އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާންމަސް ފެށެންވާއިރަށް ތަޤްވާގެ މާނަ މިގޮތަށް ޤަބޫލުކޮށް އަދި ޢަމަލުކުރާ މީހަކަށްވާންޖެހޭނެ!: މުފްތީ މެންކް

ރަމަޟާންމަސް ފެށެންވާއިރަށް ތަޤްވާގެ މާނަ މިގޮތަށް ޤަބޫލުކޮށް އަދި ޢަމަލުކުރާ މީހަކަށްވާންޖެހޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

މިއަހަރުގެ ރަމަޟާން މަސް އައިސް ޖެހުނީއެވެ. އެންމެ ގިނައިން އިވޭނެ އެއް އަޑަކީ ރޯދަ ފަރުޟުކުރެއްވެވުނީ ތިއަބައިމީހުންގެ ތަޤްވާވެރިކަން އިތުރުކުރުމަށް ކަމަށް ބުނެވޭ އަޑެވެ. ސުވާލަކީ ތަޤްވާވެރިކަމަކީ ކޮބައިހެއްޔެވެ؟ ޖަވާބަކީ އެއީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. 

ދެން އެހިސާބުން އުފައްދާ ސުވާލަކީ އަހުރެން އުފައްދަވައި އަހުރެންނަށް ބޭނުންވާ ހުރިހާ ކަންކަން ފުއްދަވައިދެއްވަވާ، އަހުރެންދެކެ ނުހަނު ލޯބިވެވޮޑިގެންވާ އަހުރެންގެ ވެރި ރައްބު ދެކެ ބިރުގަންނަވީ ކީއްވެގެން ހެއްޔެވެ؟ 

މިއީ ހަމަ ވަރަށް ރަނގަޅު ސުވާލެކެވެ. ޖަވާބަކީ ބިރުގަންނަވީ ހަމަ ތިއަބުނި ސަބަބުތަކަށްޓަކައެވެ. ކުރު ގޮތަކަށް ތިއަ ބުނެވުނީ ހަމަ ރަނގަޅަށެވެ. އެސަބަބުތަކަށްޓަކައި އަހުރެމެން ﷲ ތަޢާލާ ދެކެ ލޯބިވާތީއެވެ. އެންމެ ބޮޑަށް ލޯބިވާފަރާތަކީ ﷲ ތަޢާލާ ކަމުގައިވާތީއެވެ.

ދެން އުފައްދާނެ ސުވާލަކީ ލޯބިވުމަކީ ބިރުގަންނަންޖެހެންވީ ސަބަބެއް ހެއްޔެވެ؟ ޖަވާބަކީ އާނއެކެވެ. އެއީ ހަމަ ވަރަށް ބޮޑަށް ބިރުގަންނަން ޖެހޭނެ ސަބަބެކެވެ. ދުނިޔަވީ ގޮތުން ބެލިނަމަވެސް ބިރުގަންނަ ސަބަބެކެވެ. 

އެކަމުގެ ހެކިވެސް ދައްކައިފާނަމެވެ. ދެމީހަކު މިއުޅެނީ ވަރަށް ބޮޑަށް ލޯބިވެގެންނެވެ. އެދެމީހުން އެކަކު އަނެކަކު ދެކެ ތެދުވެރިކަމާއިއެކު ލޯބިވާނަމަ އަނެކާ ރުޅި އަންނާނެ އެއްވެސް ކަމެއް ކުރާނެ ހެއްޔެވެ؟ އަނެކާ ރުޅިއަތުވެދާނެ ކަމަށް ބެލެވޭ ކަމެއް ކުރާނެ ހެއްޔެވެ؟ ނުކުރާނެކަން ޔަޤީނެވެ. 

އެއީ ކީއްވެގެން ހެއްޔެވެ؟ އޭނާ ރުޅިއަތުވެދާނެކަމަށް ގަންނަ ބިރުންނެވެ. ތިމާ ދޫކޮށްލާފައި ހިނގައިދާނެ ކަމަށް ގަންނަބިރުންނެވެ. އެހެންވީމާ އެއޮތީ ލޯބިވާތީ ބިރުގަނެވިފައި ނޫންހެއްޔެވެ؟ 

ﷲ ތަޢާލާ ދެކެ ލޯބިވުމާއި ބިރުގަތުންވެސް އޮތީ ހަމަ މިފަދައިންނެވެ. އިޚްލާޞްތެރިކަމާއިއެކު ﷲ ތަޅާލާ ދެކެ ލޯބިވާނަމަ އެކަލާނގެ ނަހީކުރެއްވެވި އެއްވެސް ކަމެއް ނުކުރާނެއެވެ. ރުހިވޮޑި ނުގެންފާނެ ކަންކަންވެސް ނުކުރާނެއެވެ. އަދި އިންސާނަކަށްވީ އެފަދަ ކަމެއް ކުރެވުނު ނަމަވެސް އަވަހަށް ތައުބާވެ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާނެއެވެ. 

މިހައިވަރުން ތަޤްވާވެރިކަމާއި ﷲ ތަޢާލާ ދެކެ ލޯބިވުމާއި ﷲ ތަޢާލާއަށް ބިރުވެތިވުން ގުޅިލާމެހިފައިވާ ގޮތް އެނގިގެންދާނެ ކަމަށް އުންމީދުކުރަމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް