އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: 5 ދަރިން ވިހޭފަހުން ސިފަހުތުރުވެގެން ވަރިކުރީމަ ވެސް އޭނާއަށްވުރެ މާލޯބިވާ ފިރިއަކު ލިބުނު އަންހެނެއްގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: 5 ދަރިން ވިހޭފަހުން ސިފަހުތުރުވެގެން ވަރިކުރީމަ ވެސް އޭނާއަށްވުރެ މާލޯބިވާ ފިރިއަކު ލިބުނު އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 31 ސިކުންތު

އަޅުގަނޑުމެން ކައިވެނިކޮށްގެން އެކުގައި ބޭރަށްދާން ފެށީންސުރެ ފެންނަ އަންހެނުންނަށް ފިރިމީހާ ކަޅިއަޅައެވެ. އެކަމަށް އެއްޗެކޭ ބުނެފިނަމަ ބުނާނީ ބަލައިލެވުނީ ކަމަށާއި އެ ބަލައިލެވުނު މީހާއަށްވުރެ އަޅުގަނޑު މާރީތިކަމަށެވެ. 

ކައިވެނީގައި ދުވަސްތައް މާޒީވަމުންގޮސް 3 ދަރިން ލިބިއްޖެއެވެ. ފިރިމީހާއަކީ ގޭތެރޭގެ އެއްވެސް ކަމެއްގައިވެސް އަދި ދަރިން ބެލުމުގައިވެސް އަޅުގަނޑަށް އެހީތެރިވެދޭ މީހެއް ނޫނެވެ. ވީމާ މަސައްކަތްތަކަށް ވަގުތުދޭންހަދައިގެން އަމިއްލަ ހަށިގަނޑަށް ފަރުވާކުޑަކޮށްލެވުނުކަމުގެ ނަތީޖާއަކަށްވީ ކަސްރަތު ނުކުރެވި ގައިގައި މަސްޖަހައި ފަލަވުމެވެ. 

އެއިރު ދެމީހުންނަށް އެކުގައި ބޭރަށް ދެވެނީވެސް ވަރަށް މަދުންނެވެ. ބާޒާރަށް ގޮސްއުޅުމުގެ ތެރެއިން ރެސްޓޯރަންޓަކަށް ވަން ރެއެކެވެ. ޖެހިގެން ހުރި މޭޒުގައިވެސް ދެމީހަކު ތިއްބެވެ. އެދެމީހުން ދިއައީ މޭޒުގެ ދެފަރާތުގައި ތިބެގެންވެސް އެކަކު އަނެކަކު ދެކެ ލީބިވާކަން ދައްކަމުންނެވެ. އަތުގައި ހިފައި ފިރުމާލުން ފަދަ ކަންކަން ކުރަމުންނެވެ. 

ފިރިމީހާ ކަޅިޖަހާނުލައި އަންހެންމީހާއަށް ބަލާއެވެ. ހިތަށް ކެތްނުކުރެވިގެން ސުވާލުކުރީމާ ބުނީ އޭނާގެ ސިފަ އާއި ހަށިގަނޑުގެ ރީތިކަން (ހުރި ބައްޓަން) ފެނުނީމާ ބެލެނީ ކަމަށެވެ. އެމީހުން ލޯބިން އެކުރާ ކަންކަން ފާހަގަނުކުރެވޭތޯ އާއި އެގޮތަށް ކަންކަންކޮށް ލޯބި ނުދެނީ ކީއްވެގެންތޯ ސުވާލުކުރީމާ ބުނީމާ ބުނީ އެހައި ރީތި (ހިކި) އަންހެނަކު ލިބުނީމާ ލޯބިދޭނެ ކަމަށެވެ. 

"ނިކަން ބަލައިލަބަލާށެވެ. އަހަރެންގެ ހަށިިގަނޑަކަށް އެއްވެސް ބަދަލެއް ނައުދެއެވެ. ނަމަވެސް ކަލޭ މިހާރު ޖަހާސިފަ ނިކަން ދެކިބަލާށެވެ." އެހެން ބުނުމުން ބުނީމެވެ. "ވިހަނީ ކަލެއެއް ނޫނެވެ. ވިހައިގެން ދަރިން ބަލަނީ ކަލެއެއް ނޫނެވެ. ދަރިން ބަލަމުން ގޭތެރޭގެ މަސައްކަތުގައި މުޅި ދުވަސް ހޭދަކުރަނީ ކަލެއެއް ނޫނެވެ. ކަލޭގެ ކަމަކީ އޮފީހަށް ދިއުމާއި ކޮފީއަށް ދިއުމެވެ. އެކަމަކު ކަލޭ ތިއަ އަޅުވާބެލީ ދެމީހުންގެ ހަށިގަނޑެވެ." އެހެން ބުނެފައި އިތުރަށް ވާހަކައެއް ނުދައްކަމެވެ. 

ރޭގަނޑު ދަރިން ނިންދަވާފައި ޖިމަކަށްދާންފެށީމެވެ. އެތަނުގައި ވަރަށް ބުރަކޮށް ކަސްރަތުކުރަން ފެށީމެވެ. އެހެން އުޅުމުގެ ތެރޭގައި ވަރަށް އަޚްލާޤް ރަނގަޅު ޒުވާނަކާއި ބައްދަލުވެ ރަޙްމަތްތެރިކަން އުފެދުނެވެ. 

އެއްރޭ ވަރަށް ބުރަކޮށް ކަސްރަތުކޮށްފައި ނުކުންނަނިކޮށް ބައްދަލުވެގެން ބުންޏެވެ. "ހަށިގަނޑަށް ގެއްލުން ނުވެ ހިކޭނީ މީހަކަށް ހިކިދޭން އުޅުމުގެ ވިސްނުން ދޫކޮށްލައި އަމިއްލަ ޞިއްޙަތަށްޓަކައި ހިކެން މަސައްކަތްކުރީމައެވެ. ނޫންނަމަ މީހާ ހަލާކުވެދާނެއެވެ. އެއިރުން ލިބޭ ދެރަ މާބޮޑުވާނެއެވެ. އަދި ބުނަން ހެއްޔެވެ؟ ހިކޭތަނުން ދޫވެސްކޮށްލައިފާނެއެވެ. ވީމާ އަބަދުވެސް ފިޓްވާން މަސައްކަތްކުރަންވީ ތިމާއަށްޓަކައެވެ. އެހެން މީހެއްގެ ރުހުމާއި ލޯބި ހޯދާކަށް ނޫނެވެ."

އޭނާ ދެއްކި ވާހަކަތަކަށް ވަރަށް ރަނގަޅަށް ވިސްނީމެވެ. އަދި ކަސްރަތުކުރުމުގައިވެސް އެކަންކަމަށް ބަލަންފެށީމެވެ. 

އެއިގެ ހަމަ ކުޑަދުވަސްކޮޅެއްފަހެވެ. ފިރިމީހާ ލޯބިވެރިއަކު ގެންގުޅޭކަން އެނގިއްޖެއެވެ. އެކަން އެނގުނު ހިސާބުން މަޑުމަޑުން ދުރުވަމުން ގޮސް ވަރިވާން ނިންމީމެވެ. ވަރިކުރީމާ ގެއިން ފިރިމީހާ ނެރެލީމެވެ. ހުރިހާ ކަމެއް ﷲ އަށް ވަކީލްކޮށް ދިރިއުޅެން މަސައްކަތްފެށީމެވެ. 

އެއިރު ދެމީހުންގެ ނަމުގައި ކުރަމުންދިއަ ވިޔަފާރިއަކުން އަޅުގަނޑުގެ ޙިއްޞާ ވަކިކޮށްދޭން އެދުނީމާ އޭނާ އައީ ރުޅިއެވެ. އެހެންވެ ކޯޓަށް ދިއައިމެވެ. ކޯޓުން މައްސަލަ ހިނގައިގަތީ އަހަރެއްހައި ދުވަސްފަހުންނެވެ. މައްސަލަ ހިނގަމުން ގޮސް ޙުކުމްކުރާނީ އަޅުގަނޑަށް ގިނަ ޢަދަދެއްގެ ފައިސާ ދޭންޖެހޭނެ ގޮތަށްކަން އޭނާއަށް އެނގުމުން އެއްދުވަހު ކޯޓުން ނުކުމެފައި އަލުން ދެމީހުން ގުޅުމުގެ ވާހަކަ ދައްކަން ފެށިއެވެ. އެއިރު ވަރަށް ހިކި ލޫޅާފަތިވެފައި ހުރުމުން ތަޢްރީފްވެސް ކުރިއެވެ. އެހައި ރީތިވެދާނެކަމަށް ޤަބޫލުވެސް ނުކުރެވޭކަމަށް ބުންޏެވެ. 

އަޅުގަނޑު ބުނީމެވެ. "އަހަރެންގެ ސިފަ ބަދަލުވީތީ ދެރައެއް ނުވަމެވެ. 3 ދަރިން ވިހަންޖެހުނީތީވެސް ދެރައެއް ނުވަމެވެ. އަހަރެން ދެރަވާ ހަމައެކަނި ކަމަކީ ދަރިންގެ ބައްޕައަކަށް ކަލޭފަދަ ނުބައި ނުލަފާ ހޯދުނުކަމެވެ." އެހިސާބަށް ބުނެވުނުތަނާ އަޅުގަނޑުގެ މިހާރުގެ ފިރިމީހާ ކާރުގައި އަޅުގަނޑު ބަލާއައިސް ބޭރުގައި މަޑުކޮށްގެން ހުރެފައި އަޅުގަނޑު ލަސްވެގެން ކައިރިއަށް އަތުވެއްޖެއެވެ. އަޅުގަނޑު ބުނީމެވެ. "ކަލެއަށް އަހަރެންގެ ސިފަ ހުތުރުވެ ލޯބިވެރިއަކު ހޯދިކަން އެއީ ލެއްވެވި އެންމެ ބޮޑު ނަޞީބެވެ. ކަލޭގެ ކިބައިން ދުވަހަކުވެސް ލޯބި ނުލިބޭވަރަށް ލޯބިދޭ މިފިރިމީހާ އަހަރެންނަށް ލިބުނީ ކަލޭގެ ނުބައި ނުލަފާކަން ބޮޑުވެ ޚިޔާނާތްތެރިވީތީއެވެ." 

އެހެން ބުނެފައި ދެމީހުން އަތުގައި ހިފައިގެން ހިނގައި ގަތުމުން ކަލިޖަހާނުލައި ބަލަން ހުއްޓެވެ. އެހައިވަރަށް އެދެރަވީ އަތުގައި ހިފައިލުމާއި ލޯބިދިނުމަކީ އޭނާ އަޅުގަނޑަށް ދިން ކަންކަމަށްނުވެފައި މިހާރުގެ ފިރިމީހާ އެކަންކަން އަޅުގަނޑަށް ދޭތަން ފެނުމުން ކުރި އަސަރުގެ ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ. 

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކައަކީ އަޅުގަނޑުގެ ޙަޔާތުގައިވެސް ކަންކަން ދިމާވިގޮތާއި ވަރަށް އެއްގޮތް ވާހަކައެކެވެ. އަޅުގަނޑުގެ ފިރިމީހާއަށް އަޅުގަނޑުގެ ސިފަ ހުތުރުވެ، ފަލަވެ ގޮތްގޮތްވީ 5 ދަރިން ލިބުނު ފަހުންނެވެ. ޒުވާން ލޯބިވެރިއަކު ގެންގުޅޭކަން ފަޅާއެރުމުންނެވެ. 

އަޅުގަނޑުވެސް 5 ލިބުމުންވެސް އައީ ހަމަ ބުރަ މަސައްކަތްކުރަމުންނެވެ. 5 ދަރިންގެ ކަންކަން ބެލެހެއްޓުމާއި ކައްކައި ގޭތެރޭގެ މަސައްކަތްކުރުމަކީ ކިހައި ބުރަ މަސައްކަތެއްކަން އެނގޭނީ ހަމަ އެމަސައްކަތްކުރަންޖެހުނު މީހަކަށެވެ. ޚާއްޞަކޮށް ފިރިމީހާގެ އެހީތެރިކަން ނުލިބޭނަމަ އުޅެންޖެހޭނެ ޙާލު ދުލަކުން ޤަލަމަކުން ބަޔާންކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. 

ވަރިކުރީމާވެސް އަޅުގަނޑު ޖިމަކަށް ނުދަމެވެ. ނަމަވެސް ޞިއްޙަތަށް ސަމާލުކަންދިނުމުގެގޮތުން ކަސްރަތަށް ހިނގީމެވެ. އެކަމުން ހަށިގަނޑަށް ލުއިތަކެއްވެސް ލިބުނެވެ. އަޅުގަނޑު ދެކެ ނުހަނު ލޯބިވާ މިހާރުވެސް ކައިވެނިކޮށްގެން މިހުރި ދެވަނަ ފިރިމީހާ އަޅުގަނޑަށް ލިބުނީ ހަމަ އެ ފަލަމިނުގައި ހުއްޓައެވެ. 5 ދަރިންވެސް ތިއްބައެވެ. ޢުމުރުން 45 އަހަރުގައެވެ. 

ވީމާ މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކިތަންމެ ގިނަ ދަރިން ތިބިނަމަވެސް އަދި ސިފަ ބަދަލުވީނަމަވެސް މާޔޫސް ނުވާށެވެ. ބޭވަފާތެރިންނާއިއެކު ދިރިއުޅެން މަސައްކަތްނުކުރާށެވެ. އެކަމުން އިތުރު އަނިޔާ ލިބުން ނޫން ކަމެއް ނުވާނެއެވެ. ތިމާ އިނީ ﷲ ގެ މަގުގައި ސާބިތުވެގެން ކަމަށްވާނަމަ މާލޯބިވާ ފިރިއަކު ދެއްވަވާނެއެވެ. އިން ޝާ ﷲ

 

- އާމިނަތު / މިއަދުނޫހުގެ ކިޔުންތެރިއެއް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް