އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު
ދުނިޔޭގެ ހުރިހާ މުޖުތަމަޢުތަކަށް ބެލިނަމަވެސް ފާހަގަކުރެވޭ އެއްކަމަކީ އަދަބް އަޚްލާޤްގެ ފެންވަރު ދަށްވަމުން އަންނަކަމެވެ. ވާހަކަ ދައްކާ ބަހުރުވައިގެ ފެންވަރުވެސް ދަށްވަމުން އަންނަ ކަމެވެ. ސުވާލަކީ އަހުރެމެން އަލުން އެނބުރި ޖާހިލިއްޔަ ޒަމާނަށްދާންވީ ކީއްވެގެން ހެއްޔެވެ؟
އިސްލާމްދީން ކުރިއަރައިގެން އެންމެ ބޮޑު އެއް ސަބަބަކީ މުސްލިމުންގެ ކިބައިގައި ހުރި ރިވެތި އަޚްލާޤީ ސިފަތަކެވެ. ބަސްމޮށުންތެރިކަމުގައި ގެންގުޅުނު ރިވެތި އަދަބުތަކެވެ. އެކަންކަމަކީ މިއަދުވެސް ދޫކޮށްލަން ހެޔޮވާނެ ކަންކަމެއް ނޫނެވެ. ދޫކޮށްލައިގެން ލިބޭނެ އެއްވެސް މޮޅެއް ނެތްއިރު ލިބެމުންދާ ގެއްލުން އިންތިހާއަށް ބޮޑެވެ.
އެކުވެރިންގެ ތެރޭގައި ވާހަކަ ދެއްކިނަމަވެސް ރިވެތި ބަހުރުވައިން ވާހަކަދައްކާށެވެ. ނޫންނަމަ އެއީ އެމީހެއްގެ އަގު ވެއްޓޭނެ ކަމެކެވެ. އަދި ބޭއަދަބީ ކަމެކެވެ. ހަމައެއާއިއެކު ދެމަފިރިންގެ މެދުގައިވެސް ރިވެތި ބަހުރުވައިން މުޚާޠަބްކުރާށެވެ. ޚާއްޞަކޮށް މީހުންގެ ތެރޭގައި ވާހަކަދައްކާނަމަ ވަކިންބޮޑަށް އެކަމަށް ސަމާލުކަންދޭށެވެ.
ތިބާ ބުނާ ހުރިހާ ބަސްތަކެއް ތިބާގެ ފަތުގައި ލިޔެވިފައިވާނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާގެ ފަތް ހުޅުވާލެވޭނެ ވަޤުތު އެއިގައި ބޭއަދަބީ ބަސްތައް ހުރުމުން ލަދުވެތި ނުވާނަން ހެއްޔެވެ؟ އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި އެފަދަ ބަސްތަކެއް އެއްވެސް މީހެއްގެ ފަތުގައި ހުރުމަކަށް އެއްވެސް މީހަކު ނުއެދޭނެއެވެ. ވީމާ އެއީވެސް ވިސްނާލުން މުހިންމު ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
9 ނޮވެމްބަރ 2024