އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީނަށް ފުރައްސާރަކުރުމާ އެކަންކުރާ މީހުންނަށް ރުހި ފަހަތުގަ ހުރުން: ނުރައްކާތެރިކަންބޮޑު ޢަމަލެއް!

ދީނަށް ފުރައްސާރަކުރުމާ އެކަންކުރާ މީހުންނަށް ރުހި ފަހަތުގަ ހުރުން: ނުރައްކާތެރިކަންބޮޑު ޢަމަލެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 28 މިނެޓް, 12 ސިކުންތު

މިއަދު މި ދިވެހި މުޖްތަމައުގައި ދީނަށް މަލާމާތާ އެތަށް ފުރައްސާރައެއް ކުރެވުމުންދާއިރު އެފުރައްސާރަކުރެވޭ މީހުންގެ ފަހަތުގައި ގިނައަދަދަކަށް މުސްލިމް ދިވެހިރައްޔިތުން ޖަމާވެ ތިބޭމަންޒަރު ފެނޭ، އަދި އެފަދަމީހުންނަށް ހިތްވަރުދީ އަތްތިލަބަޑިޖަހާ ހިތްވަރުދޭ ތަންފެނޭ.

އަދި ރާއްޖޭގައި އެތަށް ދީނީ ތައުލީމު އުނގެނިގެން ތިއްބެވި ބޭފުޅުންތިބެމެ، އަދި ގިނައަދަދަކަށް ދީނީ ޖަމާއަތްތަކެއް ހަދާފައި އެބަވޭ، އެހެނަސް ދީނަށް އެތައް ފުރައްސާރަތަކެއް މިމުޖްތަމައުގައި ކުރެވެމުންދާއިރުވެސް މަދު ޝޭހަކުފިޔަވާ އެކަމާ ދެކޮޅަށް ފާޅުގައި އަޑުއުފުލާތަނެއް ނުފެނޭ، ސުވާލަކީ އެފަދަ ގިނަބޭބޭފުޅުން އަޑުނުއުފުލަނީކީއްވެހޭ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ފުރަތަމަ: ފުރައްސާރަ ކުރުން:

ފުރައްސާރަކުރުމުގައި ތަފާތު ދަރަޖަ ތަކެއް ވެއެވެ. އޭގެ ތެރޭގައި މިއްލަތުން ބޭރުވާވަރުގެ ބޮޑު ކުފުރާއި، ފިސްގާއި، ދެޙުކުމް ދެމެދަށް ފެތޭ ފަދަކަންތައްތައްހިމެނިގެންވެއެވެ.

1.ސުބްޙާނަހޫ ވަތަޢާލާ އަށް ނުވަތަ އެކަލާނގެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ނުވަތަ އެކަލާނގެ ބާވާލެއްވިފޮތަށް ފުރައްސާރަކޮށްފި މީހާ ވަނީ ދީނުން ބޭރުވެފައެވެ. ސޫރަތުއް ތައުބާގެ65 އިން 66 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. 

(وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّـهِ وَآيَاتِهِ وَرَ‌سُولِهِ كُنتُمْ تَسْتَهْزِئُونَ ﴿٦٥﴾ لَا تَعْتَذِرُ‌وا قَدْ كَفَرْ‌تُم بَعْدَ إِيمَانِكُمْ ۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِ‌مِينَ ﴿٦٦﴾)

މާނައަކީ: " ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤالކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނުވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި،އެކަލާނގެ آيةތަކާއި، އެކަލާނގެ رسولއާއަށް ހެއްޔެވެ؟ ތިޔަބައިމީހުން عذرނުދައްކާށެވެ! ތިޔަބައިމީހުން إيمانވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީكافر ވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށްތިމަންރަސްކަލާނގެ عفوކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބަޔަކު ކަމުގައިވީކަމަށްޓަކައެވެ." 

މިއީ ހުރިހާ ޢިލްމުވެރިން އިޖްމާޢުވެލައްވާމައްސަލައެކެވެ.

2.
މީސްތަކުންގެ ޛާތީ ކަންތަކަށް ފުރައްސާރަކުރުން، ނުވަތަ ދުނިޔަވީ ގޮތުން މީސްތަކުން ކުރަމުންގެ ގެންދާ ކަމަކަށްފުރައްސާރަކޮށް ހެދުން. 

މިފަދަ ކަންތައްތަކަކީ ފިސްގެކެވެ. ސޫރަތުލްޙުޖުރާތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. 

(يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ‌ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرً‌ا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرً‌ا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَـٰئِكَ هُمُ الظَّالِمُونَ)

މާނައަކީ: " އޭ إيمانވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކުއަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރިމީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައިވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ،އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދިތިޔަބައިމީހުންގެ އަމިއްލަ نفسތަކަށްعيبނުކިޔާށެވެ! (އެބަހީ: އެކަކުއަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަلقبތަކުން ނުގޮވާށެވެ!إيمانވުމަށްފަހު فاسقވުމުގެ ނަން ލިބުމަކީ،ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبةނުވި މީހާ(ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ."

3.މުސްލިމެއްގެ ދީންވެރި ކަމަށް ޓަކައި ނުވަތަ ސުންނަތާ އެއްގޮތަށް އުޅުމަށްމަސައްކަތް ކުރާތީ އެކަމާ ފުރައްސާރަ ކުރާނަމަ، އެކަންވެގެންދާނީމިއްލަތުން ބޭރުވުމާއި ފިސްގާއި ދެމެދުގެ ކަމަކަށެވެ. ފުރައްސާރަ ކުރަނީއެމުސްލިމަކު ތަބަޢަވެގެން ހުރި ޝަރީޢަތުގެ ޛާތަށް ކަމަށް ވަނީނަމަ،އެކަންވާނީ މިއްލަތުން ބޭރުވާ ވަރުގެ ކަމަކަށެވެ. ފުރައްސާރަ ކުރަނީ ސީދާމީހާ އަށް ކަމަށް ވަނީނަމަ، މިޘާލަކަށް އެމީހަކީ ދީންވެރިކަން ފާޅުކުރަންއެކަށީގެންވާ މީހެއް ނޫން ކަމަށް ބުނުން، ނުވަތަ އެމީހަކު ޢަމަލު ކުރަނީސުންނަތުން ޘާބިތުވާން އޮތް ވަރަށް ވުރެ ހަރުކަށިކޮށް ކަމަށް ބުނުން، ފަދަކަންތައް ވެގެންދާނީ ފިސްގަށެވެ.

ފަޟީލަތުއްޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ އާއި ސުވާލު ކުރެވުނެވެ.

މީހަކުއޭނާގެ ހެދުން ކުރުކޮށްފައި ހުންނާތީ ނުވަތަ ތުނބުޅި ދިގުކޮށްފައިހުންނާތީ މަލާމާތްކޮށް ފުރައްސާރަކޮށް ހަދާނަމަ،އެކަން ކުރާ މީހަކު ދީނުންބޭރުވާނެތޯއެވެ؟

ޖަވާބުގައިވިދާޅުވިއެވެ.

އެމީހަކު މަލާމާތް ކުރަނީ ދީނަށް ކަމަށް ވަނީނަމަ އެމީހަކު އެވަނީ މުރްތައްދުވެފައެވެ. ސޫރަތުއް ތައުބާގެ 65 އިން 66 އަށް މާތް ﷲ ވަޙީކުރައްވާފައިވެއެވެ.  

(وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّـهِ وَآيَاتِهِ وَرَ‌سُولِهِ كُنتُمْ تَسْتَهْزِئُونَ ﴿٦٥﴾ لَا تَعْتَذِرُ‌وا قَدْ كَفَرْ‌تُم بَعْدَ إِيمَانِكُمْ ۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِ‌مِينَ﴿٦٦﴾)  

މާނައަކީ: " ހަމަކަވަރުން،ކަލޭގެފާނު، އެއުރެންނާ سؤالކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަންކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި،ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންތިޔަ މަލާމާތްކޮށް އުޅުނީ، اللَّهއާއި، އެކަލާނގެ آيةތަކާއި، އެކަލާނގެرسولއާއަށް ހެއްޔެވެ؟ ތިޔަބައިމީހުން عذرނުދައްކާށެވެ! ތިޔަބައިމީހުންإيمانވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافرވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفوކުރެއްވިޔަސް،އަނެއްބަޔަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަމެވެ. އެއީ ހަމަކަށަވަރުން،އެއުރެން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ."

އެމީހަކު މަލާމާތްކޮށް ފުރައްސާރަކޮށް ހަދަނީ އެމީހަކު ހެދުން ކުރުކޮށް، ތުނބުޅިބަހައްޓާފައި، ދީނުގައި އައިސްފައިވާ އެހެން ކަންކަމުގައި ފަރުވާ ކުޑަކުރުމުން ކަމަށް ވެފައި،  އެމަލާމާތް ކުރަނީ ދީނުގެކަންތައް ފުރިހަމަ ނޫންކަމަށް ދެކިގެން ކަމަށް ވަނީނަމަ، އެއީ ދީނުން ބޭރުވާ ވަރުގެ ކަމެކެވެ. އެކަމެއް ކުރަނީ ސަމާސާ އަކަށް ނުވަތަ މަޖަލަކަށް ކަމަށް ވަނީނަމަ އެއީކުރުން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އެފަދަ މީހަކު ވަނީ ނުރައްކަލެއްގެމަތީގައެވެ. އެމީހެއްގެ މަގްޞަދަކީ ދީނަށް ފުރައްސާރަ ކުރުން ކަމަށްވަނީނަމަ ދީނުންބޭރުވާނެއެވެ.

ސޫރަތުލް އަންޢާމް ގެ 68 ވަނައާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

(وَإِذَا رَ‌أَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِ‌ضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِ‌ه ۚ وَإِمَّا يُنسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَ‌ىٰ مَعَ الْقَوْمِ الظَّالِمِين )

މާނައަކީ: " ތިމަންރަސްކަލާނގެ آيةތަކާމެދު ދޮގުވާހަކަ ދައްކައިއުޅޭ މީހުންކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ، އެއުރެން އެ ނޫން ވާހަކައެއްދައްކައިފުމަށް ދާނދެން އެއުރެންގެ ކިބައިން ވަކިވެވަޑައިގަންނަވާށެވެ! އަދި شيطانއާ ކަލޭގެފާނު ހަނދުމަނެތި ކޮށްފިނަމަ (އެކަން) ހަނދުމަވުމަށްފަހު، އަނިޔާވެރިވީ މީސްތަކުންނާއެކު ފަހެ، ކަލޭގެފާނުނީންނަވާށެވެ!" ވީމާ، އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަދައްކާތަނެއްގައި އަޑުއަހަން ހުރުމަކީ ޙަރާމް ކަމެކެވެ.

ދެވަނަ: ތިމާގެ ކުރިމަތީގައި ދީނަށް ފުރައްސާރަ ކުރެވޭ އިރު ކަންތައް ކުރަންވީ ކިހިނެއްތޯ؟

ތިމާގެ ކުރިމަތީގައި ދީނަށް ފުރައްސާރަ ކުރެވޭ އިރު އެކަން މަނާ ނުކޮށް ހުރެގެން ނުވާނެއެވެ. އަޅުގަޑުމެންގެ މިއުއްމަތަކީ އެންމެ ހެޔޮ އުއްމަތް ކަމުގައި ލައްވާފައިވަނީވެސް ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރާތީވެއެވެ. މުޖްތަމަޢުގައި ނުބައިކަންތައް ޢާއްމުވެ، ފެތުރިގެންގޮސް، އެކަންމަނާކުރުމުގައި އެންމެން ނުކުޅެދިއްޖެނަމަ އެންމެންގެ މައްޗަށް ޢާއްމު ކޯފާ އެއް ފޮނުއްވަފާނެއެވެ. ޖާބިރު-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ރަށެއްގެ އަހުލުވެރިން ބަންޑުން ޖެއްސެވުމަށް މާތް ﷲ ޖިބްރީލް ޢަލައިހިއްސަލާމް އަށް އެންގެވިއެވެ. އެހިނދު ޖިބްރީލް ޢަލައިހިއްސަލާމް ދެންނެވިއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އެރަށުގައި އިބަﷲ އަށް އެއްގޮތަކަށްވެސް އުރެދިފައިނުވާ ޞާލިޙް މީހަކު އެބަހުއްޓެވެ. ﷲ ވަޙީ ކުރެއްވިއެވެ. އެމީހާއިން ފަށްޓަވާށެވެ. އޭނާ  ދުވަހަކުވެސް ހެޔޮކަމަކަށް އަމުރުކޮށް މުންކަރާތެއް ނަހީއެއް ނުކުރެއެވެ".

އުއްމުލްމުއިމިނީނަ ޒައިނަބު ބިންތި ޖަޙްޝް ގެ ކިބައިން ރިވާވެގެންވެއެވެ. ތިމަންކަމަނާ ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ އަށް ދެންނެވީމެވެ. "ތިމަންމެންގެ ތެރޭގައި ޞާލިޙް ރަގަޅުމީހުން ތިއްބާ އަހަރުމެން ހަލާކުވެ ހިނގައިދާނެހެއްޔެވެ؟"، ޙަދީޘް ކުރެއްވިއެވެ. "އާއެކެވެ. ނުބައިކަންތައް ގިނަވެއްޖެ ނަމައެވެ".

ސުވާލުގެ ޖަވާބުގެ ޚުލާޞާ އެއްގެ ގޮތުން ދަންނަވަމެވެ. ﷲ އާއި އެކަލާންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަކި ގޮތަކަށް އަމުރު ކުރައްވާ އެންގެވުމުން އެކަމުގައި އަމިއްލަ ގޮތެއް ހެދުމުގެ އިޚްތިޔާރު އެއްވެސް މަޚްލޫގަކަށް ލިބިގެން ނުވެއެވެ. ސޫރަތުލް އަޙްޒާބުގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَ‌سُولُهُ أَمْرً‌ا أَن يَكُونَ لَهُمُ الْخِيَرَ‌ةُ مِنْ أَمْرِ‌هِمْ ۗ وَمَن يَعْصِ اللَّـهَ وَرَ‌سُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا)

މާނައަކީ: " އަދިاللَّهއާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمنފިރިހެނަކަށްވެސް، އަދި مؤمنއަންހެނަކަށްވެސް، އެއުރެންގެ އެކަމުގައިއެއުރެންނަށް اختيارއޮތުމަކީ ނެތްކަމެކެވެ. އަދި اللَّهއަށާއި، އެކަލާނގެرسولއާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާމަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ." ވީމާ، ދީނުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ލޮލާއި ބޮލުން ބަލައިގަތުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. އެފަދަ ކަންތަކަށް ފާޑުކިޔާ ފުރައްސާރަ ކުރާ މަޖިލިހެއްގައި އެމީހުންނަށް ތަރްޙީބު ދިނުމުގެ ގޮތުން އަތްތިލަބަޑި ޖަހާ ހެދުމަކީ އެމީހުންގެ މުންކަރާތުގައި ބައިވެރިވުން ނޫން ކަމަކަށް ނުވާނެއެވެ. އެހެންކަމަށްވަނީނަމަ، އެފަދަ ބަޔަކީ ޝައިޚުން ކަމުގައިވީނަމަވެސް، ދީނަށް ފުރައްސާރަ ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހުންނެވެ. ނޫންނަމަ ސޫރަތުލް އަންޢާމްގެ 68 ވަނަ އާޔަތުގައި އަންގަވާފައިވާ ފަދައިން އެތަނުން ދުރަށް ދާން ޖެހޭނެއެވެ. އަދި އެކަން މަނާ ކުރެވެން އޮތް ގޮތަކަށް މަނާކުރަންވެސް ޖެހޭނެއެވެ.

ގިޔާމަތްވުމުގެ ޢަލާމަތްތަކުގެ ތެރޭގައި ހިމެނޭ ދައްޖާލު ފާޅުވުމުގެ ވާހަކާގައިވެސް ވެއެވެ. ދައްޖާލު ފާޅުވާއިރު އޭނާގެ ނިތްކުރީގައި ބޮޑު އަކުރުން "ކާފިރު" ޖަހާފައި އިންނާނެއެވެ. ނަމަވެސް، އޭނާ އަށް ތަބަޢަވާ މީހުން މަދެއް ނުވާނެއެވެ. ހަމައެފަދައިން މިއަދު އަޅުގަޑުމެންނަށް މިފެންނަނީވެސް އެމަންޡަރެވެ. އެބައިމީހުން ތާޢީދު ކުރާ ފަރާތްތަކުން ކަނޑައެޅިގެން ނުބައި ހަދާކަން އިނގޭއިރުވެސް އެބައިމީހުންނާއި އެކުގައި އުޅެ، އެބައިމީހުންނަށް ތާޢީދު ކުރެވެނީއެވެ. މީ ހިތާމަ ހުރި ކަމެކެވެ. ކޮންމެ މީހަކު ކުރިނަމަވެސް ގޯސްކަމެއް ނަމަ ވާނީ ގޯސް ކަމަކަށެވެ. ރަގަޅު ކަމެއް ނަމަ ވާނީ ރަގަޅު ކަމަކަށެވެ.

ސޫރަތުއް ނިސާގެ 135 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ.

(يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّـهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَ‌بِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرً‌ا فَاللَّـهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا الْهَوَىٰ أَن تَعْدِلُوا ۚ وَإِن تَلْوُوا أَوْ تُعْرِ‌ضُوا فَإِنَّ اللَّـهَ كَانَ بِمَا تَعْمَلُونَ خَبِيرً‌ا)

މާނައަކީ: " އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން عدل إنصاف قائمކުރުމުގައިދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) اللَّه އަށްޓަކައި ހެކިބަސްއަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަنفس ތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި،ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ فقيرއަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، اللَّه، أولىކަން ބޮޑެވެ. ތިޔަބައިމީހުން عدلވެރިވުން ދޫކޮށް އަމިއްލަ އެދުމަށް تبعނުވާށެވެ! އަދި،ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުންއެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާعملތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّهވޮޑިގެންވެއެވެ."

ހަމައެފަދައިން ސޫރަތުލް މާއިދާގެ 8 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ.

(يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّـهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِ‌مَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَ‌بُ لِلتَّقْوَىٰ ۖ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ خَبِيرٌ‌ بِمَا تَعْمَلُونَ)

މާނައަކީ: " އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّهއަށްޓަކައިއެކަލާނގެ حقތައް ފުރިހަމަޔަށް قائمކުރާ، އަދިعدلއަށް ހެކިދޭ ބަޔަކުކަމުގައިވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން عدلވެރި ނުވުމުގެ މައްޗަށްބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން عدلވެރިވާށެވެ! އެގޮތް تقوىވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! ހަމަކަށަވަރުން،اللَّهއީ، ތިޔަބައިމީހުންކުރާ عملތައްމޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ވީމާ، ކިތައްމެ ރުޅި އައިނަމަވެސް، ހިތްހަމަ ނުޖެހުނު ނަމަވެސް ޙައްގު ގަބޫލު ކުރަން ޖެހޭނެއެވެ. ޢަދުލު އިންޞާފަށް ލޯބި ކުރަން ޖެހޭނެއެވެ. އިންސާފުން އެއްކިބާވާ ގޮތަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. والله أعلم.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް