އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ދެވަނަ ދަރިފުޅަށް ބަލިވެއިންދާ އެއްވެސް ރަނގަޅު ސިފައެއް ނެތިގެން އެއްލައިލި އަނބިމީހާ ރަނގަނޑަކަށްވެ ފައިދޮށަށް ސަލާންޖަހަންދާންޖެހުނު ފިރިއެއްގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ދެވަނަ ދަރިފުޅަށް ބަލިވެއިންދާ އެއްވެސް ރަނގަޅު ސިފައެއް ނެތިގެން އެއްލައިލި އަނބިމީހާ ރަނގަނޑަކަށްވެ ފައިދޮށަށް ސަލާންޖަހަންދާންޖެހުނު ފިރިއެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 57 ސިކުންތު

އަޅުގަނޑަކީވެސް 2 އަހަރަށްވުރެ ގިނަ ދުވަހު މީހަކުދެކެ ލޯބިވެގެން އުޅުމަށްފަހު ކައިވެނިކުރި އަންހެނަކީމެވެ. ކައިވެންޏަށް 2 އަހަރު ފުރަތަމަ ދަރިފުޅު ލިބިއްޖެއެވެ. 4 ވަނަ އަހަރު 2 ވަނަ ދަރިފުޅަށް ބަލިވެއިނުމާއިއެކު ފިރިމީހާބުނީ ދަރިފުޅު ވައްޓާލުމަށެވެ. ސަބަބެއްކަމަށް ބުނީ 2 ވަނަ ދަރިފުޅަކަށް އޭނާ ތައްޔާރުނުވެހުރިކަމެވެ. 

އަޅުގަނޑު ބުނީމެވެ. "ތައްޔާރުވާންޖެހެންވީ 2 ވަނަ ދަރިފުޅަށް ހެއްޔެވެ؟ އަހަރެންގެ އަތުގައި ބޯހިޔާވަހިކަން އެބަހުއްޓެވެ. 2 މީހުންގެ މުސާރައަށް މަހަކު ބައިލައްކައަށްވުރެ ގިނަ ރުފިޔާ އެބަ ލިބެއެވެ. ދެން ތިއަ ދައްކަނީ ކޮންކަހަލަ ނުބައި ވާހަކަތަކެއް ހެއްޔެވެ؟" 

ފިރިމީހާގެ ޙަޤީޤަތް އެނގުނީ އެހިސާބުންނެވެ. ބުނީ ތިއައުޅެނީ ދަރިންތަކެއް ވިހައި އޭނާ ތާށިކޮށްލައި ދަންތުރައެއްގައި ޖައްސުވަން ކަމަށެވެ. އަޅުގަނޑަކީ އެއްވެސް ރަނގަޅު ސިފައެއް ހުރި އަންހެނަކު ނޫންކަމަށެވެ. ސިފަހުތުރު ދިރިއުޅުމުގެ ވައްޓަފާޅިވެސް ނެތް އަންހެނަކު ކަމަށެވެ. ކުރުކޮށްބުނާނަމަ އިންސާނަކަށް އިންސާނަކު ދަށްކޮށްލެވޭނެ އެންމެ ބޮޑަށް އޭނާ އަޅުގަނޑު ދަށްކޮށްލިއެވެ. ބުނާނެ އެއްޗެއްވެސް ނުއެނގި ދަތްދޮޅީގައި އަތްވިދެލައިގެން އެތައް އިރެއްވަންދެން އިނދެވުނެވެ. 

ދެދުވަހެއްފަހުން ފޮނުވަންފެށީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ އާއި ލޯބީގެ ގޮތުން ގުޅި އެކިކަންކަންކުރާ ވީޑިއޯތަކެވެ. ބައްދައި އޮޅުލައި ބޮސްދީ ހަދާ ވީޑިއޯތަކެވެ. އަނގައިން ނުބުނެ 2 ދުވަސްވަންދެން ހުރެފައި 3 ވަނަ ދުވަހު ބުނީމެވެ. "ދެން ރަނގަޅުވާނީ ލޯބިވެރިޔާއާއި ކައިވެނިކުރުމެވެ. ވީމާ އަހަރެން ވަރިކޮށްލާފައި މިގެއިންދާށެވެ. ބަލިވެއިނީތީ ވަރިކުިރަން ބޭނުން ނުވާނަމަ ވިހައިގަދަވުމުން ވަރިކުރާށެވެ. ނަމަވެސް މިގެއިންދާށެވެ." 

އެހެން ބުނުމުން ދިއައީ ވަރިކޮށްފައެވެ. ދަމުން ބުނީ އޭނާ މިދަނީ އަޅުގަނޑަށްވުރެ ހުރިހާ ގޮތަކުން ރަނގަޅު، އޭނާދެކެ މާބޮޑަށް ލޯބިވާ، މާބޮޑަށް އަޅައިލާ، މާރީތި އަންހެނަކާއި ކައިވެނިކުރަން ކަމަށެވެ. އެހެންބުނުމުން އެއްވެސް ރުޅިވެރިކަމެއް ނެތި އޭނާއަށް ރަނގަޅު މުސްތަޤްބަލަކަށް އެދި ހެޔޮދުޢާކުރީމެވެ. 

ދުވަސްތައް ފާއިތުވަމުންގޮސް ވިހައި ގަދަވެ ފެންވެރުނުތަނާ އެއްދުވަހަކު ހަވީރު މީހަކު ފޯނުކޮށްފައި ބައްދަލުކުރަން ބޭނުންކަމަށްބުނުމުން އެރޭ ޢިޝާގެފަހުން ބައްދަލުކުރީމެވެ. އޭނާ ބުނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތް އޭނާއަށް އެނގޭ ކަމަށާއި އެކަންކަން އެނގުނީ އޮފީހުގެ އެކުވެރިއެއްގެ ކިބައިން ކަމަށެވެ. އޭނާ އިންތިޒާރުކުރީ ވިހައިގަދަވަންދެން ކަމަށާއި އޭނާ ބޭނުންވަނީ ދެކުދިންނާއިއެކުވެސް އަޅުގަނޑާއި ގުޅެން ކަމަށެވެ. 

އޭނާއަކީ ކުރިން ދެކައިވެނި ކޮށްފައިވާ މީހެއްކަމަށްބުނެ ދެއަނބިންގެ މައުލޫމާތުވެސްދިނެވެ. އެދެ އަންހެނުންނަށް ގުޅައި ވަރިކުރަން ޖެހުނު ސަބަބު ޔަޤީންކުރުމަށްވެސް ބުންޏެވެ. އަދި އެކަންކަން ހިނގައިދިއަގޮތް އަޅުގަނޑުގެ އޮފީހުގެ އެކުވެރިޔާއަށް އެނގޭނެ ކަމަށެވެ. "އެއީ އަހަރެންގެ އެކުވެރިއެއް. ވަރަށް ގާތުން ހުރިހާ ކަމެއް ހިނގައިދިއަގޮތް އޭނާއަށް ފެންނާނެ!" 

އޭނާއަށް އެރެއަކު ޖަވާބެއް ނުދެމެވެ. އޭނާ ދެއްކި ވާހަކަތައް އެއީ ޙަޤީޤަތްކަން ބެލުމަށްފަހު އޭނާ އާއި ކައިވެނިކުރީމެވެ. ކައިވެންޏަށް އަހަރުވީތަނާ ދަރިއަކުވެސް ލިބިއްޖެއެވެ. ދެމީހުން ވަރަށް އުފަލުގައި ދިރިއުޅެމުންދަނިކޮށް އެއްދުވަހަކު ކުރީގެ ފިރިމީހާ ގެއަށް އައެވެ. ފުރަތަމަވެސް ފެށީ ރޯށެވެ. ދެވަނަ ތަޖުރިބާ ވަރަށް ހިތިކަމަށާއި ބޮޑު އަދަދަކުން ދަރަނިވެރިކުރުވާފައި ވަކިވެއްޖެ ކަމަށް ބުންޏެވެ. 

ބުނީ އެކަންތައްގަނޑުގެ ތެރޭގައި އޭނާއަށް ކުރެވުނު ނުބައި ޢަމަލެއްގެ ސަބަބުން ވަރަށް ބޮޑަށްބަލިވެ އުޅެންޖެހިފައިވާ ކަމަށެވެ. ލިބުނު ގެއްލުންތަކުގެ ސަބަބުން އޭނާއަށް ދަރިއަކުވެސް ދެން ނުލިބޭނެ ކަމަށެވެ. އެހެންވެ ބޭނުންވަނީ ލިބިފައިވާ ދެދަރިންގެ ބައްޕައަކަށްވެގެން ޙަޔާތުގެ ދެން އޮތް ދުވަސްތައް އަޅުގަނޑާއިއެކު ވަރަށް ލޯބިން ދިރިއުޅެން ކަމަށެވެ. 

އަޅުގަނޑު ބުނީމެވެ. "ކަލެއަށް ތިއަ ދިމާވި ކަންތައްތައް ދިމާވީތީ ވަރަށް ދެރަވެއެވެ. ނަމަވެސް އަޅުގަނޑަކީ އަޅުގަނޑުގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ނެތިގެން މާރަނގަޅު އަންހެނަކާއި ގުޅިފައި ބާކީކޮށް އެއްލައިލި އަންހެނާއެވެ. ކަލޭ އަހަރެންގެ ކުރިމަތީގައި ހުރެ ޢުމުރުދުވަހު ކަރުނައެޅިނަމަވެސް ކަލޭ އަހަރެން އެއްލައިލުމުން މާބަނޑުޙާލުގައި އަހަރެން ނުނިދާއިނދެ އެންމެ ރެއަކު އެޅި ކަރުނައާއިވެސް އެއްވަރުނުވާނެއެވެ. ތިއަބާލާ ކަރުނައިން އަހަރެންނަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ހައްތާ އިތުރަށް ރުޅިގަދަވަނީއެވެ. 

އަދިބުނަންހެއްޔެވެ؟ ކަލޭ އަހަރެން ވަރިކުރިކަން އެއީ އަހަރެންނަށް ލެއްވެވި އެންމެ ބޮޑު ނަޞީބެވެ. ކަލޭ ހަތަރު އަހަރުން އަހަރެންނަށް ދިން ލޯތްބާއި މިކައިވެނީގައި މިހައިތަނަށް ލިބުނު ލޯތްބާއިވެސް އަޅައި ނުކިޔޭނެއެވެ. ކަލެއާއިއެކު ދިރިއުޅުނީ އަހަރެން ކަލޭދެކެ ލޯބިވެގެންނެވެ. މިހާރު މިއުޅެނީ ފިރިމީހާ އަހަރެންދެކެ ލޯބިވާތީއެވެ. މިއީ އުޑާއިބިމާހައި ތަފާތު ދެ ލޯތްބެކެވެ. 

ދަރިން އެތިބީއެވެ. ބޭނުންނަމަ އަޅާލައި ލޯބިދޭށެވެ. ބައްޕަގެ ޙައްޤުތަކުން މަޙްރޫމްކުރުވާކަށް ބޭނުމެއް ނޫނެވެ. ދެން އަވަހަށް މިގެއިންދާށެވެ. ދެން މިގެއަށް އަންނަންވާނީ ފިރިމީހާ ގޭގައި އުޅޭ ވަގުތުތަކުގައެވެ." އެހެން ބުނުމުން ނުކުމެގެންދިއަތާ މިހާރު 5 އަހަރުވެއްޖެއެވެ. ދަރިއަކު ދެކެލާކަށް އަދި ނައުދެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. ބުނެލަން ބޭނުންވަނީ ތަނަކުން އަނހެނަކު ފެންނައިރަށް އަނބިމީހާގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ނެތްކަމަށް ޤަބޫލުކުރޭ ފިރިހެނުން ވަރަށް ގިނައެވެ. އެއިގެ ތެރެއިން މަދު މީހަކަށް ނޫނީ ދުވަސްކޮޅެއްވާއިރަށް އެއްވެސް ރަނގަޅު ސިފައެއް ނެތްކަމަށް ކުރިން ބުނިމީހާއަށް ސަލާންޖަހަން ދާންނުޖެހޭ ފިރިހެނަކުވެސް ވަރަށް މަދެވެ. 

އަޅުގަނޑަށް އަޅުގަނޑުގެ ކުރީގެ ފިރިމީހާ އެނބުރި އައުމުން ކަންކަން ކުރެވުނީ ރަނގަޅަށްކަން ނުވަތަ ގޯސްކޮށްކަން ނިންމާނީ ކިޔުންތެރިންނެވެ.

 

- ސުހައިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް