އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: މަންމައަށް ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތިގެން މަސައްކަތެއް ލިބޭތޯ ނުކުމެ އުޅުނު ކުޑަކުއްޖަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: މަންމައަށް ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތިގެން މަސައްކަތެއް ލިބޭތޯ ނުކުމެ އުޅުނު ކުޑަކުއްޖަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 32 ސިކުންތު

އަޅުގަނޑަކީވެސް ބައްޕައެއްގެ އެހީތެރިކަމާއި ނުލައި މަންމައަކު އެކަނި ބަލައި ބޮޑުކުރި ދަރިއަކީމެވެ. ބައްޕަގެ އެންމެ ދުރު ހަނދާނަކަށް ހުންނަނީ އަޅުގަނޑުގެ ޢުމުރުން 7 އަހަރުގައި ދަބަހެއް ހިފައިގެން ގެއިން ނުކުމެގެންދިއަކަމެވެ. 

ސިޓިންގ ރޫމްގައި އަޅުގަނޑާއި ދެކޮއްކޮ ކުޅެން ތިއްބައި ނުކުމެގެންދަމުން ބަލައިވެސް ނުލައެވެ. އަނގައަކުންވެސް ނުބުނެއެވެ. އެއިރު ވިސްނަން ނުއެނގޭތީ ބައްޕަ އެދިއައީ އެނބުރި ނުއަންނަން ކަމެއް ނުވެސް ވިސްނެއެވެ. ހީކުރީ މަސައްކަތު ކޮންމެވެސް ތަނަކަށް ދިއައީ ކަމަށެވެ. ބައްޕަ ދެން އެނބުރި ނުއަންނާނެކަން އެނގުނީ 3 ދުވަސްވީއިރުވެސް ބައްޕަ ނުފެންނާތީ މަންމަ އާއި ސުވާލުކުރަން ފެށުމުންނެވެ. 

ކުޑަކަމުން ބައްޕަ ނައުމުން ދެން ކަންކަން މެދުވެރިވާނެ ގޮތެއްވެސް ނުވިސްނެއެވެ. ހަފްތާއެއް ފަހުން ކުރިން ކައިއުޅުނު ގޮތަށް ކާން ނުލިބޭކަން ފާހަގަކުރެވުނެވެ. އެކަމާއި ދެރަވާކަށްވެސް ނުއެނގެއެވެ. 

ކޮންމެއަކަސް މަންމަ އަޅުގަނޑުމެން ބަލައި ބޮޑުކުރީ ވަރަށް ދަތިޙާލުގައެވެ. ގެއިން އެއްކޮޓަރި ކުއްޔަށްދީގެން ލިބުނު ފައިސާކޮޅުންނެވެ. މަންމަ އަކީވެސް ރަނގަޅު ފެންވަރަކަށް ކިޔަވައިގެންވެސް ހުރި އަންހެނެކެވެ. ވަޒީފާއަކަށް ނުދެވެނީ 3 ދަރިން ބަލަމުން ސްކޫލަށް ގެންދަމުން ގޭތެރޭގެ ކަންކަން ކުރަންޖެހޭތީއެވެ. 

ސްކޫލުން ނިމުމާއިއެކު ވަޒީފާއެއް ހޯދަން މަސައްކަތްފެށީމެވެ. 18 އަހަރު ނުފުރޭތީ އެކަމަކީ ފަސޭހަކަމަކަށް ނުވިއެވެ. އެހެންކަމާއިއެކުވެސް ވަޒީފާއެއް ހޯދަން މަސައްކަތްފެށީމެވެ. ފިހާރަތަކަށް ހިނގީމެވެ. 

ވަޒީފާއެއް އެހައި މުހިންމުވީ މަންމަ ބަލިވެ އުޅޭތީއެވެ. އަޅުގަނޑުމެންނަށް ޚަރަދުކޮށްފައި ބޭސްކުރާނެ ފައިސާ މަންމަގެ އަތުގައި ނުހުންނާތީއެވެ. އާދައިގެމަތިން އެއްދުވަހަކު ފިހާރައަކަށްވަދެ ވަޒީފާއެއް ދީފާނަންތޯ ސުވާލުކުރުމުން މިވަޤުތު ޖާގައެއް ނެތްކަމަށް ބުނީމާ ނުކުތްތަނުން ފެނުނީ މީހެއްގެ ވޮލެޓް ބިންމައްޗަށް ވެއްޓުނުތަނެވެ. 

އެކަމެއް އޭނާއަކަށް ނުއެނގެއެވެ. ގޮސް ސައިކަލަށް އަރައި ދުއްވާލަން އުޅެނިކޮށް ވޮލެޓް ނަގައިގެން ދުވެގޮސް އޭނާގެ އަތަށް ދިނީމައި އޭނާ ދިއައީ ސިއްސައިގެންނެވެ. އޭނާ ފުރަތަމަވެސް ބުނީ ސައިކަލުގެ ފަހަތަށް އެރުމަށެވެ. އެރީމައި ގޮވައިގެންދިއައީ އޭނާގެ އޮފީހަށެވެ. 

އޭނާ އަޅުގަނޑަށް ތަޢްރީފްކޮށްފައި ބުނީ ތިއައީ މިޒަމާނުގައި ތިއަ ޢުމުރުގެ މަދުކުއްޖެއްގެ ކިބައިން ނޫނީ ނުފެންނާނެ ކަމެއް ކަމަށެވެ. އެހެން ބުނެފައި އަޅުގަނޑުގެ ވާހަކައިން ސުވާލުކުރީމާ އަޅުގަނޑުގެ ޙާލުހުރި ގޮތް ކިޔައިދިނީމެވެ. 

އޭނާ އަޅުގަނޑު ގާތުގައި ބުނީ ވަޒީފާއެއް ހޯދަން އުޅުމުގެ ބަދަލުގައި ކޮލެޖަކަށްވަދެ ބޭނުން އެއްޗެއް ކިޔަވަން ފެށުމަށެވެ. ކޮލެޖުގެފީ ދައްކައިދިނުމުގެ އިތުރުން ކޮންމެ މަހަކުވެސް ފައިސާގެ ގޮތުން އެހީތެރިވެދޭނެ ކަމަށެވެ. އަދި ވަޤުތުވާވަރަކުން އޮފީހަށް އައިސް މަސައްކަތް ދަސްކުރުމަށެވެ. ފުރަތަމަ ރިސެޕްޝަނުގައި މަސައްކަތްކުރުމަށެވެ. އެހެން ބުނެފައި ހަދިޔާއަކަށް 2000 ރުފިޔާވެސް ދިނެވެ. އެހެންވެ އެދުވަހު ގެއަށް ދިއައީ ވަރަށް އުފަލުން ހުރެއެވެ. 

އަޅުގަނޑު ކިޔެވީ ވިޔަފާރި މެނޭޖްމަންޓް އެވެ. ކިޔަވައި ނިމި ސެޓްފިކެޓްވެސް ނުލިބެނީސް އޮފީހުން ދާއިމީ ވަޒީފާއެއް ހަމަޖައްސައިދީ ދިރިއުޅެވޭވަރުގެ މުސާރައެއް ދޭންފެށިއެވެ. މިއީ 5 އަހަރު ފަހެވެ. މިއަދު އަޅުގަނޑަކީ ތަނުގެ އެއް ވެރިއެކެވެ. ވެރިމީހާ އޭނާގެ އަމިއްލަ ދަރިއެކޭ އެއްގޮތަށް އަޅުގަނޑަށް ކަންތައްތައް ކޮށްދެއެވެ. އަމިއްލަ ދަރިންނަށްވުރެ ފައިސާގެ ކަންކަމުގައި އިތުބާރުކުރެއެވެ. 

އަޅުގަނޑުގެ މަންމަ ކޮށްދިން ޚިދުމަތުގެ އަގު އަޅުގަނޑުވެސް ދެން ތިބި ދެކޮއްކޮވެސް ވަޒަންކުރެއެވެ. މަންމަ މިގެންގުޅެނީ ހަމަ އުރާލައިގެންނެވެ. ދަތިވާނެ އަދި ހިތްހަމަނުޖެހޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަޅުގަނޑަށް މިހައި ބޮޑު ރަޙްމަތެއް ލިބުނީ މަންމައަށްޓަކައި، މަންމައަށް އެހީތެރިވާން، މަންމައަށް ބޭސްކޮށްދޭނެ ފައިސާ ހޯދުމުގެ ބޭނުމުގައި ވަޒީފާއެއް ހޯދަން އުޅެވުނީތީއެވެ. މިއީ އަޅުގަނޑު އެކަން ޤަބޫލުކުރާ ގޮތެވެ. 

އަޅުގަނޑުގެ ޙަޔާތުގައި ދިމާވި މިކަންކަމުގެ ވާހަކަ މިކިޔައިދިނީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތަކަށެވެ. އެދުވަހު ވޮލެޓު ހޮވާފައި އޭގައި ހުރި ފައިސާކޮޅުގެ ބޭނުންކޮށްލިނަމަ، އެއިގެ ބޭނުންނުކޮށް ތެދުވެރިވުމުން އަޅުގަނޑަށް މިލިބުނު ނިޢްމަތްތައް ލިބޭނީ ކިހިނެއްތޯއެވެ؟ ތެދުވެރިވާންވީ ހަމައެކަނި ހޮވާ ވޮލެޓަކަށް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ކަންކަމުގައެވެ. އެއިރުން އެމީހަކަށް ﷲ ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ 

- އަދުހަމް / މިއަދުނޫހުގެ ކިޔުންތެރިއަކަށް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


21%
ވ.ރަނގަޅު
21%
ރަނގަޅު
17%
އޯކޭ
39%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް