އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޯލްޑް ކަޕް: ވެލެންސިއާގެ ދެ ގޯލުން އެކުއެޑޯގެ ފެށުން ރަނގަޅުކޮށްފި

ވޯލްޑް ކަޕް: ވެލެންސިއާގެ ދެ ގޯލުން އެކުއެޑޯގެ ފެށުން ރަނގަޅުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕް 2022 ގެ ފުރަތަމަ މެޗު އެކުއެޑޯ އިން ކާމިޔާބުކޮށްފި އެވެ.

ރޭ ފެށި މި މުބާރާތުގެ ފުރަތަމަ މެޗު އެ ޓީމުން ކާމިޔާބުކުރީ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޤަތަރާއި ވާދަކޮށް 0-2 ލަނޑުން ނެވެ.

މެޗު ފެށުނީއްސުރެ، ރަނގަޅު ކުޅުމެއް ދައްކަމުން އައި އެކުއެޑޯ އިން ދިޔައީ ގަތަރުގެ ގޯލަށް ހަމަލާތައް އަމާޒު ކުރަމުން ނެވެ.

އެގޮތުން މެޗުގެ ވެސް އަދި މި މުބާރާތުގެ ވެސް ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ޖަހައިދިނީ އެކުއެޑޯގެ ކެޕްޓަން ވެލެންސިއާ އެވެ.

މިއީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޖަހައިދިން ލަނޑެކެވެ. އަދި މި މެޗުގެ ދެވަނަ ލަނޑު ވެސް ޖަހައިދިނީ އޭނާ އެވެ. އެއީ 31 ވަނަ މިނެޓުގަ އެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ، ފުރަތަމަ ހާފު ނިމެންދަނިކޮށް ގަތަރަށް ވަނީ ލަނޑުޖަހާނެ ރަނުގެ ފުރުސަތެއް ލިބި، ބޭކާރުވެފަ އެވެ. އަލް މޮއެޒް އަލީއަށް ލިބުނު ހުސް ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތް ވަނީ ނުވެފައެވެ.

އެހެންވެ، ގިނަ ބަޔަކު އުއްމީދުކުރީ ދެވަނަ ހާފުގައި އިތުރު ލަނޑުތަކެއް ފެނި، ތަފާތު ނަތީޖާއަކުން ގަތަރުގެ މައްޗަށް އެކުއެޑޯ ކުރިހޯދާނެ ކަމަށެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ.

ދެވަނަ ހާފުގައި ދެޓީމުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ގަތަރުން ވަނީ ކުޅުން ރަނގަޅޮށްފަ އެވެ.

މި ހާފުގައި އެކުއެޑޯގެ ކެޕްޓަން އަދި މެޗުގައި ދެ ގޯލު ޖަހައި، 3 ޕޮއިންޓު ކަށަވަރުކޮށްދިން ވެލެންސިއާ އަށް ވަނީ އަނިޔާވެގެން ބަދަލުކޮށްފަ އެވެ.

ވެލެންސިއާ ރޭ ޖެހި ދެ ލަނޑާއިއެކު އޭނާ ވަނީ، ވޯލްޑް ކަޕްގައި އެކުއެޑޯއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފަ އެވެ.

މި މުބާރާތުގައި މިއަދު އިރުއޮއްސި 6 ޖަހާއިރު ބައްދަލުކުރާނީ ގްރޫޕް ބީގެ އިންގްލެންޑާއި އިރާން އެވެ. އަދި ގްރޫޕް އޭގައި ހިމެނޭ ސެނަގާލް އާއި ނެދަރލޭންޑްސް ގެ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

މީގެ އިތުރުން ގްރޫޕް ބީގައި ހިމެނޭ ޔޫއެސްއޭ އާއި ވޭލްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ދަންވަރު 12 ޖަހާއިރު އެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު