އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ އާއި އެމެރިކާގެ އަސްކަރިއްޔާއިން ފަރިތަކުރުންތަކަކަށް ތައްޔާރުވަނީ

ރާއްޖެ އާއި އެމެރިކާގެ އަސްކަރިއްޔާއިން ފަރިތަކުރުންތަކަކަށް ތައްޔާރުވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

ދިވެހި ސަރުކާރާއި އެމެރިކާ ގުޅިގެން "ޓެމްޕެސްޓް ވިންޑް 2022"ގެ ނަމުގައި ދެގައުމުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މެދުގައި ކައުންޓަރ ޓެރަރިޒަމް ފަރިތަކުރުންތަކެއް ސެންޓްރަލް އޭރިޔާ އަދި މާލެކައިރި ކަނޑުގެ ސަރަހައްދުގައި އޮގަސްޓް 7 -18 އަށް ހިންގުމަށް ހަމަޖެހިއްޖެއެވެ.

ޔޫ.އެސް މިޝަން ޓު މޯލްޑިވްސް އިން ބުނެފައިވަަނީ މިތަމްރީންތައް ދިވެހިރާއްޖޭގައި ބޭއްވުމުގެ އިންތިޒާމު މިފަހަރުވެސް ހަމަޖެއްސިކަމަށްޓަކައި އެމެރިކާ ސަރުކާރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.

"ޓެމްޕެސްޓް ވިންޑް 2022"އަކީ މިފަރިތަކުރުންތަކުގެ ސިލްސިލާގެ އެގާރަވަނަ ބުރެވެ. މިއީ މިތަމްރީން ދިވެހިރާއްޖޭގައި ބޭއްވޭ ހަތަރުވަނަ ފަހަރެވެ.

މިތަމްރީންތަކުގައި ދިވެހިރާއްޖެ އަދި ހަވާއީގެ ކަމާގުޅޭ މުވައްޒަފުން ކައުންޓަރ ޓެރަރިޒަމް (ސީޓީ) ސްޓްރެޓަޖީއަށް ފަރިތަވުމަށް އަމާޒުކޮށް ރޭވިފައިވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވާނެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ދެގައުމުގެ ގުޅުން ބަދަހިކޮށް ގާބިލްކަން އިތުރުކުރުމަށް އިސްވެރިންގެ ނިންމުންތައް ނިންމާ ގޮތްތަކާއި ހާލަތްތަކަށް އިޖާބަދިނުމުގެ ރޭވުންތައް ރާވާނެ ގޮތްތަކަށް ތަމްރީން ވާނެއެވެ. މި ތަމްރީންތަކުގެ ސަބަބުން ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންތަކުގައި ކުއްލި ރޭވުންތައް ރޭވުމުގައާއި ކޯޑިނޭޓްކުރުމުގަ އަދި ހިންގުމުގެ ގާބިލްކަން ދެ ގައުމުގަ ހުރި މިންވަރު ޓެސްޓް ކުރެވި އިސްލާހުކުރަންވީ ކަންކަން ފާހަގަވެގެންދާނެއެވެ. މި ތަމްރީންތަކުގައި ހިމެނޭ މިޝަން ރިހާސަލްގެ ތެރޭގައި މިފަދަ ހާލަތެއްގައި ދިވެހިރާއްޖެ އަދި އެމެރިކާގެ ސަލާމަތީ ބާރުތަކުގެ ރޭވުންތަކާއި، އަމުރުތައް އަދި މުވާސަލާތީ ގާބިލްކަން ހުރި މިންވަރު ޓެސްޓްކުރުމަށް ކޮމާންޑް ޕޯސްޓް ތަމްރީނެއް ހިމެނޭނެއެވެ.

ޔޫ.އެސް މިޝަން ޓު މޯލްޑިވްސް އިން ބުނެފައިވަނީ "ޓެމްޕެސްޓް ވިންޑް 2022"އިން ހާސިލްވާނެ ތަޖުރިބާތަކަކީ އަޅުގަނޑުމެން ދެގައުމުގެ ތަމްރީން ބޭނުންތަކާއި އަދި ދެ ގައުމު ގުޅިގެން މިލިޓަރީ ތަފާތު އޮޕަރޭޝަންތަކުގައި ދިމާވާނެ ހާދިސާތަކަށް އިޖާބަދިނުމުގެ ގާބިލްކަން އިތުރުވާނެ ކަންކަން ކަމަށާއި މި ތަމްރީން ފަރުމާކުރެވިފައިވަނީ ޓެރަރިޒަމްގެ އެކި ހާދިސާތަކަށް އިޖާބަދިނުމުގައި މި ސަރަހައްދުގެ ސަލާމަތީ ބާރުތަކުން ގުޅިގެން މަސައްކަތްކުރުމަށް އެހީތެރިވެވޭނެ ގޮތަށާއި އަދި ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތްތަކުގައި އެމެރިކާ އަދި ދިވެހިރާއްޖޭގެ ގުޅުން ބަދަހިކުރެވޭނެ ގޮތަށް ކަމަށެވެ.

"ޓެމްޕެސްޓް ވިންޑް" ފަދަ ހަރަކާތްތަކުގެ ސަބަބުން ސަރަހައްދީ ރައްކާތެރިކަމާއި އަމާންކަން ދެމެހެއްޓުމުގެ ބިންގާ އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށްވެސް ޔޫ.އެސް މިޝަން ޓު މޯލްޑިވްސް އިންވަނީ ބުނެފައެވެ.

މިފަދަ ތަމްރީންތަކަކީ ޔޫ.އެސް. އިންޑޯ-ޕެސިފިކް ކޮމާންޑްއިން ކުރިޔަށް ގެންދާ އަސްކަރިއްޔާތަކާއި ގުޅުން ބަދަހިކުރުމުގެ ޕްރޮގްރާމްގެ ބައެކެވެ. އިންޑޯ-ޕެސިފިކް ސަރަހައްދުގެ އެކި ގައުމުތަކާއި ގުޅިގެން ހިންގޭ މިފަދަ ތަމްރީންތަކުގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާއިން ތަފާތު އެކި މާހައުލުތަކުގައި ހަރަކާތްތެރިވުމުގެ އަމިއްލަ ގާބިލްކަން އިތުރުވެގެން ދެއެވެ. މި ތަމްރީނުން އިއްތިހާދުގެ ގައުމުތަކުގެ ރައްކާތެރިކަމާއި ދިފާއީ ގާބިލްކަން ވަރުގަދަވެގެންދާނެއެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަކީ ދެގައުމުންވެސް އިސްކަންދޭ ކަމެއްކަމުގައިވާތީވެ، ކޮވިޑް 19 އާ ގުޅިގެން އަމަލުކުރަމުންދާ ދަތުރުފަތުރުކުރުމުގެ ގަވާއިދުތަކަށް އެމެރިކާގެ ބާރުތަކުން ފުރިހަމައަށް އަމަލުކުރުމާއި އެކު ބަދަލުވަމުންދާ ހާލަތްތަކަށް ތައްޔާރުވެ އިޖާބަދިނުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންގެންދާނެއެވެ.

ބައިނަލްއަގްވާމީ ގާނޫނީ ހަމަތައް ދިފާއުކުރުމަށް އެމެރިކާއިން ދެމިއޮންނާނެކަމާއި އަޅުގަނޑުމެންގެ ބައިވެރިންނަށް ދޭ އެއްބާރުލުމާއި އަދި އަޅުގަނޑުމެންގެ ބާރުތަކުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިވާކަން މިފަދަ ހަރުދަނާ ތަމްރީންތަކުން ދައްކުވައިދެއެވެ. "ޓެމްޕެސްޓް ވިންޑް" ގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަވެ، ސަރަހައްދީ ނުރައްކާތަކަށް ހަލުއިކަމާއެކު އިޖާބަދިނުމަށް ސަރަހައްދީ ބައިވެރިންގެ ގާބިލްކަން އިތުރުކޮށްދޭނެއެވެ. މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް ސަރަހައްދެއް އުފެދި އެންމެނަށް ފާގަތިކަމާއި ހަމަޖެހުމާއި އަދި އަމާންކަން ލިބިގެންދާނެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު