އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު
މިއަދު މީސްތަކުންގެ މެދުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި އޮންނަ ފިތުނައަކީ ތިމާގެ ލޯބިވެރިޔާ ތިމާއަށް ނުލިބި އެހެން މީހަކާއި ކައިވެނިކުރުން، ކައިވެނި ރޫޅި ބައިވެރިޔާ އެހެން މީހަކާއި ކައިވެނިކުރުން ފަދަ ކަންކަމުގެ ސަބަބުން އުފެދޭ ފިތުނައެވެ. އެކަމުގެ ސަބަބުން ހިތުގައި އުފެދޭ ޙަސަދަވެރިކަން ފިތުނައަކަށް ބަދަލުވަނީއެވެ.
ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ.
"އަނެކާއަށް ކިތަންމެ ރީތި ބައިވެރިއެއް، ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބުނަސް ތިބާ ކަންބޮޑުވާންވީ ކީއްވެގެންހެއްޔެވެ؟ ތިބާއަށް ދެއްވަވަންހުރި ބައިވެރިޔާ ދެއްވަވާނީ ހަމަ ތިބާއަށެވެ! އަދި ތިބާއަށް ދެއްވަވަންހުރި ތަނަވަސް ކަމުން ޛައްރެއްގެ މިންވަރުވެސް މަދުނުކުރައްވަވައި ދެއްވަވާނީ ހަމަ ތިބާއަށެވެ!"
ފުރަތަމަ ވިދާޅުވެފައި އެވަނީ "އަނެކާއަށް ކިތަންމެ ރީތި ބައިވެރިއެއް" ލިބުނަސް ކަންބޮޑު ނުވުމަށެވެ. އޭނާއަށް އެލިބުނީ އޭނާއަށް ދެއްވަވަން އިރާދައިގައިވާ ބައިވެރިޔާއެވެ. ދެން އޮތީ ތިބާއަށް ލިބުނު ބައިވެރިޔާއެވެ. އެއީ ތިބާއަށް ދެއްވަވަން އިރާދައިގައިވާ ބައިވެރިޔާއެވެ.
މީގެ މާނައަކީ ރީތި، އެމީހާ ހިތް އެދޭ ބައިވެރިއަކު ހޯދަން މަސައްކަތް ނުކުރުމެއް ނޫނެވެ. އެއީ ނުކުރަންވީ ކަމެއް ނޫނެވެ. ފާހަގަކުރައްވާފައި އެވަނީ އަނެކާއަށް ލިބޭ ބައިވެރިޔާއާއިމެދު ޙަސަދަވެރިނުވުމަށެވެ. މިޘާލަކަށް ބުނާނަމަ ތިބާ ހިތްއެދޭ ބައިވެރިއަކު ހޯދަން މަސައްކަތްކުރަނިކޮށް އެމީހާ އެހެން މީހަކާއި ގުޅުނަސް އެމީހަކަށް ޙަސަދަވެރިނުވާށެވެ. އޭނާއަށް ހެޔޮދުޢާކުރާށެވެ!
"ތިބާއަށް ދެއްވަވަންހުރި ބައިވެރިޔާ ދެއްވަވާނީ ހަމަ ތިބާއަށެވެ!" މިބަސްފުޅަށް ވިސްނައިފިނަމަ މިއީ ވަރަށް ޙިކުމަތްތެރި ބަސްފުޅެކެވެ. ތިބާގެ ލޯބިވެރިޔާއަކީ ތިބާއަށް ލިބެންހުރި މީހަކުނަމަ ލިބޭނީ ހަމަ ތިބާއަށެވެ. ހަމައެފަދައިން ތިބާގެ ބައިވެރިޔާ ތިބާ އާއިއެކުގައި ޢުމުރަށް ވުމަށް އިރާދައިގައިވާނަމަ އެމީހާ ތިބާ އާއި ވަކިވެގެނެއް ނުދާނެއެވެ. ވީމާ މި 2 ޙާލަތަކީވެސް ހިތުގައި ޙަސަދަ ލައިގެން އުޅެންވީ ޙާލަތެއް ނޫނެވެ. މާޔޫސްވެ ހިތްދަތިކުރަންވީ ކަންކަމެއްވެސް ނޫނެވެ.
ދެން ވިދާޅުވެފައި އެވަނީ "އަނެކާއަށް ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބުނަސް ތިބާ ކަންބޮޑުވާންވީ ކީއްވެގެންހެއްޔެވެ؟ ތިބާއަށް ދެއްވަވަންހުރި ތަނަވަސް ކަމުން ޛައްރެއްގެ މިންވަރުވެސް މަދުނުކުރައްވަވައި ދެއްވަވާނީ ހަމަ ތިބާއަށެވެ!"
ވިސްނައިލާށެވެ! އެހެން މީހަކަށް ކިތަންމެ ގިނަ ނިޢްމަތްތަކެއް، ކިތަންމެ ބޮޑު ތަނަވަސްކަމެއް ދެއްވެވިނަމަވެސް އެކަމަކުން ތިބާއަށް ލިބޭނެ އެއްވެސް އުނިކަމެއް ނެތެވެ. ﷲ ތަޢާލާ ތިބާއަށް ދެއްވަވަން އިރާދަކުރައްވަވާފައިވާ މިންވަރުން ޛައްރެއްގެ މިންވަރުވެސް އުނި ނުކުރައްވަވައި ތިބާއަށް ދެއްވަވާނެތެވެ.
މި ދެ ޙަޤީޤަތް ޤަބޫލުކޮށްފި މީހަކަށް އެހެން މީހަކާއިމެދު ހަސަދަވެރިވާކަށް ނުޖެހޭނެއެވެ. ޙަސަދަވެރިވެވެނީ އެކަން ޤަބޫލުނުކުރެވޭތީއެވެ. ޙަސަދަވެރިކަމުން ހިތް ޠޯހިރުކޮށްގެން ހުރެވޭނީ މި ކަންތައް ހިތުގެ އަޑިން ޤަބޫލުކުރާ މީހަކަށެވެ.
Advertisement
21 މާޗް 2023