އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 10 ސިކުންތު
ސީމާއަކީ އިސްކޮޅުން ތަންކޮޅެއް ކުރުކުއްޖެކެވެ. ނަމަވެސް ހުރިހާ ގޮތަކުންވެސް ވަރަށް ރީތިކުއްޖެކެވެ. އެހެން މިބުނީ ސިފަވެސް ރީތިވެފައި އަޚްލާޤީ ގޮތުން ރަނގަޅުކަމުންނެވެ. ހެޔޮލަފާ އަންތބެއްގެ ކިބައިގައި ހުންނަން ޖެހޭނެ ހުރިހާ ސިފަތަކެއް ލިބިގެންފައިވާ އަންހެންކުއްޖަކަށްވާތީއެވެ.
ސީމާ އާއި އެއްއޮފީހެއްގައި މަސައްކަތްކުރާ ޒުވާނަކު ސީމާގެ ކައިންޏަށް ތަކުރާރުކޮށް އެދެމުން ދިއުމުން ސީމާ އޭނާގެ ހުށަހެޅުން ޤަބޫލުކުރިއެވެ. ނަމަވެސް ޝަރުޠަކާއިއެކުގައެވެ. އެއީ ސީމާގެ ކިބައިން އެއްވެސް ނުރަނގަޅު ސިފައެއް ފެނިއްޖެނަމަ އެކަމުގެ ވާހަކަ ތެދުބަހުން ބުނުމާއި ދެވަނަ އަންހެނަކާއި ސިއްރުން ލޯބީގެ ގުޅުމެއް ހިންގައިގެން ނުވުމެވެ. ސިއްރުން އެފަދަ ގުޅުމެއް ހިންގިކަން އެނގޭވަގުތުން ފެށިގެން ވަރިކޮށްދިނުންވެސް ޝަރުޠުކުރިއެވެ.
ސީމާ ދިރިއުޅެމުން ދިއައީ ރިވެތި އަޚްލާޤާއި ސުލޫކުގެމަތީގައެވެ. ފިރިމީހާއަށް އަދާކުރަންޖެހޭ ހުރިހާ ޙައްޤުތަކެއް ފުރިހަމައަށް އަދާކުރަމުންނެވެ. އެދުވަސްވަރު ބޮސްގެ އަނބިމީހާ ނިޔާވިއެވެ. ބޮސްއަކީވެސް ޒުވާނެކެވެ. ބޮސް ސީމާ އާއި ގުޅެން ބޭނުންވިއެވެ. ނަމަވެސް ސީމާ ދިން ޖަވާބަކީ ފިރިއަކު އެބަހުރި ކަމަށާއި ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބެން އޮތް ނަމަވެސް ފިރިމީހާގެ ހިތުގައި ޖެހޭނެ ކިތަންމެ ކުޑަ ޢަމަލެއްވެސް ނުކުރާނެ ކަމަށެވެ.
ބޮސްވެސް ސީމާގެ ނިންމުމަށް އިޙްތިރާމްކުރިއެވެ. އެފަދަ ވާހަކަތައް ދެއްކުން ހުއްޓާލިއެވެ. ބާއްވަމުން އައީ މުވައްޒިފަކާއި ބާއްވަންޖެހޭނެ ގުޅުމެވެ. އެހެންކަމުން ބޮސްގެ ހުށަހެޅުން ވަރަށް ބޮޑަށް ސިއްރުކުރެވިފައެވެ. އެހެން ގޮތަކަށް ބުނާނަމަ އެކަން ވެފައި އޮތީ ނުވެސް ދެކެވޭ ވާހަކަތަކަކަށެވެ.
ދުވަސްތައް މާޒީވަމުން ގޮސް ކައިވެނީގެ 2 ވަނަ އަަހރު ފެށުނުތަނާ އެއްދުވަހަކު އޮފީހުގެ ސައިކޮޓަރިއަށް ސީމާއަށް ވަދެވުނުއިރު ފިރިމީހާ އެހެން މުވައްޒިފަކާއި ލޯބިކުރަނީއެވެ. ސީމާއަށް އެތަން ފެނުމުން ވަރަށް ދެރަވިއެވެ. ނަމަވެސް ފެނުނުކަންވެސް އެނގުނަ ނުދީ ނުކުމެގެންދިއައީއެވެ.
އެރޭ ފިރިމީހާ ގެއަށް އައީ ތަންކޮޅެއް ލަހުންނެވެ. އެހެން ރޭރޭ ލަސްވިނަމަވެސް ސީމާ ނުކައި ފިރިމީހާއަށް އިންތިޒާރުކުރެއެވެ. ނަމަވެސް އެރޭ ސީމާ އިނީ ކައިގެންނެވެ. ފިރިމީހާ ގެއަށް ވަނުމުން އެހެންރޭތަކުގައި ފަދައިން މަރުޙަބާއެއްވެސް ނުކިޔައެވެ. ފިރިމީހާ ގާތުގައި ބުނީ ކާންހަދާފައި ހުންނާނެ ކަމަށާއި ގޮސް އަމިއްލައަށް ކެއުމަށެވެ.
ދުވަހަކުވެސް ކަންތައް ނުކުރާ ގޮތަކަށް އަނބިމީހާ ކަންތައް ކުރުމުން ފިރިމީހާއަށް ޙައިރާންކަމެއް ލިބުނެވެ. ހީކުރީ އަނބިމީހާ އެހެން މީހަކާއި ގުޅިފައި އޭނާ އާއި ވަކިވާން މަސައްކަތްކުރަނީ ކަމަށެވެ. ނަމަވެސް ވަކި އެއްޗެއް ނުބުނެ ގޮސް ހެދުން ބަދަލުކޮށްލައިގެން އައިސް ކެއީއެވެ.
ކައިނިމިގެން ގޮސް ސީމާގެ ގާތުގައި ސޯފާގައި އިށީނުމުން ސީމާ ބުންޏެވެ. "ކައިވެނިކުރަން އުޅުނުއިރު އަހަރެން ހުށްހެޅި ޝަރުޠުތައް ހަނދާންއެބަހުރި ނޫންހެއްޔެވެ؟ ކަލޭ އަހަރެންނަށް ސިއްރުން ލޯބިވެރިއަކު ހޯދައިފީމެއް ނޫންހެއްޔެވެ؟ ވީމާ މިހިސާބުން ކައިވެނި ނިމުނީއެވެ. ކުރިން އެއްބަސްވެފައިވާ ފަދައިން ރީތިގޮތުގައި އަހަރެން ވަރިކޮށްފައި ގެއިން ނުކުމެގެންދާށެވެ."
ފިރިމީހާ އެފަދަ ކަމެއް ނުކުރާކަމަށް ބުނުމުން އެދުވަހު ސީމާގެ ލޮލަށް ފެނުނު މަންޒަރު ކިޔައިދީފައި އެގޮތަށް ކަންތައްކުރީ އޭނާގެ ކޮން ކުށެއް އޮވެގެންތޯ ސުވާލުކުރުމުން ބުނީ އިސްކޮޅުން ކުރުކަމުން ޕާޓީތަކަށް ގެންދަން ލަދުގަންނާތީ ކުރެވުނު ކަމެއް ކަމަށެވެ. ސީމާ ބުނީ އޭނާއަށް ދިގުނުވެވޭނެ ކަމަށާއި އެހެންވީމާ ދެން ރަނގަޅުވާނީ އަވަހަށް ދެމީހުން ދުރުވުން ކަމަށެވެ.
ފިރިމީހާ އޭނާ ވަރިކޮށްފައި ގޮސް ލޯބިވެރިޔާއާއި ގުޅުނީއެވެ. އަނބިމީހާގެ ކިބައިގައި އަކްލާޤީ ގޮތުން ކަމުދާ އެއްވެސް ސިފައެއް ނެތްކަމާއި ގެވެހި އަންބެއްގެ ކިބައިގައި ހުންނަން ޖެހޭނެ އެއްވެސް ސިފައެއް ނެތްކަން އެނގުނީ ދުވަސްކޮޅަކު އެކުގައި އުޅުމުންނެވެ. ހިތަށް އެރިއެވެ. "އިސްކޮޅުން ދިގުވެފައި ސިފަރީތި ނަމަވެސް ކުރީ ކޮންފައިދާއެއް ހެއްޔެވެ؟ މުސާރައިގެ 90 އިންސައްތަ އޭނާގެ ބޭނުންތަކަށް ޚަރަދުކުރުމުން ބަދަލުގައި މިލިބެނީ ސުމެއް ނޫންހެއްޔެވެ؟"
އެންމެފަހުން ކެތްނުކުރެވިގެން ކައިވެންޏަށް 6 މަހުގައި އަނބިމީހާ ވަރިކުރިއެވެ. އަލުން ސީމާއަށް އާދޭސްކުރަން މަސައްކަތްކުރިއެވެ. ސީމާގެ ޖަވާބަކަށްވީ އޭނާ އިތުރަށް ދިގުނުވާކަމެވެ.
ޖެހިގެން އައި މަހު ބޮސް ކައިވެނިކުރާތީ ޙަފްލާއަށް ދައުވަތުދީ ހުރިހާ މުވައްޒިފުންނަށް ފޮނުވި ދަޢުވަތު ކާޑު އޭނާއަށްވެސް ލިބުނެވެ. އެކާޑުގައި ސީމާގެ ނަމުގެ ކުރިއަށް ގަލަމަކުން "ކުރު" ލިޔެފައި އޮތުމުން ވަރަށް ދެރަވިއެވެ. ލަދުވެސް ގަތެވެ.
ކައިވެންޏަށްފަހު ސީމާގެ މޭޒު ފިރިމީހާގެ ކޮޓަރިއަށް ބަދަލުކޮށް ދެމީހުން އެކުގައި ތިބެގެން މަސައްކަތްކުރަންފެށިއެވެ. ކުންފުނި ހިންގަން ކުރަންޖެހޭ އަމަލީ މަސައްކަތްތަކުގައި ފިރިމީހާގެ ދައުރަށްވުރެ ސީމާގެ ދައުރު ބޮޑުވެސް ކުރިއެވެ. އެހެންކަމުން ކަމުގައި މަޝްވަރާކުރަން ޖެހެނީވެސް ސީމާ އާއިއެވެ. އެހެންކަމާއިއެކުގައިވެސް ބަދަލުހިފުމުގެގޮތުން ސީމާ ބަހެއްވެސް ނުބުނެއެވެ. ސީމާ ދައްކައިދިނީ އޭނާގެ ރިވެތި އަޚްލާޤެވެ.
ލިބުނު ހިތްދަތިކަމަށް ކެތްނުކުރެވިގެން އަމިއްލައަށް ވަޒީފާ ދޫކޮށްލައި މާލޭގައިވެސް ނުއުޅެ ރަށަށް ދިރިއުޅުން ބަދަލުވެސް ކުރީއެވެ. ސީމާ އޭނާގެ ދެވަނަ ފިރިމީހާ އާއިއެކު އުފަލުގައި ދިރިއުޅެމުން ގޮސް ކައިވެންޏަށް މިހާރުވަނީ 12 އަހަރު ފުރިފައެވެ.
ސީމާއަކީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އެންމެ ގާތް އެކުވެރިޔާގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ.
ނިންމާލުމުގެ ކުރިން ސުވާލެއް ކޮށްލާނަމެވެ. ސީމާ އާއި އޭނާ ކައިވެނިކުރި ފަހުން އިސްކޮޅުން ކުރެއް ނުވެއެވެ. ހުރީ ހަމަ ހުރިވަރަށެވެ. އެހެންކަމަށްވާއިރު ކައިވެނިކޮށް ބޭވަފާތެރިވެފައި އިސްކޮޅާއި އެޅުވުމަކީ ހަމަޖެހޭ ކަމެއް ކަމެއް ހެއްޔެވެ؟ އެކުގައި ބޭރަށްދާން ލަދުގަންނަހައި ކުރު އަންހެނެއްގެ ފަހަތުން ދުވެގެން ކައިވެނިކުރީ ކީއްވެގެން ހެއްޔެވެ؟
އަޅުގަނޑު ބުނާނީ މިފަދަ ކަންކަން މެދުވެރިވަނީ އިސްކޮޅުގެ ސަބަބުން ނުވަތަ ސިފައިގެ ސަބަބަކުން ނޫންކަމަށެވެ. އަމިއްލަ އެދުން ބޮޑުކަމުން ކަމަށެވެ.
- ވާޞިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
20 ސެޕްޓެމްބަރ 2022