޑޯއެއް ހުޅުވައިދިން.

ރާއްޖެއިން ބޭސްފަރުވާއަށް ދާން ބޭނުންވާ ދިވެހިންނަށް ފަސޭހައިން އިންޑިއާއަށް ދެވޭނެގޮތްވެސް އެ ޤައުމުން ހަމަޖައްސައިދިން. މިއީ ކޯވިޑުގެ ތެރޭގައި އެހެން އެއްވެސް ޤައުމަކަށް އިންޑިއާއިން ނުދޭ ފުރުޞަތެއް.

މާތް ﷲގެ މަތިވެރި އޯގާވަންތަކަމާއެކު، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައި ނަމަވެސް، މިދިޔަ ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރި ތަޖުރިބާތައް ހަނދާން ނައްތާލައިގެން ނުވާނެ. ބަލިން ރައްކާތެރިވުމަށްޓަކައި އަޅުގަނޑުމެންގެ އާދައަކަށް ހެދި، ޞިއްޙީ ރަނގަޅު އާދަތައް އެގޮތުގައި ދަމަހައްޓަން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު