އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތާމަތަކާ ހިތްދަތިކަމުގެ ވަޤުތުތަކުގަ ޘާބިތުވާން ހިތްވަރު ލިބޭނެ މަގު- ޘާބިތުވެއްޖެނަމަ މަލާއިކަތުން އުފާވެރިކަމުގެ ޚަބަރު ދެއްވަވާނެ! އިން ޝާ ﷲ

ހިތާމަތަކާ ހިތްދަތިކަމުގެ ވަޤުތުތަކުގަ ޘާބިތުވާން ހިތްވަރު ލިބޭނެ މަގު- ޘާބިތުވެއްޖެނަމަ މަލާއިކަތުން އުފާވެރިކަމުގެ ޚަބަރު ދެއްވަވާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 43 ސިކުންތު

ތަކުރާރުކޮށް މިބުނަނީއެވެ. ތަޤްވާވެރިވުމާއި ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީ ހިތާމަތަކާއި ހިތްދަތިކަން ކުރިމަތިނުވާނެ ސަބަބެއް ނޫނެވެ. ތަޤްވާވެރިވުމުންނާއި ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން ކުރާނެ ފައިދާއަކީ ހިތާމަތަކާއި ހިތްދަތިކަމަށް ކެތްތެރިވުމުގެ ބާރުލިބުމެވެ. އެކަމުގައި ޘާބިތުވުމަށް ހިތްވަރު ލިބުމެވެ. 

ހިތާމައާއި ހިތްދަތިކަމުގެ ވަޤުތުތަކުގައި ޝައިޠޯނާ އައިސް ބުނާނެއެވެ. ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އޮތްނަމަ ތިބާއަށް ތިއަ ހިތްދަތިކަން ނުވަތަ މުޞީބާތް ކުރިމަތިކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ ތިބާއަށް އުފާވެރިކަން ނުދެއްވަވަނީ ކީއްވެގެން ހެއްޔެވެ؟ ހިތާމަތަކާއި ކަންބޮޑުވުންތަކުގައި އުޅެންޖެހުމަށް އިރާދަކުރައްވަވަނީ ކީއްވެގެން ހެއްޔެވެ؟ 

މިއީ މީސްތަކުންގެ ހިތްތަކުގައި ﷲ ތަޢާލާ އާއި މެދު އިތުބާރުކުޑަކުރުވައި މާޔޫސްކުރުވަން ޝައިޠޯނާ ބޭނުންކުރާ އެންމެ ބާރުގަދަ އުކުޅެވެ. މިމޭރުމުން ވިސްނައިދީ ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު މީހާ މާޔޫސްކުރުވަން ޝައިޠޯނާ މަސައްކަތްކުރާނެތެވެ. 

އެހެނަސް ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވަނީ ކިތަންމެ ދަތިޙާލަތުގައި ނަމަވެސް ކިތަންމެ ބޮޑު ބައްޔެއްގައި ނަމަވެސް ތިމަން ﷲ ގެ މަގުގައި ޘާބިތުވެ ހުރެއްޖެ މީހާ މަރުވާ ވަޤުތުގައިވެސް މަލާއިކަތުން ފައިބައި ވަޑައިގެން އެމީހަކަށްޓަކައި އުފާވެރިކަމުގެ ޚަބަރުތައް ދެއްވަވާނެ ކަމަށެވެ. 

އިތުބާރުކުރަންވީ ﷲ ތަޢާލާގެ މި ވަޙީބަސްފުޅުތަކަށެވެ. 

"ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ ﷲ  އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދުކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ."

(ފުއްޞިލަތު: 30) 

"ތިމަންބޭކަލުންނީ ދުނިޔޭގެ ޙަޔާތުގައްޔާއި، އާޚިރަތުގައި ތިޔަބައިމީހުންގެ އެހީތެރިންނެވެ. ތިޔަބައިމީހުންގެ ނަފްސް ތައް އެދޭހާކަމެއް އެދުވަހުން، ތިޔަބައިމީހުންނަށްޓަކައިވެއެވެ. އަދި (އުފަލާއި، އަރާމުގެތެރެއިން) ތިޔަބައިމީހުން ދަންނަވާހާކަމެއް ތިޔަބައިމީހުންނަށްވެއެވެ."

(ފުއްޞިލަތު: 3) 

"ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ކަލެއްގެ މެހުމާންދާރީއެއްގެ ގޮތުގައެވެ."

(ފުއްޞިލަތު: 32) 

"ތިބާއަށް އެއްވެސް ކަންބޮޑުވުމެއް ނެތެވެ. ތިބާވަނީ ﷲ ތަޢާލާގެ ހެޔޮ ރަޙްމަތުގައެވެ. ދުނިޔޭގައި ތިބާ އުޅުނުއިރު ޝައިޠޯނާގެ ކިބައިން ތިބާ ސަލާމަތްވުމަށް ކުރި މަސައްކަތްތަކަށް ވާގިވެރިވެ ތިބާއާއިއެކުގައި ތިބީ އަހުރެމެން (މަލާއިކަތުން) ނެވެ. މިއަދުވެސް މިތިބީ ހަމަ ތިބާއާއިއެކުގައެވެ." މިއަށްވުރެ އުފާވެރިކަން ބޮޑު ޚަބަރަކީ ކޮބައިހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިއަބައިމީހުން އެއްވެސް ވަރަކަށް ކަންބޮޑުނުވާށެވެ! ﷲ ތަޢާލާއަށް ވަކީލުކޮށް އެކަލާނގެ ރަޙްމަތަށް އެދިއެދި ތިބޭ ބައަކު ކަމުގައިވާށެވެ! ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރަމުން ގެންދާށެވެ! މަރުމަތީގައި ރަޙްމަތުގެ މަލާއިކަތުންނާއި ބައްދަލުކުރުމަށް އުންމީދުކުރާށެވެ!

 

- އުސްތާޛް ނޫމާން ޢަލީޚާން ގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް