އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިންނަށް ފަރުވާކުޑަކުރާ ފިރިންނަށް ޢިބްރަތްތެރި ފިލާވަޅެއް! އަނބިން ކެތްތެރިވެ ޒުވާބުނުކޮށް ހިނިތުންވެގެން ތިބެނީ ވަރަށް ވޭނުގަ!

އަނބިންނަށް ފަރުވާކުޑަކުރާ ފިރިންނަށް ޢިބްރަތްތެރި ފިލާވަޅެއް! އަނބިން ކެތްތެރިވެ ޒުވާބުނުކޮށް ހިނިތުންވެގެން ތިބެނީ ވަރަށް ވޭނުގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 46 ސިކުންތު

އެއީ ވަރަށް ލޯބިން އެކުގައި ދިރިއުޅޭ ދެމަފިރިންނެވެ. ނަމަވެސް ފިރިމީހާއަކީ ކަންކަމުގައި ވަރަށް ފަރުވާކުޑަ މީހެކެވެ. ދަރިންގެ ކަންކަމުގައިވެސް އަނބިމީހާގެ ކަންކަމުގައިވެސް އަދި ގޭތެރޭގެ ކަންކަމުގައިވެސް އޭނާގެ ފަރުވާކުޑަކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. 

އެހެންކަމާއިއެކުގައިވެސް އަނބިމިހާ އޭނާ އާއި އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އަބަދުވެސް ހުންނަނީ ހިނިތުންވެގެންނެވެ. އެހެންވެ ފިރިމީހާގެ ހިތުގައި ސުވާލުތައްވެސް އުފެދެއެވެ. އެހެނަސް ޢޭނާގެ ކުށްތައް އޭނާއަށް ޤަބޫލުކުރެވޭތީ ސުވާލެއް ނުކުރެއެވެ. 

އަނބިމީހާ ކޮންމެ އާދިއްތަ ދުވަހަކު ބޭރަށްދެއެވެ. އެދާތަނަކަށް ގެންދަން ފިރިމީހާ އެދުމުންވެސް އެކަން ޤަބޫލެއް ނުކުރިއެވެ. ދަނީ އެކަންޏެވެ. އަނބިމިހާ ހިނގައިދާނެހެން ހީވާ ހުރިހާ ތަނަކަށް ގުޅައިގެން ބެލުމުން ކޮންމެ ތަނަކުންވެސް ބުނީ އޭނާ ނުދާކަމަށެވެ. އޭނާގެ ގެއިންވެސް ބުނީ ގެއަށްވެސް ނުދާކަމަށެވެ.

އެހިސާބުން ފިރިމިހާގެ ހިތުގައި އަނބިމީހާއާއިމެދު ޝައްކުތަކެއް އުފެދުނެވެ. ހިލޭ ފިރިހެނަކާއި ބައްދަލުކުރަނީ ކަމަށް ހީކުރެވުނެވެ. އެހެންވެ އެއް ދުވަހަކު ސިއްރުން ފާރަލިއެވެ. 

އަނބިމީހާ ކާރު ދުއްވަމުން ގޮސް މަދުކޮށްލީ މީހުން ނުއުޅޭ ދުރު ސަރަހައްދެއްގައި އޮތް ފެންގަނޑެއްގެ ކައިރިއަށެވެ. ކާރުން ފައިބާހުރެ ފުރަތަމަ ރުއީއެވެ. އެތައް އިރަކު ރުއިމަށްފަހު ގައުބުރިތަކެއް ނަގައި ފެންގަނޑަށް އުކަންފެށިއެވެ. ރުޅި އައިސް އަޑުގަދަވެސް ކުރިއެވެ. 

ފިރިމީހާއަށް ހީކުރެވުނީ ޖިންނި އަވަލާފައިހުރީ ކަމަށެވެ. ނޫނީ ފެންގަނޑުތެރެއިން އެއްޗެއް އަރާފާނެތީ އެރިއަ ނުދިނުމަށް ކަންކަންކުރަނީ ކަމަށެވެ. އެހެންވެ މަޑުމަޑުމަޑުން ގާތަށް ގޮސް އަނބިމިހާގެ ގައިގައި ބައްދާލައި ލޯބިކޮށްލިއެވެ. އަދި އެކުރާ ކަމަކާއިބެހޭ ގޮތުން ސުވާލުކުރުމުން ކިޔައިދިނެވެ.

"މިއީ އެއްވެސް ގޮތަކުން ކަލެއަށް އަންގަން ބޭނުންވި ކަންކަމެއް ނޫނެވެ. ނަމަވެސް މިއަދު މިޖެހުނީ ކިޔައިދޭށެވެ! އެހެންވެ މިކިޔައިދެނީއެވެ! ކަލޭގެ ތިއަ ފަރުވާކުޑަ ދިރިއުޅުމުގެ ސަބަބުން އަހަރެން ވަރަށް ރުޅިގަދަވެއެވެ. އެއްޗެތިގޮވަން ބޭނުންވެއެވެ. ތަޅައިގަންނަންވެސް ބޭނުންވެއެވެ. ނަމަވެސް ތިއައީ ފިރިމީހާކަމަށްވުމުން އެއިން އެއްވެސް ކަމެއް ނުކޮށް ކެތްތެރިވަނީއެވެ. އަހަރެން ބޭނުންވަނީ އަބަދުވެސް ހިނިތުންވެގެންހުރެ ފިރިމީހާ އާއި ކުރިމަތިލުމަށެވެ. އެހެންވެ އެކަން އެގޮތަށް މިކުރެވެނީ ކޮންމެ ހަފްތާއަކު މިތަނަށް އައިސް އަހަރެންގެ ހިތުގެ އުދާސްތައް މިގޮތަށް ބޭރުކޮށްލައިގެންނެވެ. އެހެން ނޫންނަމަ މިހާރު އަހަރެން ހުންނާނީ ދުނިޔެއިން މޮޔަވެފައެވެ." 

އެދުވަހަށްފަހު ފިރިމީހާ އޭނާގެ ޢަމަލުތައް އިޞްލާޙްކުރިއެވެ. ޢާއިލާއަށް އަޅާލުންދޭންފެށިއެވެ. އަނބިމީހާއަށް ލޯބިޑޭންފެށިއެވެ. ކުރިން އަނބިމީހާ ފިރިމީހާއަށް ހިނިތުންވަނީ ބޭރުފުށުންނެވެ. ގަދަކަމުން ކުރާކަމެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު ހިނިތުންވަނީ ހަމަ އުފަލުންނެވެ. ހިނިތުންވާން ބޭނުންވެގެންނެވެ. 

މިވާހަކަ އަކީ ބައެއް މީހުންނަށް މާމުހިންމު ވާހަކައަކަށްނުވެދާނެއެވެ. ނަމަވެސް ރަނގަޅަށް ވިސްނައިފިނަމަ މިވާހަކައިގައި ވަރަށް ގިނަ ޢިބްރަތްތަކެއްވެއެވެ. މުޅިވާހަކައިގައިވެސް އެވަނީ އަގުހުރި ފިލާވަޅުތަކެކެވެ.

އަނބިން ޝަކުވާނުކޮށްފާނެއެވެ. ހިނިތުންވެގެން ތިބެދާނެއެވެ. ނަމަވެސް ތިމާގެ ފަރާތުން އަނބިމީހާއަށް ދޭންޖެހޭ ލޯބި ނުލިބޭނަމަ އެކަން ދެމިގެނެއް ނުދާނެއެވެ. އޭނާ މައްސަލަ ޙައްލުކުރީ ފެންގަނޑެއް ކައިރިއަށް ގޮސް ފެންގަނޑަށް ވަރުބާލައިގެން ނަމަވެސް އެގޮތަށް އެކަންކުރާނީ ވަރަށް މަދު އަންހެނެކެވެ. ގިނަ ފަހަރު އޮންނާނީ ދާން ބޭނުންނުވި ނަމަވެސް ނުބައިމަގަކުން ދެވިފައެވެ. ވީމާ މިއީ ދިރިއުޅުމުގައި ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ މައްސަލައެއްކަން ފާހަގަކުރެވެއެވެ. 

އުންމީދަކީ އަޅުގަނޑުގެ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރުމެވެ. މިފަދަ މައްސަލަތައް ޙައްލުވެ އުފާވެރި ދިރިއުޅުމަކަށް މަގުފަހިވުމެވެ. 

- ޒުބައިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް