އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު
އަނބިމީހާ ހޮސްޕިޓަލުން އައިއިރު އޭނާގެ ދައްތައާއި ފިރިމީހާ އުޅެނީ އޭނާގެ ކޮޓަރީގައެވެ. އޭނާ ގެއަށް އައިކަން އެނގުމުން އެނދުދަށަށް ވަދެ ދައްތަފިލީއެވެ. އެކަން އެނގިހުރެމެ ނުއެނގޭކަމަށް ހެދިގެން ހުރެ އަނބިމީހާ ބުންޏެވެ. "މިއަދަކީ އަހަރެމެންގެ އެންމެ އުފާވެރި ދުވަހެވެ. އަހަރެން އިނީ ބަލިވެއެވެ. ޓެސްޓްތަކުގެ ނަތީޖާ މިއޮތީއެވެ."
އެކަމަށް އުފާކުރާކަމަށް ބުނަމުން އަނބިމީހާގެ ގައިގައި ބައްދާލަން އުޅުމުން އަނބިމީހާ ބުންޏެވެ. "މިއަދަކީ އަހަރެމެންގެ އެންމެ ހިތާމަވެރިވެސް ދުވަހެވެ. އަހަރެންގެ ގައިގައި އަތްނުލާށެވެ! ކަލޭ ހުރިހާލަތު ބަލަން ޓެސްޓްކުރާށެވެ. ކަލެއާއި އަހަރެންގެ ދައްތައާއި ގުޅުންހިންގާކަން އެނގުމުން އަހަރެން ހޮސްޕިޓަލަށް ދިއައީ އެޗްއައިވީއަށް ޓެސްޓްކުރާށެވެ. ބަލިވެއިންކަންވެސް އެނގުނީ އެކަމަށް ޓެސްޓްކުރުމުގެ ތެރޭގައެވެ. ނަޞީބަކުން އަހަރެންވެސް ދަރިފުޅުވެސް މިތިބީ ސަލާމަތުންނެވެ. ދައތަ އެޗްއައިވީއަށް ޕޮޒިޓިވްވިތާ މިއީ 2 ވަނަ އަހަރެވެ. ތިއަކުރާ ކަންކަން ކުރިއަށް ގެންދާށެވެ. އަހަރެމެން ދެމައިންގެ ސަލާމަތަށްޓަކައި މިގެއިން އަހަރެން މިދަނީއެވެ."
އަނބިމީހާ ގެއިން ނުކުމެގެން ދިއުމުން ދައތައާއި ފިރިމީހާ ފެށީ ތަޅާފޮޅާށެވެ! ފިރިމީހާ ރުޅިއައީ އެޗްއައިވީއަސް ޕޮޒިޓިވްވެގެންހުރެ އޭނާ ޢާއި ގުޅުން ހިންގީތީއެވެ. ދައްތަ ބުނީ އޭނާ ކުރިކަމެއް ކުރީ އާދޭސްކުރުމުން ކަމަށެވެ. އަމިއްލައަށް އިސްނަގައިގެން ނޫން ކަމަށެވެ. ފިރިމީހާ ހޮސްޕިޓަލަށް ގޮސް ޓެސްޓްކުރިއިރު އޭނާ ވަނީ އެޗްއައިވީއަށް ޕޮޒިޓިވްވެފައެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިވާހަކަ ގެންނަން ބޭނުންވީ ރާއްޖޭގައިވެސް އެއްޗެއައިވީ ކޭސްތައް ފެތުރެމުންދާ ވާހަކަ ޚަބަރުތަކުން ފެންނާތީއެވެ. ބަލައި ނުލާ އުޅެވޭނަމަ މިފަދަ ދެރަ ގޮތެއް ހަމަ ކުރިމަތިވެދާނެއެވެ. ހަމައެކަނި އަންހެނުންނެއް ނޫނެވެ. ހަމައެކަނި ފިރިހެނުންނެއްވެސް ނޫނެވެ. ދެބައިމީހުންވެސް މިކަމަށް ސަމާލުކަން ނުދީފިނަމަ ކޮންމެ މީހަކަށްވެސް ދެރަގޮތެއް މެދުވެރިވެދާނެއެވެ.
އަހަރެމެންނަކީ މުސްލިމުންނެވެ. ކައިވެނީގެ ބޭރުން ޖިންސީގުޅުން ހިންގުމަކީ ޙަރާމްކަމެކެވެ. ދުނިޔެއާއި އާޚިރަތުގައިވެސް ސަލާމަތްކަން ލިބުން އޮތީ ﷲ ތަޢާލާ އަންގަވާފައި ގޮތަށް އުޅެގެންނެވެ.
ބައަކަށް އަޅުގަނޑުގެ ވާހަކަކޮޅުގައި ބުރަދަނެއް ނެތިދާނެއެވެ. ނަމަވެސް ވިސްނައިފިކުރުކުރާ މީހުންނަށް މިއީ ބުރަދަންހުރި ވާހަކަކޮޅަކަށްވާނެ ކަމަށް ޔަޤީންކުރަމެވެ.
- ޝަމްސިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
12 މެއި 2022