އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ކަލޭވާނީ މަންމަފަދަ ކުނިކަހާ މީހަކަށް" ކަމަށްބުނި ޓީޗަރުގެ ހިތުގެ އޮޕަރޭޝަނަށް ފައިސާ ނެތިގެން މަރަށް ތެޅިތެޅި އޮއްވާ ހިލޭ ސާބަހަށް އޮޕަރޭޝަންކޮށްދިން ޑޮކްޓަރަކީ ދަރިވަރު!

"ކަލޭވާނީ މަންމަފަދަ ކުނިކަހާ މީހަކަށް" ކަމަށްބުނި ޓީޗަރުގެ ހިތުގެ އޮޕަރޭޝަނަށް ފައިސާ ނެތިގެން މަރަށް ތެޅިތެޅި އޮއްވާ ހިލޭ ސާބަހަށް އޮޕަރޭޝަންކޮށްދިން ޑޮކްޓަރަކީ ދަރިވަރު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 3 ސިކުންތު

ޓީޗަރު އެއްދުވަހު ދަރިވަރުންނާއި ސުވާލުކުރިއެވެ. އެކުދިން ބޮޑުވެގެން ކުރަން ބޭނުންވާ މަސައްކަތަކާއިބެހޭ ގޮތުންނެވެ. އެކުއްޖާ އަށް ޖަވާބުދޭންޖެހުމުން ކުއްޖާ ބުންޏެވެ. "އަހަރެން ވާން ބޭނުމީ މަންމަ ފަދައިން ބުރަމަސައްކަތްކޮށްގެން ފައިސާ ހޯދާ އަންހެނަކަށެވެ. ލިބޭ ފައިސާއިން ނިކަމެތިންނަށް އެހީވާ އަންހެނަކަށެވެ. ޚާއްޞަކޮށް ނިކަމެތި ޙާލުގައި އުޅޭ މުސްކުޅިންނަށާއި ކުޑަކުދިންނަށެވެ." 

ކުއްޖާގެ ޖަވާބާއިއެކު ޓީޗަރު ބުންޏެވެ. "ކަލެއަށް ވެވޭނީ ކަލޭގެ މަންމަ ފަދައިން ކުނިކަހާ ސާފުކުރާ އަންހެނަކަށެވެ. އުޅެން ޖެހޭނީ ލިބޭ ފައިސާއިން ދެކޮޅު ނުޖެހިގެންނެވެ." 

މިއީ އެ ކުއްޖާއަށް އަލަށް ކުރިމަތިވިކަމެއް ނޫނެވެ. އޭނާގެ ބައްޕަ، މަންމަ ވަރިކޮށްލާފައި ދިއުމުން ފައިސާ ހޯދާނެ ގޮތެއް ނެތިގެން މަންމަ އާދައިގެ މަސައްކަތްތައް ކުރަން ފެށި ދުވަހުން ފެށިގެން ކުއްޖާއަށް ކޮންމެ ދުވަހަކުހެން މިފަދަ މައްސަލަތައް ކުރިމަތިވެއެވެ. އެކުގައި ކްލާހުގައި ކިޔަވާ ދަރިވަރުންވެސް ކޮންމެ ދުވަހަކުހެން ފުރައްސާރަކުރެއެވެ. 

މިކަންކަމަށް ކެތްނުކުރެވިގެން މަންމަ ގާތުގައި އާދޭސްކޮށްގެން ސްކޫލަށް ނުގޮސް ގޭގައި ހުރެގެން ކިޔަވަން ފެށިއެވެ. ގޭގައި ހުރެގެން ކިޔެވިނަމަވެސް ކޮންމެ އިމްތިޙާނަކުންވެސް ފާސްވެއެވެ. 

އެއިގެ އަހަރުތަކެއް ފަހެވެ. ޓީޗަރު ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި ބޭއްވިއެވެ. ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަންޖެހުނީއެވެ. އަތުގައި ފައިސާއެއް ނެތެވެ. އެހީތެރިވެދޭނެ މީހަކުވެސް ނެތެވެ. އެހާލުގައި އޮއްވައި ޑޮކްޓަރަކު އޭނާގެ އޮޕަރޭޝަން ހިލޭ ކޮށްދޭން އެއްބަސްވެގެން އޮޕަރޭޝަންކޮށްދީފިއެވެ. އޮޕަރޭޝަން ކާމިޔާބުވެ ގަދަވުމުން އޮޕަރޭޝަންކޮށްދިން ޑޮކްޓަރާއި ބައްދަލުކުރަން އެދުނެވެ. އެއީ އެވަރުގެ ބޮޑުކަމެއް މުސްކުޅި އަންހެނަކަށް ކޮށްދިނުމުން ޝުކުރުއަދާކުރަން ބޭނުންވެގެންނެވެ. 

ޑޮކްޓަރު އައިސް ގާތުގައި ހުއްޓުމުން ފުރަތަމަވެސް ސުވާލުކުރީ ތިއައީ ހަމަ ކަލޭތޯއެވެ؟ "ހާދަ އުފާވެއްޖެއެވެ. އެންމެ ބޮޑަށް އުފާވަނީ އަހަރެންނަށް މާފުކުރީތީއެވެ." ޖަވާބުގައި ޑޮކްޓަރު ބުންޏެވެ. "އާނއެކެވެ! މިއީ ހަމަ އަހަރެންނެވެ! ކުނިކަހާ ސާފުކުރާ އަންހެންމީހާގެ ދަރިފުޅެވެ. އެކަމަކު އޮޕަރޭޝަންކުރީ ކުނިކަހާ ފިހިގަނޑާ ފެންފޮތިގަނޑަކުން ނޫނެވެ. އަހަރެން އޮޕަރޭޝަންކޮށްދިނީ ކަލޭތިއައީ ކާކުތޯ ބަލައިގެނެއް ނޫނެވެ. އޮޕަރޭޝަންކުރާނެ ފައިސާނެތިގެން މުސްކުޅި އަންހެނަކު މަރުވާން ދޫކޮށްލަން ބޭނުންނުވާތީއެވެ. އެދުވަހު ވެސް އަހަރެން ބުނީމެއް ނޫން ހެއްޔެވެ؟ އަހަރެން ބޭނުމީ ފައިސާ ހޯދައިގެން ދަތިޙާލުގައި ދިރިއުޅޭ މުސްކުޅިންނަށާއި ކުޑަކުދިންނަށް އެހީތެރިވެދޭށެވެ. ދެރަނުވާށެވެ. އަހަރެންގެ ކާމިޔާބީގެ ސިއްރަކީ ކަލޭމެން އަހަރެންނަށް ބުލީ ކުރިކުރުމެވެ. އެކަމާއި ކިތަންވަރަކަށް ދެރަވީނަމަވެސް އަހަރެންނަށް ކުރިއަށްދާނެ އެންމެ ބޮޑު ހިތްވަރެއް ލިބުނީ އެކަމުންނެވެ. އަވަސް ޝިފާއަކަށް އެދެމެވެ. އަދިވެސް ކަމަކަށް ބޭނުންވެއްޖެނަމަ ހޮސްޕިޓަލަށް އަންނާށެވެ!" 

މިވާހަކަ ކިޔާފައި ހަމަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީއެވެ. އަޅުގނޑުގެ ދަރިފުޅު މިހާރުވެސް އުޅެނީ ހަމަ އެފަދަ ޙާލެއްގައެވެ. ދަރިފުޅުގެ ބައްޕަވަނީ ނިޔާވެފައެވެ. ދެރަކުރަމުންގޮސް އެބަ ބުނެއެވެ. "ކޮރޮޑޯއިން ބޭރަށް ފުންމައިލާށެވެ! އެއިރުން ކަލޭގެ ބައްޕަގެ ގާތަށް ދެވޭނެއެވެ."

 

އެހައިވަރު އެކުރަނީ ހަމައެކަނި ބައްޕަ ނިޔާވެފައިވާތީއެވެ. ބައްޕަ ނިޔާވިނަމަވެސް ﷲ ގެ ވާގިފުޅާއިއެކު އަޅުގަނޑުމެން އުޅެމުން މިއަންނަނީ އެއްވެސް މީހެއްގެ ގާތުގައި އެއްވެސް ކަމަކު ނުކިޔައެވެ. އެއްވެސް މީހަކަށް އެއްވެސް ކަމަކު އުނދަގޫކޮށްފައެއް ނުވާނެއެވެ. އަދި ކަމަކު އެދިފައެއްވެސް ނުވާނެއެވެ. ފިރިމީހާ ނިޔާވިއިރު ވަނީ އެހެން މީހަކަށް އުނދަގޫނުކޮށް އުޅޭނެ ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދީފައެވެ. އޭނާގެ ފެންވަރުން ގެހުރީ އަޅައިފައެވެ. ދިރިއުޅެނީ ގެއިގެ ބައެއް ބައިތައް ކުއްޔަށްދީގެންނެވެ."  

 

ބުލީކުރުމުގެ ނުބައި އާދަ މިއަދު މިވަނީ ޢާންމުވެފައެވެ. މިއި ވަރަށް ހިތާމަހުރިކަމެކެވެ.

 

--މުނީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް