އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު
މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ކައިރިވަމުން އައިސް ތަންކޮޅެއް ދުރަށް އަތްދަމާލެވިއްޖެ ނަމަ އަތްފޯރާފަށަށް ގާތްވެއްޖެއެވެ. އެކަމަކު އަދިވެސް ހިތްހެޔޮކޮށް މޫނުދިމާކޮށްލަން ބޭނުންވާ ބައަކު އެންމެ ގާތް މީހުންގެ ތެރޭގައިވެސް އެބަތިއްބެވެ. ކީއްވެގެން ހެއްޔެވެ؟ ކުޑަކުޑަ ބިންކޮޅެއްގެ މައްސަލައިގައެވެ. މަދުފައިސާކޮޅެއްގެ މައްސަލައިގައެވެ. މައިންބަފައިންގެ މުދާ ބެހުމުގައި ނުވަތަ އެނޫންވެސް ގޮތަކުން ދިމާވެފައިވާ ކަމެއްގައެވެ.
މީސްތަކުންނޭވެ. ބޮޑު ޤައުމެއްގެ ބިމަށްވުރެ، ބޮޑުބޭންކެއްގައި ހުރި ހުރިހާ ފައިސާތަކަށްވުރެ މުހިންމީ ތިމާގެ ފާފަ ފުއްސަވައި ދެއްވެވުމެވެ. އާޚިރަތް ލިބުމެވެ. ސުވަރުގެ ވަދެވުމެވެ. ވީމާ ހިނގާފައި ހުންނަ މިބާވަތުގެ ކަންކަމަށް ނުވިސްނާށެވެ. އެ ކަމަކީ ހަމަ ޙަޤީޤަތުގައިވެސް އޮތް މައްސަލައަކަށްވެދާނެއެވެ. ތިބާއަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށްވެސް ވެދާނެއެވެ.
ވިސްނައިލާށެވެ! އެ ބިންކޮޅާއި އެ ފައިސާކޮޅު ނުލިބުނަސް ތިބާއަށް އެބަދިރިއުޅެވެއެވެ. އެހެންކަމަށްވާނަމަ ކަންބޮޑުވާންވީ ކޮންކަމަކާހެއްޔެވެ؟ މުހިންމީ ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ލިބުން ނޫންހެއްޔެވެ؟
ދުނިޔޭގައި ﷲ ތަޢާލާ އެންމެ ބޮޑު ތަނަވަސްކަމެއް ދެއްވެވީ ޤާރޫނުކަމަށްވާއިރު ތަނަވަސްކަން ބޮޑުވުމަކީ މަރިވެރިވާކަމެއް ނަމަ ޤާރޫނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ދެއްވެވީސް ނޫންހެއްޔެވެ؟ އެކަމަކު ބިމުގެ އަޑިއަށް ގަންބަވައިގަތީ ނޫންހެއްޔެވެ؟ އަދި ކޮންފަދަ ބޮޑު ނިކަމެތިކަމާއިއެކުގައި ހެއްޔެވެ؟ ޤިޔާމަތާއި ހަމައަށް ގެނބިގެނބި ހުންނަންޖެހޭނެ ގޮތުގައެވެ.
ވީމާ ފުރަތަމަ ކަމަކަށް އެންމެންގެމައްޗަށް ހިތްހެޔޮކޮށް ޝަޢްބާން މަހުގައި ﷲ ތަޢާލާ ފާފަފުއްސަވައި ދެއްވަވާ އަޅަކު ކަމުގައިވާން ގަދައަޅައި މަސައްކަތްކުރާށެވެ. ފާފަތައް ފުއްސވައި ދެއްވަވާފައިވާ އަޅެއްގެ ގޮތުގައި ރަމަޟާން މަހާއި ބައްދަލުކުރަން މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
19 މާޗް 2023