އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުރަނގަޅު ކޮލޮސްޓްރޯލް މަތިވުން- ފުރާނައަށް އޮތް ބޮޑު ނުރަކަލެއް!: ރަނގަޅު ކޮލެސްޓްރޯލް އާއި ނުރަނގަޅު ކޮލެސްޓްރޯލްއާ ބެހޭ ގޮތުން އެނގެން ޖެހޭ ބައެއް މައުލޫމާތު-

ނުރަނގަޅު ކޮލޮސްޓްރޯލް މަތިވުން- ފުރާނައަށް އޮތް ބޮޑު ނުރަކަލެއް!: ރަނގަޅު ކޮލެސްޓްރޯލް އާއި ނުރަނގަޅު ކޮލެސްޓްރޯލްއާ ބެހޭ ގޮތުން އެނގެން ޖެހޭ ބައެއް މައުލޫމާތު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 45 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ދުނިޔޭގައި ލައްވައިފައިވާ އެންމެހައި ދިރޭ ތަކެއްޗެއްގެ އަސާސަކީ ސެލްއެވެ. ހުރިހާ ދިރޭތެކެއްޗެއް އުފެދިފައިވާ ސެލްއަކުންނެވެ. ނުވަތަ ސެލްތަތަކުންނެވެ. ގަސްގަހާ ގެއްސާއި، ޖަނަވާރުންގެ ސެލްތަކުގައި ބައެއް ފަރަގުތައް ހުރެއެވެ. އެގޮތުން ފާހަގަކޮށްލެއްވޭ އެއް ތަފާތަކީ ގަސްގަހާގެހީގެ ސެލްތަކުގައި ސެލްގެ ބޭރުން ލެވިފައިވާ ސެލްވޯލް ހުންނަކެމެވެ. އިންސާނުންނާއި، ޖަނަވާރުންގެ ސެލްތަކުގައި ސެލްވޯލްއެއް ނުހުރެއެވެ. ޖަނަވާރުންގެ ސެލްތަކުގެ އެންމެ ބޭރުފަށަލައަކަށް ހުންނަނީ ސެލްމެންބްރޭއެވެ. 

މިދެންނެވި ސެލްމެންބްރޭންގައި ހުންނަ މުހިންމު އެއް މާއްދާއަކީ ކޮލެސްޓްރޯލެއެވެ. ކޮލެސްޓްރޯލްއަކީ އުއް ފަދައިން ހުންނަ ސަރުބީގެ މާއްދާއެކެވެ. އިންސާނާގެ ހަށިގަނޑުގައި އެންމެ ގިނައިން މި މާއްދާ އުފައްދާ ގުނަވަނަކީ ލިވާ ނުވަތަ ފުރަމެއެވެ. ކޮލެސްޓްރޯލްގެ ތެރެއިން 75 ޕަސެންޓް ކޮލެސްޓްރޯލަކީ ހަށިގަނޑުގައި އުފައްދާ ކޮލެސްޓްރޯލެވެ. އަނެއް 25 ޕަސެންޓް ހިއްސާ ކުރަނީ ކާބޯތަކެތިން ލިބިދޭ ކޮލެސްޓްރޯލަށެވެ. 

ކޮލެސްޓްރޯލްގެ ވަޒީފާ: 

ކޮލެސްޓްރޯލްއަކީ ހަށިގަނޑުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ. އޭގެ ތެރޭގައި

•    ސްޓީރޮއިޑް ހޯމޯން އުފެއްދުމަށް އެހީތެރިވުން

•    ވިޑަމިންޑީ އުފެއްދުމަށް އެހީތެރިވުން

•    ބައިލް އެސިޑް އުފެއްދުމަށް އެހީތެރިވުން

•    ކޮލެސްޓްރޯލަކީ ސެލްމެންބްރެއިން ނުވަތަ ސެލްތަކުގެ ބޭރުފަށަލައިގައި ހުންނަ އެއްޗެއްކަމުން ސެލްތަކުގެ އެތެރެއަށް މާއްދާތައް ވަދެ ނުކުމެ އުޅުމަށް އެހީތެރިވެއެވެ. އަދި ސެލް ސިގްނަލް ކުރުމުގައި އެހީތެރިވުން. 

ކޮލެސްޓްރޯލް ލޭގައި ދައުރުވަނީ ކިހިނެއް؟ 

ތެލާއި ފެން އެކުނުވާ ބީދައިން ކޮލެސްޓްރޯލާއި ލެޔާ މިއީ އެކުނުވާ ދެ އެއްޗެކެވެ. އެހެންކަމުން ކޮލެސްޓްރޯލާއި، އެހެން ފެޓީއެސިޑްތައް ލޭގެ ތެރޭގައި ދައުރުވުމަށްޓަކައި އެހެން މާއްދާއެއްގެ އެހީތެރިކަމަށް ބޭނުންވެއެވެ. އެގޮތުން ކޮލެސްޓްރޯލް މޮލިކިއުލްތައް ގޮސް ތައްވަނީ ލިޕޯޕްރޮޓީން (lipoprotein) އޭ ކިޔާ މާއްދާއެއްގައެވެ. އެހެން އިބާރާތަކުން ދަންނަވަނީނަމަ ކޮލެސްޓްރޯލް އެއްތަނުން އަނެއްތަނަށް ދަތުރުކުރަނީ ލިޕޯޕްރޮޓީންގެ އެހީގައެވެ. ލިޕޯޕްރިޓީންގެ ދެވައްތަރެއް ހުރެއެވެ. އެއީ ހައިޑެންސިޓީ ލިޕޯފްރޮޓީން (high-density lipoprotein) ނުވަތަ އެޗްޑީއެލް (HDL) އާއި، ލޯޑެންސިޓީ ލިޕޯޕްރޮޓީން (low-density lipoprotein) ނުވަތަ އެލްޑީއެލް (LDL) އެވެ. 

ލިޕޯޕްރޮޓީންގެ ތެރެއިން އެޗްޑީއެލް ގައި ގިނައިން ހުންނަނީ ޕްރޮޓީންގެ ބައެވެ. ސަރުބީގެ ނުވަތަ ކޮލެސްޓްރޯލްގެ ބައި މަދުވާނެއެވެ. އެހެންކަމުން މިފަދަ ކޮލެސްޓްރޯލް ލޭބަލްވެފައިވަނީ ރަނގަޅު ކޮލެސްޓްރޯލްގެ ނަމުންނެވެ.  ނަމަވެސް ލޯޑެންސިޓީ ލިޕޯޕްރޮޓީން ނުވަތަ އެލްޑީއެލްގައި ސަރުބީގެ މިންވަރު އިތުރުވެފައި ޕްރޮޓީންގެ ބައި މަދުވާނެއެވެ. މިފަދަ ކޮލެސްޓްރޯލް ލޭބަލްވެފައިވަނީ ނުރަނގަޅު ކޮލެސްޓްރޯލްގެ ނަމުންނެވެ 

އެލްޑީއެލް: 

އެލްޑީއެލް ކޮލެސްޓްރޯލަކީ ނުރަނގަޅު ކޮލެސްޓްރޯލެވެ. މި ކޮލެސްޓްރޯލަކީ ހަށިގަނޑުގެ ތެރޭގައި ދައުރުވާ ކޮލެސްޓްރޯލޭވެސް ކިޔައެވެ. އެހެނީ ހަށިގަނޑުގެ ސެލްތަކަށް ބޭނުންވާ ކޮލެސްޓްރޯލް ލިބެނީ މި ބާވަތުގެ ކޮލެސްޓްރޯލްގެ ސަބަބުންނެވެ. ނަމަވެސް މި ބާވަތުގެ ކޮލެސްޓްރޯލް ލޭގައި މާ އިތުރުވެއްޖެނަމަ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. މިފަދަ ކޮލެސްޓްރޯލް ހުންނަން ޖެހޭ އެންމެ ރަނގަޅު މިންވަރަކީ  (100 mg/dL) އަށް ވުރެ ދަށުގައެވެ.  

