އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހާ ކުރިމަތިލާއިރު އެހެން މީހުންނަށްޓަކާ ހެޔޮދުޢާކުރާ މީހަކަށްވުމުގެ ފައިދާ ކިހާބޮޑުކަން އެނގޭހެއްޔެވެ؟

ރަމަޟާން މަހާ ކުރިމަތިލާއިރު އެހެން މީހުންނަށްޓަކާ ހެޔޮދުޢާކުރާ މީހަކަށްވުމުގެ ފައިދާ ކިހާބޮޑުކަން އެނގޭހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

އެެހން މީހުންނަށްޓަކައި ހެޔޮދުޢާކުރުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް އެންމެ ފައިދާހުރި ގޮތެވެ! އެހެނީ އަޚާއަށް ނުއަންގައި އޭނާއަށްޓަކައި ހެޔޮދުޢާކުރުމުން ދުޢާކުރި މީހާއަށްވެސް ހަމައެފަދައިން ރަޙްމަތް ލެއްވެވުން އެދިވަޑައިގެން މަލާއިކަތަކު ދުޢާކުރައްވަވާނެތެވެ.

އިތުރަށް ވިސްނައިލާށެވެ! ރަމަޟާން މަހަށް ކުރިމަތިލުމަށްޓަކައިވެސް ކުރަން އެންމެ މުހިންމު ކަމަކީ އެމީހާގެ އީމާންކަން ފުރިހަމަކުރުމެވެ. އީމާންކަން ފުރިހަމަ ނުވުމަކީ ނަރަކައިގައި މުއްދަތެއް ހޭދަކުރަންޖެހިދާނެ ކަމެއްކަން ކުރީ ދަރުސެއްގައި ބަޔާންކުރީމެވެ.

ވީމާ އަހަރެމެންނަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި އާއި ފާފަ ފުއްސެވުން އެދި ދުޢާކުރާއިރު އެހެން މީހުންގެ މައްޗަށްވެސް ހަމަ އެފަދައިން ދުޢާކުރަން ވާނެއެވެ. އެހެންކަމުން ރަމަޟާން މަހުގެ ފުރިހަމަ ސަވާބާއި ދަރުމަ ލިބިގަތުމަށް ކުރާ މަސައްކަތުގައި މިކަމަށް ދޭ ސަމާލުކަން ވަރަށް ބޮޑަށް އިތުރުކުރަން ވާނެއެވެ. އެހެނީ އެހެނީ އެހެން މީހުންނަށްޓަކައި ހެޔޮދުޢާކުރުމަކީ އީމާންކަން ފުރިހަމަކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އެންމެ ދީލަތިވަންތަކަން ބޮޑު ގޮތެއްގައި ﷲ ތަޢާލާ މީސްތަކުންނަށް މަޢާފްކުރައްވަވައި ނަރަކައިން ސަލާމަތް ކުރައްވަވަނީ ރަމަޟާން މަހުގައެވެ. އެންމެ ގިނަ ބައެއްގެ ފާފަތައް ފުއްސަވައި ދެއްވަވަނީ ރަމަޟާން މަހުގައެވެ. އެހެންކަމުން އަހަރެމެން މުސްލިމުންވެސް ތިބެންވާނީ މަޢާފްކުރާ ބައެއްގެ ގޮތުގައެވެ. އެހެން މީހުންގެ މައްޗަސްވެސް ހެޔޮ ދުޢާ ކުރާ ބައެއްގެ ގޮތުގައެވެ.

މިސާލަކަށް ބުނާނަމަ ރަމަޟާން މަހު އަހަރެމެން އެންމެ ގިނައިން ދުޢާ ކުރާނީ އަހަރެމެންގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިއެވެ. ނަމަވެސް އަހަރެމެން އެހެން މީހުންނަށް މަޢާފްކޮށް ހެޔޮ ދުޢާ ނުކުރީމާ ކަމަކު ނުދޭ ނޫންހެއްޔެވެ؟ ވީމާ ﷲ ތަޢާލާގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދޭއިރު އަހަރެމެންނަކީ މީސްތަކުންނަށް މަޢާފްކުރާ ބައަކަށްވާން އެބަ ޖެހެއެވެ. އެހެން މީހުންނަށް ވެސް ހެޔޮ ދުޢާކުރާ ބައަކަށް ވެސް ވާން އެބަޖެހެއެވެ.

އިސްލާމް ކަމުގެ ފުރަތަމަ ރުކުނަކީ އީމާންކަމެވެ. އީމާންކަން ފުރިހަމަވަނީ ތިމާއަށް އެދޭ އެންމެހައިކަންކަން އެހެން މީހުންނަށްވެސް ލިބުން އެދިގެންނެވެ. މިއީ އެންމެން ވެސް ދަންނަ އެންމެ އަސާސީ އެއް ކަންތަކެވެ. ނަމަވެސް އަމަލުކުރުމުގައި ވަރަށް ބޮޑަށް އިހްމާލުވެވިފައިވާ ކަމެކެވެ.

ވީމާ އަހަރެންގެ ނަޞޭޙަތަކީ ކޮންމެ މުސްލިމަކުވެސް ދުޢާ ކުރާއިރު އެންމެނެގެ މައްޗަށް ހެޔޮ ދުޢާކުރުމެވެ. ދުނިޔޭގައި ތިބި މީހުންނާއި މަރުވެ ގޮސްފައިވާ އެންމެންވެސް ހިމަނައިގެންނެވެ. ޚާއްޞަކޮށް އެމީހެއްގެ މައިން ބަފައިންނާއި ޢާއިލާގެ މީހުންގެ މައްޗަށް ހެޔޮ ދުޢާކުރަންވާނެއެވެ. އެއިން މީހަކު މަރުވެފައިވާނަމަ ހެޔޮ ދުޢާކުރުން އިތުރުކުރަންވާނެއެވެ. އެހެނީ އެމީހަކު މަރުވުމުން އެމީހަކަށް އެވަނީ ޤިޔާމަތް ވެފައެވެ. ފާފަ ފުއްސަވައި ދެއްވެވުން އެދި އެމީހަކަށް އަމިއްލައަށް ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނުއޮންނާނެތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް