އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު
ފާފަތައްވެސް ވަނީ ދަރަޖަތަކަކަށް ބެހިގެންނެވެ. އެއިގެ ތެރެއިން އެއް ދަރަޖައަކީ އެންމެ ބޮޑެތި ފާފަތަކެވެ. އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވެސް އަހުރެންގެ ނަޒަރުގައި އެންމެ ބޮޑު އެއް ފާފައަކީ ތިމާއަށް ކުރެވުނު ފާފަތަކަށް ﷲ ތަޢާލާ ޢަފޫ ނުކުރައްވަވާނެ ކަމަށް ޤަބޫލުކުރެވުމެވެ.
އެހެނީ އެއިރުން އެކުރެވޭ ކަމަކީ ކިތަންމެ ގިނައިން އަދި ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް ތިމަންރަސްކަލާނގެ ޙަޟްރަތަށް އެނބުރި ތައުބާވެއްޖެނަމަ ފާފަ ފުއްސަވައި ދެއްވަވާނެ ކަމަށް އޮތް ވަޙީބަސްފުޅަށް އިންކާރުކުރެވެނީއެވެ. ޤުރްއާނަށް އިންކާރުކުރެވެނީއެވެ. އަދި އޮނަސައްތަ އިސްމުފުޅުގައި ހިމެނޭ "ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ" ނަންފުޅަށްވެސް އިންކާރުކުރެވެނީއެވެ.
މީސްތަކުންނޭވެ! ކުރެވުނީ ބޮޑު ފާފައެއްނަމަވެސް ކުޑަ ފާފައެއް ނަމަވެސް، އަދި ކުރެވިފައިވަނީ ކިތަންމެ ގިނަ ފާފަތަކެއް ނަމަވެސް ﷲ ތަޢާލާ ތިމާގެ ފާފަ ފުއްސަވައި ނުދެއްވަވާނެ ކަމަށް ޝައިޠޯނާ ބުނާ ބުނުން ޤަބޫލުނުކުރާށެވެ! އަދި ރަމަޟާން ަމސް އައުމުން ތައުބާވާން މަޑުނުކުރާށެވެ!
ތައުބާވުމަށް އަވަސްވެގަންނާށެވެ! ރަމަޟާން މަސް ބައްދަލުކުރުމުގެ ކުރިން ފުރިހަމަ ތައުބާއަކުން ތައުބާވާށެވެ! ތައުބާމަތީގައި ދެމިހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކަށް ނަމަވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި ރަޙްމަތްފުޅަށް ޝައްކުވެސް ނުކުރާށެވެ! މާޔޫސްވެސް ނުވާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
20 މާޗް 2023