އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ 9: އާދަމްގެފާނާއި ޙައްވާގެފާނު ސުވަރުގޭގައި ވަޒަންވެރި ކުރެއްވެވުން

އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ 9: އާދަމްގެފާނާއި ޙައްވާގެފާނު ސުވަރުގޭގައި ވަޒަންވެރި ކުރެއްވެވުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

އާދަމުގެފާނާއި ޙައްވާގެފާނު ސުވަރުގޭގައި ވަޒަންވެރި ކުރެއްވެވުން: 

ޙައްވާގެފާނު ހެއްދެވުމަށްފަހު، އޭގެ ދެކަނބަލުން ދިރިއުޅުއްވާނެ ތަނެއްކަމުގައި، މާތްالله سبحانه وتعالى، ހަމަޖައްސަވައިފައިވަނީ ސުވަރުގެއެވެ. އެތަނުގެ ނިޢުމަތްތަކުން އެދެކަނބަލުން އުފާ ޙާޞިލު ކުރުމަށްޓަކައެވެ. ނަމަވެސް އެދެބޭކަނބަލުންނަށް ވަކި ވައްތަރެއްގެ ގަހަކުން ފަރީކުޅުއްވުން މަނާ ކުރެއްވިއެވެ. އެކަމަށް އިޝާރާތް ކުރައްވައި އަލް އަޢުރާފު ސޫރަތުގެ 19 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވާފައިވެއެވެ. 

وَيَا آدَمُ اسْكُنْ أَنتَ وَزَوْجُكَ الْجَنَّةَ فَكُلَا مِنْ حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ الشَّجَرَةَ فَتَكُونَا مِنَ الظَّالِمِينَ ﴿١٩

މާނައީ: "އޭ آدم ގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި އުޅުއްވާށެވެ! ފަހެ، ތިޔަ ދެކަނބަލުން ބޭނުން އެއްޗަކުން ފަރިއްކުޅުއްވާށެވެ! (އެކަމަކު) ތިޔަ ދެކަނބަލުން، މިހިރަ ގަހާ ކައިރިވެވަޑައިނުގަންނަވާހުށިކަމެވެ! ފަހެ، (ކައިރިވެވަޑައިގެންފިނަމަ) އޭރުން ތިޔަ ދެކަނބަލުން ވާހުށީ، އަނިޔާވެރިންގެ ތެރެއިންނެވެ."

آدم عليه السّلام އާއި ޙައްވާގެފާނު ވަޒަންވެރި ކުރެއްވި ސުވަރުގެއަކީ ކޮން ސުވަރުގެއެއް ކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. އެ ސުވަރުގެ ހުރީ އުޑުގައިތޯ ނުވަތަ ބިމުގައިތޯ މިއީވެސް ޢިލްމުވެރިންގެ މެދުގައި ޚިލާފު ހިނގައިފައިވާ މައްސަލައެކެވެ.  ދިވެހި ރާއްޖޭގެ މަޝްހޫރު ތަފްސީރު ޢިލްމުވެރިޔާ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ދަރުމަ މަޖައްލާގައި މިވާހަކަ ތަފްސީލުކޮށް ގެންވައިފައިވެއެވެ. މި މައްސަލައިގައި އެންމެ ރަނގަޅު ގޮތަކީ އެދެކަނބަލުން ވަޒަންވެރިކުރުވީ ޖަންނަތުލް ޚުލުދުގައި ކަމަށް ބުނާ ބަސްކަމަށް ބަޔާންކުރައްވައިފައިވެއެވެ. އެއީ ދާއިމަށް ދެމިތިބެނިވި ޙަޤީޤީ ސުވަރުގެއެވެ. {ދަރުމަ މަޖައްލާ މެއި 2006}

މާތްالله سبحانه وتعالى، އެދެކަނބަލުން ފަރީކުޅުއްވުން ނަހީކުރެއްވި ގަހަކީ ކޮބައިކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. އެކި ރިވާޔަތްތަކުގައިވަނީ އެކޮގޮތަށެވެ. ބައެއް ރިވާޔަތްތަކުގައި އެއީ ގޮދަންކަމުގައި އައިސްފައިވެއެވެ. އަނެއްބައި ރިވާޔަތްތަކުގައި އެއީ ތީނުކަމުގައި އައިސްފައިވެއެވެ. އަދި މިނޫންވެސް އެތައް ރިވާޔަތްތަކެއް މި މައުލޫގައި ރިވާވެގެން އައިސްފައިވެއެވެ. ނަމަވެސް އެއީ ކޮންގަހެކަން ޘާބިތުކުރެވޭނެ ޤުރްއާނުގެ އެއްވެސް އާޔަތެއް، ރަސޫލާ صلّى اللّـه عليه وسلّم ގެ ޞައްޙަ ޙަދީޘެއް ވާރިދުވެގެން އައިސްފައެއްނެތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް