އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނިކުރަން އުޅުނު ތަނަވަސް ޒުވާނާގެ މަންމައަކީ ނޯކަރަކުކަމަށް ހީކޮށް ނިކަމެތިކޮށްލައި އެއްޗެތި ގޮވުމުން ކަންކަން ބަދަލުވިގޮތް- ޢިބްރަތުން ފުރިފަވާ ފިލާވަޅެއް!

ކައިވެނިކުރަން އުޅުނު ތަނަވަސް ޒުވާނާގެ މަންމައަކީ ނޯކަރަކުކަމަށް ހީކޮށް ނިކަމެތިކޮށްލައި އެއްޗެތި ގޮވުމުން ކަންކަން ބަދަލުވިގޮތް- ޢިބްރަތުން ފުރިފަވާ ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 6 ސިކުންތު

އެއީ ދެބެންގެ ދެދަރި ދެބެއިންނެވެ. ދެބެއިންގެ މިޒާޖު ވަރަށް ތަފާތެވެ. އެހެންކަމާއިއެކުގައިވެސް އުޅެނީ ވަރަށް ގާތް ދެއެކުވެރިންގެ ގޮތުގައެވެ. އެއްބަނޑުއެއްބަފާ ދެބެއިންގެ ގޮތުގައި ކަމަށްވެސް ބުނެވިދާނެއެވެ. 

ލިލީ އަކީ އަޚްލާޤީ ގޮތުން ވަރަށް ދަށް ފެންވަރުގެ ކުއްޖެކެވެ. މުސްކުޅީންނަށާއި ފަޤީރުންނަށް ކަމޭ ހިތުމާއި އޯގާތެރިކަމާއިއެކު މުޢާމަލާތުކުރުމަކީ އޭނާ ދަންނަ ކަންކަމެއް ނޫނެވެ. އޭނާގެ ރީތިކަން އޭނާއަށްވަނީ ވަރަށް ބޮޑަށް ފެނިފައެވެ. ޙަޤީޤަތުގައިވެސް އޭނާއަކީ ބޭރުފުށުގެ ސިފަ ވަރަށް ރީތި އަންހެންކުއްޖެކެވެ. އެހެންވެ ވަރަށް ގިނަ ފިރިހެނުން އޭނާއާއި ގުޅެން ބޭނުންވެއެވެ. ނަމަވެސް ލިލީ އެއްވެސް މީހަކާއި ނުގުޅި މަޑުކުރަނީ ވަރަށް ތަނަވަސް މީހަކާއި ބައްދަލުވުމުގެ އުންމީދުގައެވެ. 

ރޯޒީއަކީ އެހައި ބޭރުފުށުގެ ސިފަ ރީތި އަންހެނެއް ނޫނެވެ. ނަމަވެސް އަޚްލާޤީ ގޮތުން ރޯޒީއަކީ ނަމޫނާ ކުއްޖެކެވެ. ކޮންމެ މީހަކަށްވެސް ހެޔޮކޮށް ހިތުމާއި ކަމޭހިތުމާއި އޯގާތެރިކަމާއިއެކު މުޢާމަލާތުކުރުމަކީ ރޯޒީގެ ކިބައިގައި ވަރަށް ބޮޑަށް ހަރުލާފައިވާ ސިފައެވެ. ޚާއްޞަކޮށް މުސްކުޅިން ނުވަތަ ޢުމުރުން ދުވަސްވީ މީހުންނަށް ހެޔޮކޮށްހިތުމަކީވެސް ރޯޒީގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި ހިމެނޭ ސިފައެކެވެ. 

