އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމްދީން ސެކިއުލަރ ކުރެވިދާނެތަ؟ ބަރނަރޑް ލުވިސްގެ ނަޒަރު

އިސްލާމްދީން ސެކިއުލަރ ކުރެވިދާނެތަ؟ ބަރނަރޑް ލުވިސްގެ ނަޒަރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 9 ސިކުންތު

ޝަފީޢު ޢަބްދުﷲ 

ސެކިއުލަރިޒަމް ނުވަތަ ޢަލްމާނީ ފިކުރު އަޅުގަނޑުމެންގެ ތެރޭގައި ފަތުރާން މަސައްކަތްކުރާ ބައެއް މީހުން ބުނާ އެއް ވާހަކައަކީ، ސެކިއުލަރިޒަމަކީ އިސްލާމްދީނާ ފުށުއަރާ ފިކުރެއް ނޫން ކަމުގައެވެ. އެޔާ ޚިލާފަށް، އެއީ އިސްލާމްދީނާ ގުޅޭ ފިކުރެއް ކަމުގައެވެ. އަދި އިސްލާމީ ޤައުމެއްގައި ސެކިއުލަރިޒަމް ޤާއިމުކުރުމަކީ އެންމެ އެދެވިގެންވާ ރަނގަޅު ކަމެއް ކަމުގައެވެ. މިފަދަ ވާހަކަތަކެއް މި ދެންނެވި ބީދައިން ދައްކާނީ، އިސްލާމްދީނުގެ އަސްލު ޙަޤީޤަތް ނޭނގޭ މީހަކު ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އަދި އެފަދަ މީހަކަށް ސެކިއުލަރިޒަމަކީ ކޮބައިކަން ވެސް ނޭނގެނީ ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.

ބަރނަރޑް ލުވިސް (1916-2018މ) އަކީ، ހުޅަނގުގެ މުފައްކިރުންގެ ތެރެއިން އިނގިރޭސިވިލާތާއި އެމެރިކާއަށް ނިސްބަތްވާ މަޝްހޫރު މުފައްކިރެކެވެ. ތާރީޚު ދިރާސާކުރި މީހެކެވެ. ޚާއްޞަކޮށް، އޮރިއެންޓަލް ސްޓަޑީޒަށް އެންމެ މަޝްހޫރު އެކަކެވެ. އޭނާއަށް ދެވިފައިވާ ލަޤަބުތަކުގެ ތެރޭގައި "ހުޅަނގުގެ އެންމެ އަރައި ހުންނެވި މެދުއިރުމަތީގެ ތަރުޖަމާނު" ގެ ލަޤަބު ދެވިފައި ވެއެވެ. އިސްތިޝްރާޤީ މަސައްކަތްތަކުގެ ތެރޭގައި އިސްލާމްދީނާއި ޢަރަބި ޤައުމުތަކުގެ ތާރީޚާ ބެހޭގޮތުން ގިނަގުނަ ލިޔުންތަކެއް ލިޔެފައިވެއެވެ. ނަމަވެސް މި ދެންނެވި މަސައްކަތާއި ލިޔުންތަކުގައި އިސްތިޝްރާޤީ ކުލަވަރާއި ތަޢައްޞުބު ހުރުމަކީ އެކަށީގެންވާ ކަމެކެވެ. 

1996 ގައި ބަރނަރޑް " ޖާނަލް އޮފް ޑިމޮކްރަސީ" އަށް ލިޔުއްވައިފައިވާ "އިސްލާމް އެންޑް ލިބަރަލް ޑިމޮކްރަސީ: އަ ހިސްޓޮރިކަލް އޯވަރވީވް" މަޒުމޫނުގައި ލިޔުއްވައިފައި ވެއެވެ. "އިސްލާމްދީނަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދީނާއި ދައުލަތް އެކުވެފައިވާ ދީނެކެވެ.  މުޙައްމަދު(ގެފާނަކީ) ހަމައެކަނި ނަބިއްޔެއް ނޫނެވެ. އެއީ ވެރިއެއް ވެސް މެއެވެ. އެހެންކަމުން، އިސްލާމްދީން ބޮޑަށް ވައްތަރުވެފައިވަނީ އޯލްޑް ޓެސްޓްމަންޓުގައިވާ ޔަހޫދީ ދީނާއެވެ. އެއީ ނާޞާރާދީނާ ވަރަށް ތަފާތު ދީނެއްގެ ގޮތުގައެވެ. އެހެނީ، ނަޞާރާދީން ފާޅުވެ އެތައް ޤަރުނެއް ވަންދެން އޮތީ އެ ދީނުގެ އަހުލުވެރީންނަކީ (ރޯމަން އެމްޕަޔަރުގެ ފަރާތުން) ރަސްމީކޮށް ހައްޔަރުކުރެވި އަނިޔާ ލިބޭ ބައެއްގެ ގޮތުގައެވެ. ހަމަ އެހެންމެ، އެއަށް ފަހު ރޯމަން ދައުލަތުގެ ރަސްމީ ދީނަކަށް ނަޞާރާދީން ވިޔެއްކަމަކު، ވެރިކަމުގެ ބާރާއި ދީނާ (ރޫޙާނިއްޔަތާ) އޮތީ ވަރަށް ބޮޑަށް ބައިބައި ކުރެވިފައެވެ." 

މިތަނުގައި ބަރނަރޑް އެ އިޝާރާތް ކުރަނީ، އޯލްޑް ޓެސްޓްމަންޓުގައިވާ ޔަހޫދީ ދީނުގެ މުރާދަކީ، ބަނޫ އިސްރާއީލަށް މާތް ﷲ ފޮނުއްވި ރަސޫލު ބޭކަލުން ލީޑަރުންގެ ގޮތުގައި ހަނގުރާމަ ކުރައްވައި، ދައުލަތް ޤާއިމުކުރައްވައި، ޙުކުމް ކުރައްވައި، މި ހުރިހާ ދާއިރާއެއްގައި ވެސް އުޅުއްވި ވާހަކައެވެ. އޯލްޑް ޓަސްޓްމަންޓުގައި ނަބީބޭކަލުންގެ ވާހަކަތައް އައިސްފައިވަނީ އެފަދަ ގޮތަކަށެވެ. އެބޭކަލުން ތަދުބީރު ކުރައްވަމުން ގެންދެވީ ދީނާއި ދައުލަތެވެ. ނަމަވެސް ކްރިސްޓިއަން ދީން މިޔާ މުޅިން ޚިލާފެވެ. އެހެންކަމުން، ބަރނަރޑް އިޝާރާތް ކޮށްފައިވަނީ، މާތް ނަބިއްޔާ صلى الله عليه وسلم ވެސް ގެންދެވީ ދީނާއި ދުނިޔޭގެ ކަންކަން ކުރައްވައި ބަލަހައްޓަވައި ތަދުބީރު ކުރައްވަމުން ކަމަށެވެ. އަދި، އެއީ އިސްލާމްދީނަކީ ވެސް ދީނާއި ދައުލަތުގެ މައްޗަށް އެކުލެވިގެންވާ ދީނެއް ކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު