އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު
ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާނާއި ރަސޫލް ﷺ ގެ ޙަދީޘްފުޅުތަކުގެ ތެދުކަން މިދަނީ ޘާބިތުވެ ޔަޤީންކުރެވެމުންނެވެ. އެއިގެ ތެރެއިން މިކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރަންޖެހެއެވެ.
ދާދިފަހުން ސައިންސްވެރިން ވަނީ އިޒްރޭލް ކައިރިން ޑެޑްސީ ސަރަޙައްދުގައިވާ "މައުންޓް ސޯޑޮމް" (ޞަދޫމް ފަރުބަދަ) ގެ އެންމެ ކުރިން މުސްކުޅި އަންހެނެއްގެ ސިފައިގައި ހުރި ބުދެއް ހޯދައިފައެވެ. ސައިންސްވެރިން ބުނަނީ އެއީ ލޫޠުގެފާނުގެ އަނބިކަނބަލުން ކަމަށެވެ. ބުދު އުފެދިފައިވަނީ ހިލަ އާއި ލޮނުންނެވެ.
ބެލެވޭ ގޮތުން ﷲ ތަޢާލާ ލޫޠުގެފާނުގެ އަނބިކަނބަލުން އެގޮތަށް ބަދަލުކުރެއްވެވީއެވެ. އިންޖީލާއި ޤުރްއާނުގައިވާ ހެކިތަކުން އެކަން ސާބިތުވެއެވެ.
ކޮންމެއަކަސް މިފަދަ ބޮޑުކަމެއް ސައިންސްވެރިންގެ އަތްމައްޗަށް ފައުޅުވެގެން މިދިއައީ ލޫޠުގެފާނުގެ ޤައުމުގެ މީހުން ކުރި ބޮޑުފާފަކުރަން މީސްތަކުން އެނބުރެމުންދާ ވަޤުތެއްގައެވެ. ހުޅަނގުގެ މީޑިއާތަކުން ފަތުރަމުން އަންނަ ވާހަކަތަކުގެ ސަބަބުން ހެޔޮމަގާއި ނުބައިމަގު އަހަރެމެންގެ ދަރިންނަށް ދަނީ އޮޅެމުންނެވެ. ވީމާ އެއްޖިންސުން ގުޅުން ހިންގުމުގައި އަރައިގެންދިއަ ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް ފޮނުއްވެވި ގަދަފަދަ ޢަޛާބުގެ ވާހަކަތައް ދަރިންނަށް އުނގަންނައިދޭން އެބަ ޖެހެއެވެ.
މި ބުދު ފެނިގެން މިދިއައީ އަންހެނުންނާއި އަންހެނުން އަދި ފިރިހެނުންނާއި ފިރިހެނުން ކައިވެނިކުރަމުން ގެންދާ ޒަމާނެއްގައެވެ. އެކަން އެއީ ޢާންމުކަމެއް ކަމުގައި ހަދަމުން އަންނަ ދުވަސްވަރެއްގައެވެ.
ފުންކޮށް ވިސްނައިފިނަމަ މިއީ ވަރަށް ވަރުގަދަ އިންޒާރެކެވެ. ޞަދޫމަށް ހިލަވެއްސަވައި ނެތިކޮށްލައްވައި އަންނަން އޮތް ޖީލުތަކަށް އެކަން އެއީ ޢިބްރަތެއްކަމުގައި ލެއްވެވި ﷲ ތަޢާލާ މިއަދުވެސް އެންމެހައި ބާރުތަކާއިއެކު ވޮޑިގެންވެއެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި ޢަމަލުން އަހަރެމެން އެންމެން ރައްކައުތެރިކުރައްވަވާނދޭވެ! އާމީން
- މަޢްލޫމާތު: ޤުރްއާން އެންޑް އިސްލާމް އިން މީގެ 2 ދުވަސްކުރިން ހާމަކޮށްފައިވާ ވީޑިއޯއަކުން
Advertisement
23 ނޮވެމްބަރ 2022