އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ހޫނުފެނަށް ފުންމާލުމުން ފިހުނީމާ ފެންއެތި ކުށްވެރިކުރާ މީހުންނަށް ޢިބްރަތްތެރި ވާހަކައެއް-

ޙަޤީޤީ ޙާދިސާ: ހޫނުފެނަށް ފުންމާލުމުން ފިހުނީމާ ފެންއެތި ކުށްވެރިކުރާ މީހުންނަށް ޢިބްރަތްތެރި ވާހަކައެއް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 39 ސިކުންތު

އަޅުގަނޑުގެ ޢުމުރަކީ 40 އަހަރެވެ. ފިރިމީހާގެ ޢުމުރަކީ 45 އަހަރެވެ. ދެމީހުން ގުޅުނީ އަޅުގަނޑުގެ ޢުމުރުން 18 އަހަރުގައެވެ. ކައިވެނިކުރީ 20 އަހަރުގައެވެ. ކައިވެނިކުރިތަނާހެންދަރިއަކު ލިބި 18 އަހަރު ފުރިފައިވާ ދަރިއަކު ހުއްޓެވެ. 

ފިރިމީހާ އޭނާއަށްވުރެ އެތައް އަހަރެއް ހަގު އަންހެނަކާއި ލޯބީގެ ގޮތުން ގުޅި އަޅުގަނޑުމެން ދެމައިން ދޫކޮށްލާފައިދާން އުޅެން ފެށުމުން އެކުރެވެނީ ވަރަށް ބޮޑު ކުށެއް ކަމަށްބުނެ އެކަން ނުކުރަންވިސްނައިދިނީމެވެ. ދަރިފުޅު ބޮޑުވެ ދިރިއުޅެން ދަސްކޮށްދޭންޖެހޭ ޢުމުރުގައި ދެމަފިރިން ވަކިވުމުން ދަރިފުޅަށް ލިބޭނެ ގެއްލުންތައް ކިޔައިދިނީމެވެ. 

ނަމަވެސް އޭނާ އަޅުގަނޑުމެން ދެމައިން ދޫކޮށްލާފައި ދިއައީއެވެ. އެކަމުގެ ހިތާމައިގާ އެތައް ދުވަހެއްވަންދެން ރަނގަޅަށް ފެންވެސް ނުވެރިފައި އިނީމެވެ. މާނައަކީ ދިރިއުޅުންމަތިން އެހައި ބޮޑަށް ފޫހިވިއެވެ.

ކޮންމެ ކަމަށް ނިމުން އަންނާނެހެން އެގޮތަށް ހިތާމައިގެ އިނުންވެސް ނިމުމެއް އައެވެ. އަނެއްކާވެސް ވަޒީފާއަށް ނުކުންނަން ފެށީމެވެ. އާދައިގެމަތިން ދިރިއުޅެން ފެށީމެވެ. ރޭގަނޑު ދެމައިން އެކުގައި ބޭރަށް ގޮސްލައި ފިހާރަތަކަށް ވެދެލައި ބައެއް ރޭރޭ ރެސްޓޯރަންޓްތަކުން ކައިހަދަން ފެށުމުން ހިތްހަމަޖެހުން ލިބެން ފެށިއެވެ. ނިދިނައުމުން ފުރޮޅި ފުރޮޅި އެނދުގައި އޮތުމުގެ ބަދަލުގައި ތެދުވެ ރޭއަޅުކަން ކުރަން ފެށުމުން ނުނިދިގެން އުޅެންޖެހުންވެސް ނިމުމަކަށް އައިސް މާޒީގެ މަތިން ހަނދާން ނެތުނެވެ. 

2 އަަހަރުފަހުން އެއް ރޭ ގެއިން ދެމައިން ނުކުންނަން އުޅެނިކޮށް ކުރީގެ ފިރިމީހާ ގެއަށް އައިސް ޑްރާމާތައް ޖައްސައި މޮޅުވާހަކަތައް ކިޔައިދެމުންގޮސް އަލުން ދެމީހުން އެކުގައި ދިރިއުޅެން ފަށަން ބޭނުން ކަމަށް ބުނުމުން ބުނީމެވެ. "ދެއްކި ހުރިހާ ވާހަކަތަކަށް އިޙްތިރާމްކުރަމެވެ. ނަމަވެސް ދެފިރިން ހުއްދައެއް ނޫނެވެ. ދެވަނަ ކައިވެނިކޮށްފީމެވެ. މިވަގުތު ފިރިމީހާ ހުރީ ރާއްޖެއިން ބޭރުގައެވެ. މާދަމާ އަންނާނެއެވެ. ދިރިއުޅޭނީވެސް އިރާދަކުރެއްވިއްޔާ މިގޭގައެވެ." 

އަޅުގަނޑު ދެއްކި ވާހަކަ އޭނާ ޤަބޫލެއް ނުކުރިއެވެ. އަދި އަންނާނެ ކަމަށް ބުނެފައި ނުކުމެގެންދިއައީއެވެ. އަނެއްރޭ މީހަކު ދޮރުގެ ބެލްޖެހުމުން ދޮރުހުޅުވީ ފިރިމީހާއެވެ. އޭނާ އައިސްހުރީ ފޮށިވެސް ހިފައިގެންނެވެ. ފިރިމީހާ އޭނާ ގެއަށް ވައްދައި މެހްމާންދާރީ އަދާކުރިއެވެ. އެއީ ދަރިފުޅުގެ ބައްޕަވީމައެވެ. 

ފިރިމީހާ ބުނީ ދަރިފުޅުގެ ބައްޕަވީމާ އުޅޭނެ ތަނެއް ނެތްނަމަ ތަނެއް ލިބެންދެން ގޭގައި މެހްމާނެއްގެ ގޮތުގައި މަޑުކުރެވިދާނެކަމަށެވެ. ނަމަވެސް ދަރިފުޅު އެކަމަށް ހުރަސްއެޅިއެވެ. ބުންޏެވެ. "އަހަރެމެން ވަރަށް ރުއީމެވެ. ބައްޕައަށް ވަރަށް އިންތިޒާރުކުރީމެވެ. ބައްޕަ ނައީއެވެ. މިހާރު ވަޤުތު ފާއިތުވެއްޖެއެވެ. ގޭގައި ބަހައްޓައިފިނަމަ ޖެހޭނީ މައްސަލަތަކެކެވެ. ވީމާ ކުރިންވެސް އުޅުނުތަނެއްގައި އުޅެންދާށެވެ." 

މިހާރު ދަރިފުޅަށް ދަރިން ލިބިއްޖެއެވެ. އަދިވެސް ދަރިފުޅުގެ ބައްޕަ ހިނގަނީ އަޅުގަނޑުމެން ކުށްވެރިކޮށް ވާހަކަދައްކަމުންނެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ކޮށްލަން ބޭނުންވަނީ ސުވާލެކެވެ. އޭނާ އެނބުރި އައުމުން ގެއަށް ނުވެއްދިކަން އެއީ ދަރިފުޅު ކުރި ކުށެއްތޯއެވެ؟ ނޫނީ އަޅުގަނޑު ކުރި ކުށެއްތޯއެވެ؟ އޭނާއަކީ ދަރިފުޅުގެ ބައްޕަ ވީމައި ކިތަންމެ ދުވަހެއްވީނަމަވެސް އެނބުރި އަންނާނެ ކަމުގެ އިންތިޒާރުގައި އިންނަން އަޅުގަނޑަށް ޖެހޭނެތޯއެވެ؟ 

ކޮންމެއަކަސް މިބާވަތުގެ މައްސަލަތައް މިޖެހެނީ އެމީހާގެ އަމިއްލަ އެދުން ބޮޑުވުމުން ނޫންތޯއެވެ؟ ތިމާއަށްވުރެ ދިހަ ބާރަ އަހަރު ހަގު ކުދިންނާއި ކައިވެނިކުރަމުން އަނބިދަރިން އުކަމުން ދުވާ މީހުން ހޭމިއަރަނީ ހޫނުފެންއެޅުނީމައެވެ. ހޫނުފެން އެޅެނީއެއްވެސް ނޫނެވެ. ނުފިހޭނެ ކަމަށް ބަލައި ހޫނުފެން އެއްޗަކަށް ފުންމައިލަނީއެވެ. ފިހުނީމާ ހޫނުފެން ކުށްވެރިކުރުމުން އެއީ އިޏްޞާފަކަށްވާނެތޯއެވެ؟ 

- ޚަދީޖާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް