އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 49 ސިކުންތު
އޭނާއަކީ ބަލާލަން ރީތިމީހެކެވެ. ފުދޭވަރެއްގެ ތަނަވަސްކަންވެސް ހުރި މީހެކެވެ. އޭނާ ބުނީ އޭނާ ކައިވެނިކުރިތާ އަހަރުވެސް ނުވަނީސް އަނބިމީހާ ނިޔާވެފައިވާކަމަށެވެ. ނިޔާވީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅެފައިކަމަށާއި ޑޮކްތަރުންނަށް އޭނާގެ ފުރާނަ ސަލާމަތް ނުކުރެވުނީ ކަމަށެވެ. އެއިގެފަހުން އުޅެމުންދަނީ ވަރަށް ހިތްދަތި ދިރިއުޅުމެއް ކަމަށެވެ. އަހަރެންނާއި ކައިވެނިކުރަން ބޭނުންކަމަށްވެސް ބުންޏެވެ.
ހަމައެކަނި ދުލުން ބުނީއެއް ނޫނެވެ. ހަދިޔާވެސް ފޮނުވައެވެ. އިރުއިރުކޮޅުން ފޯނުވެސް ކުރެއެވެ. ޙާލުބަލައެވެ. ކަމަކަށް ދަތިވެފައިހުރިތޯވެސް ސުވާލުކުރެއެވެ. އޭނާ އެގޮތަށް ކަންތައް ކުރާތީ އޭނާ ދައްކާ ވާހަކަތައް ޤަބޫލުކުރެވި ކައިވެނިކުރީމެވެ.
ކައިވެނިކޮށްގެން ދިރިއުޅެމުން ދިއައީ އޭނާގެ ގޭގައެވެ. ފުރަތަމަ މަހެއްހައި ދުވަހު ކަންކަން ދިއައީ ވަރަށް ރަނގަޅަށެވެ. އެއިގެފަހުން ފިރިމީހާ އަހަރެންނާއި ދުރުހެލިވާން ފަށައިފިއެވެ. އެކުގައި ހޭދަކުރާ ވަގުތަކުގައިވެސް އަހަރެންނަށް ސަމާލުކަން ދިނުމުގައި ފޯނާކުޅެން ފަށައިފިއެވެ. ލޯބިން ވާހަކަދައްކައި އުޅުނު ޢިބާރާތްތައް ބަދަލުވާންފަށައިފިއެވެ.
އެއްރެއެއްގައި ފެނުނު ހުވަފެނެކެވެ. ގޭގައި ބަހއްޓާފައިހުރި ލޯގަނދެއްގައި އިންނަ ފޮޓޯއިން ފެންނަ އޭނާގެ އަނބިމީހާ ގޭއަސްކެނިދޮށުގައިހުރެގެން ހަމަ ރޮނީއެވެ. އެތައް އިރެއްވަންދެން ރޯންހުރެފައި ދިއައީއެވެ. ހޭލެވުމުން ވަރަށް ދެރަވިއެވެ. ވަރަށް ގިނަ ސުވާލުތައް އުފެދުނެވެ. އަނެއްކާ ފިރިމީހާ އޭނާ މަރައިލީ ނޫންބާވައެވެ! މިކަމުގައި ކޮންމެވެސް ސިއްރުތަކެއް އެބަވެއެވެ. އޮޅުން ފިލުވަން މަސައްކަތްކުރަން ޖެހޭނެއެވެ.