އެޗްޑީއެލް : 

މިއީ ރަނގަޅު ކޮލެސްޓްރޯލެވެ. ނުރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު ހަށިގަނޑުގައި ދަށްކޮށް ބެހެއްޓުމަށް އެޗްޑީއެލް ކޮލެސްޓްރޯލް އެހީތެރިވެދެއެވެ. މިފަދަ ކޮލެސްޓްރޯލް ހުންނަން ޖެހޭ މިންވަރަކީ  (60 mg/dL) އަށް ވުރެ މަތީގައެވެ. ނުވަތަ (40 mg/dL) އަށް ވުރެ މަތީގައެވެ. 

ކޮލެސްޓްރޯލް މަތިވެއްޖެނަމަ ކުރިމަތިވެދާނެ ނުރައްކާ: 

ކުރިންވެސް ދެންނެވިފައިވާނެ ފަދައިން ރަނގަޅު ކޮލެސްޓްރޯލަކީ ނުރަނގަޅު ކޮލެސްޓްރޯލުގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ލޭގެ ތެރޭގައި ނުރަނގަޅު ކޮލެސްޓްރޯލް މާގިނަވެއްޖެނަމަ ނުރައްކާތެރި ޞިއްޙީ މައްސަލަތައް ކުރިމަތިވެއެވެ. އާންމު ގޮތެއްގައި ކޮލެސްޓްރޯލް މަތިވުމުން ދިމާވާ މައްސަލަތައް ގުޅެނީ ލޭހިނގުމުގެ ނިޒާމާއެވެ. އެގޮތުން ލޭގައި ކޮލެސްޓްރޯލް ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރުވެއްޖެނަމަ، ލޭ ހޮޅިތަކުގައި ކޮލެސްޓްރޯލް ޖަމާވާގޮތް މެދުވެރިވެއެވެ. މިގޮތަށް ލޭ ހޮޅިތަކުގައި ކޮލެސްޓްރޯލް ނުވަތަ ސަރުބީ ޖަމާވެއްޖެނަމަ ލޭ ހޮޅިތައް ހަނިވެއެވެ. ލޭ ދައުރުކުރުމަށް ދަތިތަކަކާ ނުވަތަ ހުރަސްތަކަކާ ކުރިމަތިވެއެވެ. 

މިދެންނެވިފަދައިން ލޭހޮޅިތަކުގައި ޖަމާވެފައިވާ ސަރުބީތައް ދުވަސްވީވަރަކަށް ހަރުވަމުން ދެއެވެ. މިކަމަށް ބޭސްވެރިކަމުގެ އިލްމުގައި (Atherosclerosis) އޭ ކިޔައެވެ. މިފަދަ ކަމެއް ސިކުނޑިއަށް ލޭ ފޮނުވައިދޭ ލޭހޮޅިއެއްގައި ދިމާވެއްޖެނަމަ ސިކުނޑިއަށް ލޭ ފޯރުކޮށް ނުދެވި، ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ހަމައެހެންމެ ހިތަށް ލޭ ފޯރުކޮށްދޭ ލޭ ހޮޅިއެއްގައި ސަރުބީ ޖަހައިގެން ބެދިއްޖެނަމަ، ހާރޓް އެޓޭކް ޖެހެއެވެ. 

ދެން ގެނެސްދޭ ލިޔުމެއްގައި ކޮލެސްޓްރޯލް ދަށްކުރުމަށްޓަކައި ނުވަތަ މަތިވިޔަ ނުދިނުމަށްޓަކައި ދިރިއުޅުމުގެ އާދަކާދަޔަށް ގެނެވިދާނެ ބައެއް ބަދަލުތަކަށް އަޅުވައިލާނެމެވެ. އިންޝާﷲ.

Advertisement

ކޮމެންޓް ކުރެއްވުމަށް