އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 40 ސިކުންތު
ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅުން މިއަހަރުގެ ރަމަޟާން މަސް އައިސް ބައްދަލުކުރީއެވެ. އިރާދަކުރެއްވެވިއްޔާ މާދަމާ މިއޮތީ ފުރަތަމަ ރޯދަހިފާނެ ދުވަހެވެ. މިފަދަ އުފާވެރި ދަނޑިވަޅުގައިވެސް އެބައެއްގެ މަތިން އަހުރެމެން ހަނދާންކުރަންޖެހޭނެ ބައަކު ވެއެވެ.
އެއީ ތަފާތު ކަންކަން ކުރިމަތިވުމުގެ ހިތްދަތިކަމުގައި ތިބި މީހުންނެވެ. އެމީހުން ރޯދަ ހިފަން ނުކައިތިބިނަމަވެސް ރޯދަ ފުރިހަމަކުރަންޖެހޭ އެހެން ކަންކަން އޮންނާނީ ނުކުރެވިފައެވެ. އެއީ ހާސްވުމާއި ކަންބޮޑުވުމުގައި ތިބޭނެތީއެވެ. މާޔޫސްކަމުގައި ތިބޭނެތީއެވެ.
އެހެންކަމުން މިގެނެސްދެނީ އެމީހުންގެ ހިތްތަކަށް އާރޯކަން ލިބި ހިތްވަރު ލިބި މާޔޫސްކަން ފިލިވައިލެވޭނެ ބަސްކޮޅެކެވެ. އިން ޝާ ﷲ
މީސްތަކުންނޭވެ! ދީނުގެ ކަންކަމުގައި ތިބާއަށްވުރެ ކުރިއަރާފައިވާ މީހުންނާއިމެދުގައި ނޫނީ ނުވިސްނާށެވެ! އެމީހުންނާއިމެދު ވިސްނައި އެމީހުންނަށްވުރެވެސް ކުރިއަރަން ގަދައަޅައި މަސައްކަތްކުރާށެވެ!
ދުނިޔަވީ ކަމެއްގައި މީހަކު ކުރިރައިގޮސްފައިވީނަމަވެސް އެކަމަށް ކަންބޮޑުނުވާށެވެ! އެކަމަށް ނުވެސް ވިސްނާށެވެ! އެމީހާގެ ކުރިއެރުމަށް އުފާކުރާށެވެ! ތިމާއަށް ދެއްވަވަން ކަނޑައަޅުއްވަވާފައިވާ މިންވަރު ދެއްވަވާނެކަން ޔަޤީންކުރާށެވެ!
ކިތަންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހުނަސް، ދަތިޙާލެއްގައި އުޅެންޖެހުނަސް ތިމާއަށްވުރެ ބޮޑު ނިޢްމަތުގައި އުޅޭ މީހުންނަށް ނުބަލައި ތިމާއަށްވުރެ ދަތިޙާލުގައި، ތިމާއަށްވުރެ ހިތްދަތިކަމުގައި އުޅޭ މީހުންނަށް ބަލަން ދީނުގައި އޮތީ އެހެންވެގެންނެވެ.
މީގެ އިތުރުން ކަންބޮޑުވާންޖެހޭ ޙާލަތުގައި މީހާ މާޔޫސްކުރުވައި ޑިޕްރެޝަނަށް ވައްތައިލަނީ ޝައިޠޯނާކަން ދަންނަންވާނެއެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅުން ތިމާ މަޙްރޫމްވެއްޖެކަން ވިސްނައިދެނީ ޝައިޠޯނާއެވެ. މިންވަރުފުޅާއިމެދު މާޔޫސްކުރުވަނީވެސް ޝައިޠޯނާއެވެ. ޝައިޠޯނާގެ ބޭނުމަކީ ތިބާ މާޔޫސްކުރުވައި ދީނާއި ދުރުކުރުވުމެވެ. ކަންބޮޑުވުމުގައި އުޅެން ހަދައިގެން އަޅުކަން ކުރުމަށް ހުރަސް އެޅުވުމެވެ.
ޙައްލު:
ކަންބޮޑުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް ކުރިމަތިވެވަޑައިގެންނެވި ނަމަވެސް ރަސޫލް ﷺ އަވަސްވެވަޑައިގަތީ 2 ރަކްޢަތް ނަމާދެއް ކުރެއްވެވުމަށެވެ. ވީމާ އެއީ ފުރަތަމަ ފަރުވާއެވެ.
ދެވަނައަށް އޮތީ ޛިކުރުކުރުމާއި ދުޢާކުރުމެވެ. ދުޢާއަކީ ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި ކުރެވޭ ސީދާ މުޢާމަލާތެކެވެ. ތިބާ ކުރާ ދުޢާ ﷲ ތަޢާލާ ވަޤުތުން އައްސަވައި ވޮޑިގެންވެއެވެ. ޢިޖާބަވެސް ކުރައްވަވަތެވެ. ޢިޖާބަވެގެން އަހުރެމެންނާއި ހަމައަށް އެނބުރި އައުން ލަސްވެލުމަކީ އެއްވެސް ޙާލެއްގައި ޢިޖާބަ ނުކުރެއްވެވުމެއް ނޫނެވެ.
"ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން މުއްމިނުން ކަމުގައި ވާނަމައެވެ."
(އާލް އިމްރާން: 139)
ވީމާ އަހަރެމެންނަކީ ފިނދީވެ ނިކަމެތިވެގެންވާނެ ބައެއް ނޫނެވެ. ހިތާމަކުރަންޖެހޭނެ ބައެއްވެސް ނޫނެވެ. އަހަރެމެންނަށް ކާމިޔާބުވެސް ލިބޭނެއެވެ. އުފާވެރިކަންވެސް ދެއްވަވާނެއެވެ. އޮތީ ހަމަ އެންމެ ޝަރުޠެކެވެ. އެއީ ފުރިހަަމ ގޮތުގައި މުއްމިނުންކަމުގައިވުމެވެ.
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން
Advertisement
22 މާޗް 2023