އެއިގެ ހަފްތާއެއްހައި ދުވަސް ފަހެވެ. އެއްރޭ 10 ޖަހާއެހާކަންހާއިރު ސިޓިންގރޫމްގައި އިންދާ ކުޑަކޮށް ނިދިޖެހުނެވެ. އެއީ ފެނުނު ހުވަފެނެއްކަމެއް ނުވަތަ އަސްލެއްކަން ބުނާކަށް ނުއެނގެއެވެ. ފެނުނީ ކަޅުކުލަ ގަދަ ވާލެއް އުދުހިފައި އައިސް ގެއަށް ވަންތަނެވެ. އޭތި މަޑުކޮށްލީ އަހަރެންގެ ކުރިމަތިން ތަޅުމުގައެވެ. ދެން ފެނުނީ ކުރިންބުނި އަންހެންމީހާއެވެ. އޭނާ ބުންޏެވެ. "އޭނާ އަހަރެން މަރައިލީ ވަޅިއަކުން ކަރުބުރިކޮށްލައިގެނެއް ނޫނެވެ. ޒަހަރުދީގެނެއްވެސް ނޫނެވެ. ހިތަށް އަނިޔާކުރަމުން ގޮސް އަހަރެންގެ ހިތްހުއްޓުވާލައިގެންނެވެ. ހާޓްއެޓޭކެއްޖެހި އަހަރެން ހޭނެތިގެން ވެއްޓުމުންވެސް އަހަރެންގެ ވިންދު ކެނޑެންދެން ޑޮކްޓަރަށް ނުގެންގޮސް ބޭއްވީއެވެ. އަހަރެންނާއިމެދު އޭނާ ކަންތައްކުރީ މިހެން ނޫންތޯ ކަލޭ ނިކަން ކަލޭގެ ފިރިމީހާކުރެން އަހައިބަލާށެވެ! މިހާރު ކަލެއަށް ތިއަފެންނަނީ ހަމަ އެމަންޒަރެވެ. ކަންތައްތައް އެކުރަނީ އަހަރެންނާއިމެދު ކަންތައްކުރިގޮތަށެވެ. ކެތްކުރަން ބޭނުންނަމަ ކެތްކުރާށެވެ." އެހިސާބުން އެނާ ގެއްލިއްޖެއެވެ.
އެއީ ފެނުނު ހުވަފެނެއްކަމަށްވީނަމަވެސް ޙަޤީޤަތް ހޯދަން މަސައްކަތްފެށީމެވެ. އެއީ ފިރިމީހާގެ ކުރީގެ އަނބިމީހާ މަރުވި ގޮތްކަމަށް ފިރިމީހާ ބުނި ގޮތާއި އޭނާ އެބުނާގޮތް ވަރަށް ބޮޑަށް ތަފާތުވުމުންނެވެ.
ވަރަށް މަސައްކަތުން އަނބިމިހާގެ ޢާއިލާގެ މީހުން ހޯދީމެވެ. އެނާގެ ދައްތައާއި ބައްދަލުކުރީމެވެ. އަދި ކޮއްކޮ މަރުވި ގޮތާއިމެދު ސުވާލުކުރީމެވެ. އޭނާ ކިޔައިދިނީ ހަމަ އެއަންހެންމީހާ ކިޔައިދިން ގޮތަށެވެ. ކޮއްކޮ ހޮސްޕިޓަލަށް ގެންދިއައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށްވެސް ބުންޏެވެ. ހޮސްޕިޓަލަސް ނުގެންދެވި ލަސްވީ އެއިރު ގޭގައި ނެތުމުން ކަމަށާއި ގެއަށް އާދެވުމުން ވެއްޓިފައި އޮއްވައި ފެނިގެން އަވަހަށް ގެންދިއައީ ކަމަށް ފިރިމީހާ ބުނިކަމަށްވެސް ބުންޏެވެ. އެހިސާބުން އަހަރެން އާދޭސްކޮށްގެން އޭނާ އާއި ވަކިވީއެވެ. ދެވަނަ ކައިވެންޏެއްކޮށް ދިރިއުޅެން ފެށީއެވެ.
މިއީ އެކުވެރިއަކު އަޅުގަނޑާއި ޙިއްޞާކޮށްފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ޙިއްޞާމިކުރީ މިވާހަކައިން ޙާޞިލްކުރަންޖެހޭ ޢިބްރަތްކެއް އެބަހުރިކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީއެވެ. ކައިވެންނަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އުޅުން ބަދަލުވާ ފިރިންނާއިމެދު ވަރަށް ބޮޑަށް ސަމާލުވާން އެބަޖެހެއެވެ. ނޫންނަމަ ހަމަ މިފަދަ ދެރަ ގޮތްތައް މެދުވެރިވުމަކީވެސް ހަމަ ވަރަށް ގާތް ކަމެކެވެ. އެފަދަ މީހުންގެ ހިތުގައި އަނބިމީހާއަށް ލޯތްބެއް ކުލުނެއް ނުހުންނާނެއެވެ. ބޭނުންވާނީ ކޮންމެ ގޮތަކުން ނަމަވެސް އޭނާގެ ހިތް އުފާކޮށްލުމަށެވެ.
- ތަހޫ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
14 މެއި 2022