ލިލީ ބޭނުންވެގެންހުރި ފަދަ ތަނަވަސް، ރީތި ޒުވާނަކާއި ބައްދަލުވިއެވެ. ލޯބީގެ ގޮތުން ގުޅެވުނެވެ. ކަންކަން ކުރިއަށްދަމުންގޮސް ކައިވެންޏާއި ހަމައަށްވެސް ކުރިއަށްދިއައެވެ. ޒުވާނާ ބޭނުންވީ ކައިވެނި އާދައިގެ ގޮތަކަށް ގޭގައިކުރާށެވެ. ކައިވެނީގެ ޙަފްލާ ބޮޑުކޮށް ހޮޓަލެއްގައި ބާއްވާށެވެ. އެކަމަށްވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވުމަށްފަހު އެއްރޭ 8 ޖަހާއިރަށް ޒުވާނާގެ ގެއަށްދާން ލިލީއަށް ދަޢުވަތުދިނެވެ. އެއީ ރަންކިޔާށެވެ. އަނެއްރޭ ކައިވެނިކުރާގޮތަށެވެ. ރަންކިޔުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖައްސާފައި އޮތީ 9 ޖަހާއިރުއެވެ. 

ލިލީ އެގެއަށް ދިއައީ ރޯޒީވެސް ގޮވައިގެންނެވެ. ދެއަންހެނުން އެގެއަށް ދިއުމުން ދޮރުހުޅުވައި މަރުޙަބާކީ ޢުމުރުން ދުވަސްވީ އަންހެނެކެވެ. ލައިގެންހުރި ހެދުމަށް ބެލުމުން ހީވަނީ ގޭގައި ގެންގުޅޭ ނޯކަރެއްހެންނެވެ. ލިލީ ފުރަތަމަވެސް އޭނާ ނިކަމެތިކޮށް ފުރައްސާރަކުރިއެވެ. 

ގެއަށް ވައްދައި ސިޓިންގރޫމްގައި ބެއިތިއްބުމަށްފަހު ބޯފެނާއި ލުއިކާއެއްޗެތި ގެންގޮސްދިނުމުންވެސް އަންހެންމީހާގެ އަތްތުރުތުރުއަޅާތީ މަލާމާތްކުރިއެވެ. މުސްކުޅިވީމާ ގޭގައި މަޑުން ނުތިބެ ނޯކިރީކުރާތީ ކަންބޮޑުވާކަމަށްވެސް ބުންޏެވެ. 

އެވަގުތު ރޯޒީ ބުނީ ލިލީ ތިއަކުރަނީ ވަރަށް ގޯސްކަމެއް ކަމަށެވެ. ޢުމުރުން ދުވަސްވުމުން ނޯކިރީކުރާނަމަ އެކަންކުރާނީ ވަރަށް ދަތިޙާލުގައި އުޅެންޖެހިފައިވުމުން ކަމުގައިވާއިރު ނުބައިބަސްތައް ބުނަން ނުވާނެ ކަމަށާއި ހިތުގައި ޖެހޭނެ ފަދަ ބަހެއްވެސް ބުނެގެން ނުވާނެކަމަށްވެސް ބުންޏެވެ. 

ލިލީ ބުނީ އެއީ މިޒަމާނަށް ފެތޭ ގޮތް ނޫން ކަމަށެވެ. ނޯކަރުން ތިބެންޖެހޭނީ ނޯކަރުންގެ ހެދުމުގައިކަމަށާއި ބައުވެ ވީދިފައި ހުންނަ ފޭރާން ލައިގެން ތިބުމުން ގޭގެ އަގު  ވެއްޓޭނެ ކަމަށްވެސް ބުންޏެވެ. 

އެއަންހެންމީހާ އެއްވެސް އެއްޗެއް ނުބުނެއެވެ. ހަމައެކަނި އަހައިލީ އެއްވެސް އިތުރު ޚިދުމަތަކަށް ބޭނުންވޭތޯއެވެ. އެހެން އަހައިލުމުންވެސް ބުނީ ތިއަކަހަލަ މުސްކުޅި އަންހެނުންނަށް ކޮށްދެވޭނީ ކޮންޚިދުމަތެއްތޯއެވެ؟ އިތުރަށް ވާހަކަ ނުދައްކައި ދުރަށް ދިއުމަށާއި ނޫންނަމަ ވަޒީފާއިން ވަކިކޮށް ގެއިން ނެރެލައިފާނެކަމަށްވެސް ބުންޏެވެ. 

ރޯޒީއަކަށް މަޑަކުން ނުއިނދެވުނެވެ. ރޯޒީބުނީ ލިލީއަށް ތިއަ ދެވެނީ މާމައްޗަށް ކަމަށާއި ތިމާއަށް ﷲ ނިޢްމަތެއް ދެއްވެވިނަމަވެސް ހިތް އުޑަށް އަރުވަން ހެޔޮނުވާނެ ކަމަށެވެ. އަދި ކައިވެނިކުރެވުނީ ނޫންކަމަށާއި އޮތީ ހަމައެކަނި ކައިވެނިކުރެވޭނެ ކަމުގެ އުންމީދުކަމަށާއި މިއީ ބޮޑާވެ ކިބުރުވެރިވާންވީ ވަޤުތު ނޫންކަމަށްވެސް ބުންޏެވެ. 

އެހެންބުނުމުން ލިލީ ބުނީ މިއާދެވުނީ މިޒަމާނުގެ ދިރިއުޅުން ނުވެސް ދަންނަ އަންހެނަކާއިއެކުކަމަށްބުނުމުން ރޯޒީ ބުނީ ލިލީއަކީ ހިތްމަތީގައި ގެންގުޅޭ އަންހެނެއްކަން ކުރިން އެނގުނު ނަމަ އެކުގައި ނުވެސް އަންނާނެ ކަމަށެވެ. އެހެންބުނެފައި ނުކުމެގެންދާން ރޯޒީ ތައްޔާރުވިތަނާ ކައިވެނިކުރަންއުޅޭ ލިލީގެ ލޯބިވެރިޔާ ހިނިތުންވެގެންހުރެ އެތަނަށް އައުމުން ރޯޒީ ކެތްތެރިވެލިއެވެ. އެމުސްކުޅި އަނހެންމީހާވެސް އެތަނުން ދުރަށް ހިނގައްޖެއެވެ. 

3 މީހުން ވާހަކަދައްކަމުން ގޮސް ރޯޒީގެ މައުލޫމާތު ޒުވާނާ އޮޅުންފިލުވިއެވެ. އަދި އަންހެންމީހާ 3 މީހުންނަށް ޖޫސް ގެނައުމުން ބޭނުންވާ ވައްތަރެއް އަހައިވެސް ނުލައި ޖޫސްގެނައީތީ ވަގުތުން އަންހެންމީހާއަށް އެއްޗެތިގޮވަންފެށިއެވެ. އަދަބު ދަސްކުރަންވެސް ބުންޏެވެ. 

އެހިސާބުން ޒުވާނާ ބުންޏެވެ. "ދެއަންހެނުން މިގެއަށް ވަނީންސުރެ ކުރި ކަންކަމާއި ދެއްކި ވާހަކަތައް ކޮޓަރީީގައި ހުރެގެން ކެމެރާއިން ބެލީމެވެ. މިހާރު ތިއަބުނި ބަސްތައްވެސް އަޑުއިވިއްޖެއެވެ. ކުރިމަތީގައި ތިއަހުރީ މިގޭގައި ގެންގުޅޭ ނޯކަރެއް ނޫނެވެ. މިގޭގެ ވެރިމީހާއެވެ. އަހަރެންގެ ލޯބިވާ މަންމައެވެ. މިރޭ 1 ގަޑިއިރުކުރިން ގެނުވީވެސް ލިލީގެ ޙަޤީޤަތް ދަސްކުރަންވެގެންނެވެ. އިމްތިޙާނުން ލިލީއަށް ލިބުނީ ސުމެކެވެ. ފޭލްވީއެވެ. ދެން އަވަހަށް މިގެއިން ނުކުމެގެންދާށެވެ. އަހަރެންނަށް ނުވެސް ގުޅާށެވެ!" 

ރޯޒީގެ ކަރު އެލިގެންދިއައެވެ. ބުނާނެ ބުނެވޭނެ އެއްޗެއް ނެތެވެ. ލޯބިވެރިޔާއަށް އޮޅުވައިލެވޭނެ ގޮތެއްވެސް ނެތެވެ. ހުރިހާ ޙަޤީޤަތެއް އޭނާއަށް އެނގިއްޖެއެވެ. ޒުވާނާ އާއި ރޯޒީވެސް ވަނީ ކުރިން ބައްދަލުވެފައެވެ. ލިލީގެ ދައްތަގެ ގޮތުގައެވެ. ޒުވާނާ ރޯޒީގެ ކިބައިން އެދުނީ ދެމީހުން ވާހަކަދައްކާލަން ދުރަށް ޖެހިލުމަށެވެ. ދުރުގައި ތިބެގެން ވާހަކަދައްކައިލުމަށްފަހު އަނެއްކާވެސް އެންމެން އެކުގައި އިށީނދެ ވާހަކަދައްކަން ފެށިއެވެ.

ލިލީ ބުނީ އެގޮތަށް ކަންކަން ކުރެވުނީ މަންމަކަން ނުއެނގޭތީ ކަމަށާއި އެކަމަށްޓަކައި މާފަށް އެދޭކަމަށެވެ. ޒުވާނާ ބުނީ މީހުންނާއި ވާހަކަދައްކަންޖެހޭނީ މީހާގެ ޙައިޞިއްޔަތަށް ބަލައިގެން ނޫން ކަމަށާއި ކޮންމެ މީހަކާއިވެސް ވާހަކަދައްކަންޖެހޭނީ ރިވެތި ގޮތުގައި ކަމަށެވެ. ޢުމުރުން ދުވަސްވެފައިވާނަމަ އޮތީ އެއްޗެތި ގޮވުން ނޫން ކަމަށާއި ކަމޭހިތައި ހެޔޮކޮށްހިތުން ކަމަށެވެ. 

ވާހަކަ އެހިސާބަށްދިއަތަނާ ހެކިވެރިން އައިސް ވަނުމުން އެކަމަށް ޚާއްޞަކުރެވިފައިވާ މޭޒުގައި އެމީހުން ބައިތިއްބާފައި ޒުވާނާ އައިސް ރޯޒީގެ އަތުގައި ހިފައިގެން މޭޒުދޮށަށް ދިއައެވެ. މޭޒުދޮށުން ތެދުވީ ކައިވެނިކުރަން ދެމީހުން ރަންކިޔައި ފޯމުގައި ސޮއިކުރުމަށްފަހުގައެވެ. 

ޒުވާނާ ބުނީ ރޯޒީގެ ގެއަށް ރޯޒީ ގޮވައިގެންދާނީ އޭނާ ކަމަށެވެ. ލިލީ އޭނާގެ ކާރުގައިވެސް ނުގެންދާނެ ކަމަށާއި އެއީ މަންމައާއިމެދު ކަންކަންކުރި ގޮތުން ކަމަށެވެ. ރޮމުން ކަރުނައަޅަމުން ކަރުއެލުވާލައިގެންހުރެ ލިލީއަށް ޖެހުނީ ނުކުމެގެންދާށެވެ. 

ލިލީ އާއި ކުރަންރޭވި ކައިވެނި ރޯޒީއާއިއެކު ކުރެވުނީއެވެ. ލިލީއަށް ލިބެން އުޅުނު ތަނަވަސްކަމާއި އުފާވެރިކަން ރޯޒީއަށް ލިބުނީއެވެ. ހަމަ އެންމެ ސަބަބަކާއިހުރެއެވެ. ރޯޒީގެ ކިބައިގައިހުރި ރިވެތި އަޚްލާޤްގެ ސަބަބުންނެވެ. 

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ޢިބްރަތްތެރި ވާހަކައަކަސްވާނެ ކަމަށް އުންމީދުކުރަމެވެ. ތިމާގެ ރީތިކަން ތިމާއަށް ފެނި ކިބުރުވެރިވާނަމަ މިފަދަ ގޮތްތައް މެދުވެރިވުން ގާތެވެ. 

- ސިފްނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް